ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު މެމްބަރު ޝަފީގަށް: އެއްވެސް ބަހުސްއެއްގައި ބައިވެރިވެވުނުކަމަށް ފާހަގައެއް ނުވޭ!

ރައީސް ނަޝީދު އަދި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ވަރަކަށް އެއްވެސް ދުވަހަކު މަޖިލީހުގެ ބަހުސްއެއްގެ ތެރެއަށް ވަދެވަޑައިގެންނެވިކަން ފާހަގަނުކުރެއްވޭކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ހުށައެޅުއްވި ގަރާރާއިމެދު ވާހަކަދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޝަފީގު އިތުރު ބަދަލުތަކެއްވެސް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ.

ޝަފީގު ވިދާޅުވީ، މިނިވަންމުއައްސަސާތަކަށް މީހުން ނެގުމުގެ ތެރެއިން މިހާރު ގެންގުޅެމުންދާ އުސޫލަކީ އެންމެ އިންސާފުވެރި އުސޫލެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެ މީހެއްގެ ތަޖުރިބާ އާއި އިލްމަށް ދެވޭ މާކްސް ފެންނަން ނޯންނަ ކަމަށެވެ. ޝަފީގު ވިދާޅުވީ، އެކަން އެގޮތުގެ މަތިން ކުރެވިގެން ނުވާކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ޝަފީގު ވިދާޅުވީ 19 ވަނަ މަޖިލީސް ފެށުނު އިރު އެ މެމްބަރަކަށް ލިބޭ މާކްސް ފެންނަން އޮންނަ ކަމަށެވެ. އަދި މާކްސް ލިބިގެންދަނި ތަޖުރިބާ އާއި ތައުލީމާއި އިންޓަރވިއުގެ މަރުހަލާގެ ތެރެއިން ކަންކަމުގެ މައްޗަށް ރިއާޔަތްކޮށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަފީގު ވިދާޅުވީ، 19 ވަނަ މަޖިލިސް ފެށިގެން އައުމާއިއެކު ބައެއް މެމްބަރުންގެ ވިސްނުން ބަދަލުވެ، އެ އުސޫލަށް ބަދަލު ގެންނެވިކަމަށެވެ. އޭނާ ވިދާލުވީ، ގަވައިދަށް ބަދަލު ގެނައުމުގެ ވާހަކަތައް ދެކެވޭ މާހައުލުގައި އެކަން ކުރިން އޮތް ގޮތަށް ބަދަލު ކުރުމާއިމެދުވެސް ވާހަކަދެކެވެން ޖެހޭކަމަށެވެ.

އޭނާ ވިދާޅުވީ، މަޖިލީހުގެ ގަވައިދަށް އެއް ބަދަލުގެނެސްގެން ފަރުޖެއްސެން ނެތްކަމަށެވެ. ހައްލުކުރަންޖެހޭ ކަންކަން ފެންމަތިވަމުންދާކަމަށް ފާހަގަކުރައްވާ ޝަފީގު ވިދާޅުވީ، މަޖިލީހުގެ ރައީސްއަށް ބަހުސްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަން ރައީސް ނަޝީދަށް ބައެއް މެމްބަރުން ހަނދުމަކޮށްދެއްވާކަމަށެވެ.

އޭނާ ވިދާޅުވީ، ގަވައިދުގައި ވާގޮތަށް އަމަލުކުރައްވަންޖެހޭނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، މަޖިލީހުގައި ހިނގަމުންދާ ބަހުސްތަކާއި ކޮމިޓީ ބައްދަލުވުމެއް ހުށައަޅާ މައްސަލައާއިމެދު ރައީސް ދެކޭ ގޮތް ހާމަކޮށްގެން ނުވާނެކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް ޖަލްސާ އަދި ކޮމެޓީ ބައްދަލުވުންތަކުގައި ކަންކަން ރަނގަޅަށް ގެންދާނެ ގޮތާއިމެދު މަސްވަރާ ކުރެވިދާނެކަމަށް ގަވައިދުގައި އޮތްކަމަށްވެސް ޝަފީގު ފާހަގަކުރެއްވިއެވެ. އެހެންވީމާ އެކަމަށްވެސް ބަދަލެއް ގެނައުމަށް ފެނިވަޑައިގަންނަވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަފީގު ވިދާޅުވީ، މަޖިލީހުގެ ރައީސްއަށް ބަހުސްތަކުގައި ބައިވެރިވެވަޑައިގެންނެވޭނޭ ގޮތަށް އޮތުމުގައިވެސް މައްސަލައެއް ނެތްކަމަށެވެ. އެހެންނަމަވެސް ގަވައިދު ކަމެއް ވަކި ގޮތަކަށް ބަޔާންކޮށްފައިވާ ހިނދު ބަހުސްގައި ބައިވެރިވެވަޑައިގަންނަމުންދާނަމަ، އަމަލު ކުރައްވަމުންދަނީ އެކަށީގެންވާ ގޮތުގެ މަތިން ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާސަތުން ބަހުސްގައި ބައިވެރިވެވަޑައިގެންނެވޭ އިންތިޒާމެއް ހަމަޖެއްސުމަށް ބޭނުންވެވަޑައިގަންނަވާ ނަމަ އެފަދަ ބަދަލެއްވެސް ގެންނަންޖެހޭކަމަށް ސިފަކުރައްވާ އޭނާ ވިދާޅުވީ، މި ވަގުތަކީ ގަވައިދުގައި ހުރި މައްސަލަތައް ފާހަގަކޮށް ބޮޑު ބަދަލުތަކެއް ގެންނަންވީ ވަގުތުކަމަށެވެ.

“އަޅުގަނޑަށް އެއްވެސް ދުވަހެއްގައެއް ފާހަގައެއް ނުވޭ އަޅުގަނޑު ބަހުސްއެއްގައި ބައިވެރިވެވުނު ތަނެއް، އަނގައިން އެއްޗެއް ބުނުމަކީ ބަހުސްގައި ބައިވެރިވުންކަމަށް އަޅުގަނޑު ހިތުން އަދި ދެކުން އެއީ ރަނގަޅު ގޮތަކަށް ނުވާނެ، ހައްތަހާވެސް އަޅުގަނޑު މަސައްކަތްކުރަމުން މި ގެންދަނީ އަދި ހުރިހާ މެމްބަރުންނަށްވެސް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ޔަގީންކޮށް އަރުވަނީ މި މަޖިލީހުގައި ރާއްޖޭގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ހޯދައިދިނުމުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ފަހަތަށް ނުޖެހި މަސައްކަތްކުރަމުންދާނަން.”

ޝަފީގުގެ ވާހަކަތަކަށް ރައީސް ނަޝީދު ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ގަވައިދު އޮތް ގޮތް ވިދާޅުވެދެއްވި އިރު، އޭގައި މަޖިލީހުގެ ކަންކަން ރަނގަޅު ކުރަން މަޖިލީހުގެ ރައީސްއަށް ހިޔާލު ފާޅުކޮށް ހެދޭނެކަން އޮތް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެއްވެސް ދުވަހެއްގައި ބަހުސްގައި ބައިވެރިވެވަޑައިގެންނެވިކަން ފާހަގަނުކުރެއްވޭކަމަށެވެ. އަދި އަނގައިން އެއްޗެއް ބުނެލުމަކީ ބަހުސްގައި ބައިވެރިވުންކަމަށް ދެކިވަޑައިގަތުމަކީ މެމްބަރުން ގެންގުޅުއްވާ ނުރަނގަޅު ވިސްނުމެއްކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

“ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެމްބަރުން ތިއްބަވާދާނެ، އަދި މަޖިލީހުގެ ރިޔާސަތައް އިންތިހާއަށް ރުހިވަޑައިނުގަންނަވާ ބޭފުޅުންވެސް އަޅުގަނޑަށް ޔަގީން ތިއްބަވާކަން އެހެންނަމަވެސް އަޅުގަނޑު އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުމުގައާއި ގާނޫނު ހެދުމުގައާއި މި ދެ އަސާސީ މަސައްކަތުގައި މަޖިލީހުގެ އެކި އެކި ވަސީލަތްތައް ބޭނުންކޮށްގެން މަޖިލީހު ގަވައިދު ތަންދޭ އެކި އެކި ވަސީލަތްތައް ބޭނުކޮށްގެން އެކަންކަން ކުރުމަށް އެކަން ކަން ކުރާ އިރުގައި އަދި އެކަންކަން ކުރުމަށް މަގުފަހިކޮށްދޭ އިރުގައި އަޅުގަނޑު ބައެއް ފަހަރު އެއްޗެތި ބުނާނެ، އެހެންނަމަވެސް އިއްޒަތްތެރި މެމްބަރުން ބައްލަވާލައްވައިފިނަމަ އެއީ އަޅުނޑު ބަހުސްގައި ބައިވެރިވެ ދައްކާ ވާހަކައެއް ނޫންކަން ސާފުވެވަޑައިގަންނަވާނެ”

އެމަނިކުފާނު ވިދާޅުވީ، ކުރައްވަމުންދަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ހޯދައިނުމަށްކަން ޔަގީންކޮށްދެއްވާކަމަށެވެ. އަދި އެ މަސައްކަތްތަކުގައި ސާބިތުވެ ހުންނަވާނެކަމުގެ ޔަގީންކަންވެސް ދެއްކިއެވެ.

ސަރުކާރަށް ތާއީދު ކުރައްވާ ބޭފުޅުންނާއި އެމަނިކުފާނާއިމެދު ރުހިވަޑައިނުގަންނަވާ މެމްބަރުން ތިއްބެވިކަން އެނގިވަޑައިގަންނަވާކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެހެންނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށެވެ.

އެމަނިކުފާނު ވިދާލުވީ، މަޖިލީހުގެ ގަވައިދު ތަންދޭ އެންމެހާ ވަސީލަތްތައް ބޭނުންކުރައްވާނެކަމަށެވެ. އަދި އެކަން ކުރުމުގެ ތެރޭގައި ބައެއް ހާލަތްތަކުގައި އެމަނިކުފާނު ބަސް ބުނުއްވާނެކަމަށާއި، އެހެންނަމަވެސް ކަންކަމަށް ރަނގަޅަށް ވިސްނާވަޑައިގަތުމުން އެމަނިކުފާނު ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަ ނުދައްކަވާކަން ސާފުވެވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު މެމްބަރުންނަށް ދެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: