2008 ވަނަ އަހަރުގެ ތެރޭގައި ޕްރައިވެޓައިޒް ކުރި ކުންފުނިތައް ފިޔަވާ އެހެން އެއްވެސް ކުންފުންޏަކުން ދައުލަތަށް އާމްދަނީ ނުލިބޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން އިބްރާހިމް ވިދާޅުވީ، މިހާރު ސަރުކާރުން މަސައްކަތްކުރަމުންދަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އައްޑޫ އަތޮޅުގެ މަސައްކަތްކުރުމަސް ކަމަށެވެ. އޭނާ ވިދާޅުވީ، އެއަރޕޯޓެއް ބައިންއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ގިނަ ޝަރުތުތަކެއް ހުންނަކަމަށެވެ.
އޭނާ ވިދާޅުވީ، އަދި އަދަށްވެސް ގަން އެއަރޕޯޓަށް އެކްސްރޭ މެޝިނެއް ބެހެއްޓިފައިނުވާކަމަށެވެ. އިބްރާހިމް ވިދާޅުވީ، ބައިނަލްއަގުވާމީ އެއަޕޯޓެއްގައި ހުންނަންޖެހޭ ސިފަތަކާއި އަސާސީ ވަސީލަތްތައް އެ އެއަޕޯޓުގައި ނެތްކަމަށެވެ. އެހެންނަމަވެސް ފަސް އަހަރުދުވަސް ވޭތުވެ ގޮސްފައިވާކަމަށާއި، މިހާރު މި މަސައްކަތްތައް ކުރަން ފެށުމުގެ ފަހަތުގައި ސަރުކާރުގެ މަގުސަދާއިމެދު އިބްރާހިމް ސުވާލު އުފެއްދެވިއެވެ.
އިބްރާހިމް ވިދާޅުވީ، ޕޯޓުތައް ޕްރައިވެޓައިޒްކުރުމަށް އޭނާ ތާއީދުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ޕްރައިވެޓައިޒްކޮށްފައިވާ ކުންފުނިތަކުން އިންތިހާއަށް ފައިދާވެގެންދާކަމަށެވެ. އިބްރާހިމް ވިދާޅުވީ، ދައުލަތަށް އާމްދަނީ ލިބިގެންދާ ކުންފުނިތަކަކީ 2008 ވަނަ އަހަރު ޕްރައިވެޓައިޒްކޮށްފައިވާ ކުންފުނިތައް ކަމަށެވެ. އޭނާ ވިދާޅުވީ، އެ ނޫން އެއްވެސް ކުންފުންޏަކުން ދައުލަތަށް އާމްދަނީ ލިބިގެން ނުދާކަމަށެވެ.
އިބްރާހިމް ވިދާޅުވީ، އައްޑޫގެ ޕޯޓުތައް ޕްރައިވެޓައިޒް ނުކުރުމަށް ސަރުކާރުން މަސައްކަތްކުރާކަމަށެވެ. އަދި އެއީ ސަރުކާރުގެ އިސްވެރިން ބޭނުންވާ މީހަކަށް ވަޒީފާ ދީ، ކޮރަޕްޝަންގެ އަމަލުތައް ހިންގުމަށް ޖާގަ ނޯންނާނެތީކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ޕްރައިވެޓައިޒް ކުރުމުން ކުންފުނި ބަލަހައްޓާނެ ބެލެނިވެރިއެއް ހުންނާނެކަމަށެވެ. އޭނާ ވިދާޅުވީ، ޖަޕާނުން ފެންކުންފުނި ބަލަހައްޓާކަމަށެވެ. އަދި އެ އުސޫލުގެ ދަށުން ދިރާގުވެސް ބަލަހައްޓާކަމަށާއި އެ ދެ ކުންފުނިންވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބިގެންދާކަމަށް އޭނާ ފާހަގަަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މިފްކޯ ފަދަ ކުންފުނިތައް އޮތީ ބިލިއަނުން ދަރަނިވެރިވެފައިކަމަށެވެ. އެނާ ވިދާޅުވީ، އޮތީ އެންމެ މައްސަލައެއް ކަމަށެވެ. އަދި އެއީ ސަރުކާރުން ކުންފުނިތައް ދޫކޮށްލަން ބޭނުން ނުވުންކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ކުންފުނިތަކުގެ ތެރޭގައި ކޮރަޕްޝަން ފަދަ ނޭދެވޭ އަމަލުތައް ހިންގުމަށް ކަމަށެވެ. އަދި އެ ނޫން އެއްވެސް ސަބަބެއް ނެތްކަމަށާއި ހައުސިންގް ޑިވެލޮޕްމެންޓު ކޯޕަރޭޝަންވެސް އޮތީ ދަރަނިވެރި ހާލަތެއްގައިކަމަށް އޭނާ ވިދާޅުވިއެވެ.

