ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި “ކާޓެލް” ތަކެއް ފަދައިން އޮޕަރޭޓުކުރާ މަންޒަރު ފެނިގެންދިއުން ދުރެއް ނޫން!

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެއްޗާއި ގޭންގުކުށްތަކުގެ އެންމެ ފުންމިނުގައި ވަނީ އިންތިޒާމުވެ ރޭވިފައިވާ މަސައްކަތެއް ކަމަށާއި އެ މަސައްކަތްތަކުގެ ފަހަތުގައި ސިޔާސީ ނިޔަތެއް ހާސިލު ކުރުމާއި މާލީ ނަފާއެއް ހާސިލުކުރުމުގެ މަގުސަދު އެބައޮތް ކަމަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ.

އުކުޅަހުގައި ކުރިއަށް ގެންދިޔަ ވިޔަވަތި ކޮންފަރެންސްގައި އެމަނިކުފާނު އެ މައްސަލަ ސިފަކުރެއްވީ ކޮންމެހެންވެސް ހައްލުކުރަންޖެހޭ މުހިންމު މައްސަލައެއްގެ ގޮތުގައެވެ. އެމަނިކުފާނު އެ ވިދާޅުވީ، ހަގީގަތުގައިވެސް ތެދަފުޅެކެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހެއްގެ މައްޗަށް ބޮޑު ކުށެއް ކޮށްގެން ދައުވާ ކުރެވިގެންދެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް މީހަކު ޖަލުގެ ކުޑަ ގޮޅީއަސް ދާން ޖެހެއެވެ.

ކޮންމެ ޕާޓީއެއްގެ ސަރުކާރެއް އޮތް ނަމަވެސް، ދިވެހިރާއްޖޭގެ މުޖުތަމައު ދަނީ ދުވަހަކަށްވުރެ ދުވަހެއް ހަލާކުވަމުންނެވެ. ދިވެހި މުޖުތަމައުގެ ތެރޭގައި އަރައިގަންނަމުންދާ ބާވަތުގެ ކުށްތައްވެސް ދަނީ ގިނަވަމުންނެވެ. މިދިޔަ އަހަރުގެ ތެރޭގައި ޖިންސީ ކަންކަމާއި ގުޅުންހުރި 331 މައްސަލައެއް ހުށައެޅިފައިވެއެވެ. އަދި މި އަހަރު ކިރިޔާ ފެށިފައިވާއިރު، އެފަދަ 50 މައްސަލައެއް މިއަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށް ރެކޯޑު ކުރެވިފައިވުމުން ގައުމުގެ މިސްރާބާއިމެދު ކަންބޮޑުވާންޖެހެއެވެ.

ކުށްކުރަމުންދާ އަދަދުތައް ގިނަވަމުންދާއިރު، ފާޅުގައި ކުށްތަކަށް އަރައިގަންނަމުންދާ މިންވަރު އިތުރުވެއްޖެއެވެ. ކެމެރާ ހަރުކޮށްފައިވާ ތަންތަނުގައި ހުންނަ މުދާ ދުވާލުގެ ވަގުތުތަކުގައި ނަގައިގެންދާ މަންޒަރުތައްވެސް ބައެއް މީހުން ސޯޝަލްމީޑިއާގައި އާންމުކޮށްފައިވެއެވެ. އަދި ވައްކަމުގެ ޝިކާރައަކަށްވެގެންދާ ގިނަ އަދަދެއްގެ މީހުންނަށް މުދާ އަނބުރާ ނުލިބޭ ވާހަކަތައްވެސް ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންގެ މުއައްސަސާއަށް 601 ވައްކަމުގެ މައްސަލަ ހުށައެޅިފައިވެއެވެ. މިއީ 2022 ވަނަ އަހަރު ހުށައެޅުނު ޖުމްލަ މައްސަލަތަކުގެ އަދަދުގެ 15.11 އިންސައްތައެވެ. އެ އަހަރު ވައްކަމުގެ 3976 މައްސަލައެއް ރިކޯޑު ކުރެވިފައިވެއެވެ.

ރާއްޖޭގެ މަސްތުވާތަކެތީގެ މައްސަލަވެސް އަތުފަތު ނުޖެހޭ މިންވަރަށް އުފުލިއްޖެއެވެ. 2022 ވަނަ އަހަރުގެ ތެރޭގައި މަސްތުވާތަކެތީ 1422 މައްސަލައެއް ފުލުހުންގެ މުއައްސަސާއިން ފާހަގަކޮށްފައިވާއިރު، މި އަހަރުގެ ތެރޭގައި މިހާތަނަށް ފާހަގަކުރެވިފައިވަނީ 298 މައްސަލައެކެވެ.

ދުވާލު އާންމުންގެ ތެރޭގައި މަސްތުވާތަކެތި ވިއްކަމުންދާ މަންޒަރުތަކާއި، ބޭނުންކުރަމުންދާ މަންޒަރުތައްވެސް އެތައް ފަހަރެއްގެ މަތިން ސޯޝަލްމީޑިއާގައި އާންމުވެފައިވުމުން، މި މައްސަލައާއިމެދު އާންމުންގެ ތެރޭގައިވެސް ބޮޑު ކަންބޮޑުވުމެއް އޮތްކަން ސާފެވެ.

ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވަމުންގޮސް، ދާދި ފަހުން އާންމުވި ވީޑިއޯއެއްގައި ފެނިގެންދިޔައީ ހެލްމެޓު އެޅި ބަޔަކު ގޮސް ވިޔަފާރިއަކަށް ގެއްލުން ދިން މަންޒަރެވެ. ގިނަ އަދަދެއް މީހުން އެ ވީޑިއޯއަށް ކޮމެންޓުތައް ކޮށްފައިހުރިއިރު، ރާއްޖޭގައި މިހާރު އޮތީ ފިލްމުތަކުގައި ފެނިގެންދާ ފަދަ ބާރުގަދަ “ކާޓެލް” ތަކެއް ކަމަށްވެސް މީހުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ތަންތަނަށް ގެއްލުންދިނުމުގެ 476 މައްސައެއް ފުލުންގެ ރެކޯޑުގައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަސް ނިމިގެންދިޔައީ 100 މައްސަލައާއިއެކުއެވެ. މިހުރިހާ ކުށްތަކަކާއި އިޖްތިމާއީ މައްސަލަތައް މުޅި މުޖުތަމައުގެ ތެރެއިންވެސް ފެންމަތިވަމުންދާއިރު، ގެވެށި އަނިޔާކުރުން ފަދަ އަމަލުތައް ހިންގުމުގެ މައްސަލަތައްވެސް ފުލުހުންނަށް ހުށައެޅިފައިވެއެވެ.

2022 ވަނަ އަހަރު ޑޮމެސްޓިކް ވައިއޮލެންސްގެ 230 މައްސަލައެއް ހުށައެޅިފައިވާއިރު، މި އަހަރުގެ ތެރޭގައި މިހާތަނަށް ހުށައެޅިފައިވަނީ 32 މައްސަލައެކެވެ. އެހެންނަމަވެސް މި ބާވަތުގެ މައްސަލަތައް ގިނަ ފަހަރު ރިޕޯޓު ނުކުރާކަން ވެސް ފާހަގަކުރެވޭކަމަށްވުމުން ހަގީގަތުގައި މައްސަލަތަކުގެ އަދަދުތައް އިތުރުވާނެކަން ކަށަވަރެވެ.

ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ ފަދައިން މާރާމާރީ ހިންގުމުގެ މައްސަލަވެސް މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދާދި ފަހުން ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލާފައިވާ މަންޒަރު ސޯޝަލްމީޑިއާގައި އާންމުވިއެވެ.

ހަމަ އެފަދައިން މީހެއްގެ އަތުގައި އޮތް މުދަލެއް ފޭރިގަންނަން މަސައްކަތްކުރުމުގެ ތެރޭގައި މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ އެތައް މައްސަލައެއްގެ ވާހަކަތައްވެސް އިވިގޮސްފިއެވެ. މިދިޔަ އަހަރު ފޭރިގަތުމުގެ 374 މައްސަލައެއް އޮތް އިރު، މާރާމާރީގެ 517 މައްސަލައެއް ރެކޯޑުކުރެވިފައިވެއެވެ. މި އަހަރު އަދި ރެކޯޑު ކުރެވިފައިވަނީ މާރާމާރީގެ 88 މައްސަލައެކެވެ. އަދި ފޭރުމުގެ 62 މައްސަލައެއް ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ހިނގާ ބޮޑެތި ކުށްތަކުގައި މިއަދު ކުޑަކުދިންގެ ބައިވެރިވުން އޮންނަންކަން އެއީ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. 18 އަހަރު ނުފުރޭ ކުދިންގެ މައްޗަށް މީހުން މެރުމުގެ މައްސަލަތަކުގައި ތުހުމަތު ކުރެވި ހައްޔަރުވެސް ކުރެވިފައިވެއެވެ. އަދި ބައެއް މައްސަލަތައް މިވަތުވެސް ކޯޓުގައި ކުރިއަށް އެބަ ދެއެވެ. ހަމަ އެހެންމެ ބައެއް މައްސަލަތައް ވެސް ވަނީ ސާބިތުވެސް ވެފައެވެ.

މައްސަލަތަކުގައި ޝާމިލުވާ ގިނަ އަދަދެއްގެ މީހުން ހިފެހެއްޓުމަށްފަހު ދޫކޮށްލަމުންދިއުމަކީވެސް ކަންބޮޑުވާންޖެހޭ ކަމެކެވެ. ގިނަ އަދަދެއްގެ މީހުން ކުރު މުއްދަތެއްގެ ތެރޭގައި ތަކުރާރުކޮށް ކުށްތަކަށް އަރައިގަނެ ހައްޔަރު ކުރެވިފައިވުމުން އެއް ދޮރުން ވައްދާ އަނެއް ދޮރުން ނެރެލާކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް އޮތްކަން ސާފެވެ.

އެހެންކަމުން ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަސްތުވާތަކެތީގެ ވިޔަފާރީގައި ޝާމިލުވާކަމަށް ވިދާޅުވުމުން ހިތުގައި އުފެދެނީ ބިރުވެރިކަމެވެ. އޭނާ ވިދާޅުވީ، އެ ފަދަ ވިޔަފާރީގައި ޝާމިލުވާ ފަރާތްތައްދަނީ ދިވެހި ކޯޓުތަކަށްވެސް ނުފޫޒު ފޯރުވަމުންކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ ތެރެއަށްވެސް ނުފޫޒު ފޯރުވާކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގެ މައްޗަށްވެސް ބާރު ހިންގާކަމަށް އުމަރު ވިދާޅުވުމަކީ އޭނާ ދެއްވި ނުރައްކާތެރި އިންޒާރެކެވެ.

ހުރިހާ އެހެނިހެން ކުށްތަކާއި މަސްތުވާތަކެއްޗާއި ވަނީ ގުޅިފައެވެ. މަސްތުވާ ތަކެތި ގަނެ ބޭނުންކުރުމަށްޓަކައި ވައްކަންކޮށް ހަދައެވެ. އަދި ބައެއް ހާލަތްތަކުގައި ފޭރިގެންވެސް އެ އަމަލު ހިންގައެވެ. މަސްތުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގެއް ގޮތުގައި ބައެއް ހާލަތްތަކުގައި ތަންތަނަށް ގެއްލުންދީ އެއްޗެހި ނަގައިގެން ވިއްކާ ހަދާފައިވާ ފަހަރުތައްވެސް އެބަހުއްޓެވެ. އަދި މަސްތުގެ ހާލަތުގައި ގޮސް ޖިންސީކުށްތަކަށްވެސް އަރައިގަންނައިރު، ގެވެށި އަނިޔާގެ މައްސަލައިގެ ފަހަތުގައިވެސް ގިނަ ފަހަރު އޮންނަނީ މަސްތުވާ ތަކެތީގެ މައްސަލައެވެ.

އެހެންކަމުން އެ ވިޔަފާރި ހިންގަމުންދާ ފަރާތްތައް ހުއްޓުވެން ނެތުމަކީ ވަރަށްވެސް ދެރަ މައްސަލައެކެވެ. މިވަގުތު ހުއްޓުމަކަށް ގެނެވެން ނެތްކަން ހާމަކުރެއްވީ ޕްރޮސެކިއުޓާރ ޖެނަރަލް ހުސައިން ޝަމީމްއެވެ. އޭނާ ވިދާޅުވި ގޮތުން، މިވަގުތު ރާއްޖޭގައި އޮތް ގޭންގު ކުށުގެ ގާނޫނު އޮތީ އަމަލީ ގޮތުން ބޭނުން ނުކުރެވޭ ގޮތަކަށެވެ. އަދި އެފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، އެ ގާނޫނުގެ ދަށުން މިއަދާއި ޖެހެންދެން ހައްޔަރުކުރެވިފައިވަނީ އެންމެ މީހެއްކަމަށް އޭނާ ވިދާޅުވެފައިވުމުން ހައިރާންވެއެވެ.

މި ހުރިހާ ކުށްތަކެއް އާންމުވެދިއުމުގެ ހިތި ނަތީޖާތައް މިއަދު ފުލުހުންގެ މުއައްސަސާއަށްވެސް ފެނެއެވެ. ކޮމިޝަނަރު މުހައްމަދު ހަމީދުވަނީ ހަތިޔާރެއް ބޭނުންކޮށްގެން ފުލުހުންނަށް ހަމަލާދިން މައްސަލައެއްގައި ނުރުހުން ފާޅުކުރައްވާފައެވެ. އަދި އެކަމުގައި ޝާމިލުވާ އެންމެން ހައްޔަރުކުރާނެކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް ހައްޔަރުކޮށްގެންވެސް ފަރުޖެއްސޭކަށް ނެތެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ 51 ވަނަ އަހަރީދުވަހުގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގައި ޖަލު ހުކުމް ތަންފީޒުކުރާ ބައެއް ގައިދީން ތިބީ މަސްތުވާތަކެތީގެ ވަބާގައިޖެހިފައިވަކަމަށެވެ.

އެހެންކަމުން ކުށްތަކަށް އަރައިގަންނަ ފަރާތްތައް ޖަލަށް ލުމުންވެސް މައްސަލަ ހައްލެއް ނުވެއެވެ. މިފަދަ މައްސަލަތައްވެސް ގުޅިފައިވަނީ މަސްތުވާތަކެއްޗާއިކަމަށްވުމުން އެންމެ ފުރަތަމަ ހައްލުކުރަންޖެހޭނީ މަސްތުވާތަކެތީގެ މައްސަލަކަން ޔަގީނެވެ.

ރާއްޖެ މިއަދު މިއޮތް މިސްރާބުން ދާނަމަ، ހަގީގަތުގައިވެސް މެކްސިކޯ ފަދަ ގައުމެއް އޮތް ހިސާބަށް ދިއުމަކީ ނެތް ކަމެއް ނޫނެވެ. ރާއްޖޭގައިވެސް “ކާޓެލް” ތަކެއް ފަދައިން އޮޕަރޭޓުކުރާ މަންޒަރު ފެނިގެންދިއުން ދުރެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: