ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ މައްސަލަ: ހައްލެއް ނެތް؟

ފުލުހުން އަތުލައިގަނެފައިވާ އެކި ބާވަތްތަކުގެ މަސްތުވާތަކެތި: ފޮޓޯ/ ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ގައުމެއްގެ ގޮތުގައި ކުރިއަރައިގެންދާކަމަށް ފެނިގެންދާއިރު، އަމާންކަމަށް މަޝްހޫރު މި ގައުމުގެ އިޖްތިމާއީ ހާލަތުވަނީ ގަދީމީ ޒަމާންތަކުގެ ތެެރެއަށް ސޮއްސާލާފައެވެ. އަމާންކަމުގެ އަލިކަން ގެއްލި އަނދިރިކަމެއްގެ ތެރެއަށް ވެއްޓިފައިވާފަދަައެެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި އެކި އުމުރުފުރައިގެ މީހުން ރާއްޖޭގެ އެކި ރަށްތަކުގެ މަގުތައް މައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން ރިޕޯޓުކުރެވެމުންއެބަދެއެވެ. އެހެންނަމަވެސް ވެއްޓިފައި އޮތުމާއި ހިސާބަށް ދިއުމުގެ ކުރިން އެފަދަ މަސްތުތަކުގައި ޖެހޭ މީހުން ހިންގާ އަމަލުތަކުންވެސް މުޅި މުޖުތަމައަށްވެސް އެކަމުގެ އިންތިހާ ނޭދެވޭ އަސަރުތައް ކުރާކަމަށްވުމުން މި ވާހަކަދައްކާލުން މުހިންމެވެ.

ހެރޮއިން ނުވަތަ އާންމު ބަހުން ނަމަ ހަކުރުގެ ގޮތުގައި ރާއްޖޭގެ ގިނަ މީހުންނަށް އެނގޭނެ މި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ފަރާތުން އެފަދަ އަމަލެއް ނުހިންގާ އެތައް ބަޔަކަށް ނޭދެވޭ އަސަރުތައް ކުރެއެވެ. މަގުތައް މަތީ ބަޔަކު މީހުން ނިދާ ކައިބޮއެ އުޅޭ މަންޒަރު ފެނިގެންދިއުމަކީ ހިތްދަތިކަމެއް ނަމަވެސް ދަމު ނަމާދަށް ގޮސް މިސްކިތު ފާހަނައަށް ވަދެލަން ބަލާއިރު މަސްތުގެ ހާލަތުގައި އަވަދިނެތިފައި ތިބި ގިނަ އަދަދެއްގެ މީހުން ޖަމާއަތް ހަދައިގެން ތިބިތަން ފެނުމުން ބިރުވެރިކަމެއް އާލާވެގެންދާނެއެވެ.

ހަމަ އެފަދައިން ރާއްޖޭގެ މަގުތައް މަތީގައި ހިނގާފައިދާއިރު، ކޮންމެވެސް އެހެން ދުނިޔެއަކަށް ހޭލެވިފައި މި ދުނިޔެ މައްޗަށް ނިދާފައި ހުރެގެން ހިނގާފައިދާ މީހަކު ފެނުމަކީވެސް އާންމު ދިރިއުޅުމެއް ދިރިއުޅޭ މީހުންނާއި މަގުތައް މަތިން ދާ ކުޑަކުދިންނަށްވެސް ބިރުވެރި މަންޒަރަކަށް ވެގެންދާނެކަން ޔަގީނެވެ.

މިއަދު ރާއްޖޭގައި ބޯހިޔާވަހިކަން ލިބިފައިވާ މީހުންވެސް އަނގާ އަތާއި ދިމާ ނުވެގެން އުޅޭއިރު، މަސްތުގެ ހާލަތުގައި ތިބެ މަގުތައް މަތީގައި ސަލާން ޖެހުމުގައި އުޅޭ މީހުންނާއި ދެމެދު ބައެއް ފަހަރުތަކުގައި ހަމަނުޖެހުންތައްވެސް ހިނގައެވެ. ސިނގިރޭޓެއް ނުވަތަ ކާނެ އެއްޗެއް ދޭން އެދުމުން ދެވެން ނެތްކަމަށް ބުނުމުން އިންޒާރު ދީފައިވާ ފަހަރުތައްވެސް އައިސްފައިވާކަން ބައެއް މީހުން ހިއްސާކުރެއެވެ.

މާލެ އަދި ރާއްޖޭގެ އެހެނިހެން ރަށްތަކުގެ ފިހާރަތަކަށް ވަދެ ވައްކަން ކުރާ މަންޒަރާއި ތޫނު އެއްޗެހިން ހަމަލާ ދޭން މަންޒަރުތައްވެސް ސޯޝަލްމީޑިއާގައި އާންމުވެފައިވެއެވެ. ދާދި ފަހުންވެސް ހަމަހޭން ނެއްޓިފައި ހުރި އަންހެނަކު މާލޭގެ ފިހާރައަކަށް ވަދެ މުއައްޒަފެއްގެ ކަރުގައި ވަޅި އެޅިއެވެ. ވީކަމެއް ނެތެވެ. އޭނާ އެއަށްފަހުވެސް މާލޭގެ މަގުތައް މަތީގައި ހަޅޭލަވަމުން ދެކޮޅަށް ހިނގާ ވީޑިއޯތައް އާންމުން ސޯޝަލްމީޑިއާގައި ހިއްސާކޮށްފައިވެއެވެ.

ރާއްޖޭގެ ގިނަ ރައްޔިތުންނަކީ ބޭރު ގައުމުތަކަށް ދަތުރުތައް ކުރާ މީހުންނާއި އަމިއްލަ ރަށްތަކަށްވެސް ދަތުރުކޮށް ގިނަ ދުވަސްތައް ހޭދަކުރާ މީހުންނެވެ. މި ހާލުގައި ކޮންމެވެސް އެއްކޮޅެއް ގެދޮރު ހުންނަނީ ހުސްކޮށެވެ. އެނބުރި އައިސް ބަލާއިރު، ގޭގައި ތިބި ތަކެތި ހުސްކޮށް ފާރުތަކުގެ ތެރެއަށް އަޅާފައިވާ ކަރަންޓު ނަރުތަކަށް ދާންދެން ދަމައިގަނެ މުޅި އިމާރާތަށް ގެއްލުންދީގެންވެސް ވައްކަން ކޮށްފައިވާ މައްސަލަތައް ފެންމަތިވެފައިވެއެވެ.

އިމާރާތްކުރުމުގެ ސިނާއަތަށް މި މަސްތުގެ ވަބައިގައި ޖެހިފައިވާ މީހުންގެ ފަރާތުން ދަތިތައް ދިމާވުމަކީ އާންމު ކަމެއްކަމަށް ބުނެވިދާނެއެވެ. އެ ތަންތަނުގައި އާންމު ހާލަތެއްގައި ހަރަކާތްތެރިވަނީ ބިދޭސީންކަމަށްވުމުން ބައެއް ފަހަރު ސައިގަޑި ބަލައި އެތަނުން ބަރޮލަކަށް އެއްޗެސް އަޅައިގެން ރޯމާ ދުވާލު ވައްކަން ކޮށް ނުކުމެގެންދާއިރު، ބިދޭސީންކަމަށްވުމުން ތޫނު އެއްޗެހިން ބިރުދައްކައިގެން ފޭރުމުގެ އަމަލުތައްވެސް ހިންގާކަން ބައެއް މީހުން ހިއްސާކުރެއެވެ.

އެހެންނަމަވެސް އެންމެ ބޮޑު އުނދަގުލެއް ޖެހޭނީ އެ މީސް މީހުންގެ އާއިލާތަކަށެވެ. މިއަދު ރާއްޖޭގެ ގިނަ އާއިލާތައް މާލީ ދަތިކަން ތަހައްމަލުކުރަމުންދާއިރު، ބުރަ މަސައްކަތްކޮށްގެން ހޯދާ ތަކެތި އަނެއް ދުވަހު ހޭލާއިރު ގެންގޮސް ވިއްކާލާފައިވާ މައްސަލަތައްވެސް ފުލުހުންނަށް ހުށައެޅިފައިވާނެކަން ޔަގީނެވެ. އާއިލާކަމަށްވުމުން އެފަދަ ކަންކަން ތަކުރާރުވެގޮސް ބައެއް ފަހަރު އަންނަ ރުޅީގައި އަތް ފައި އިސްކުރެވޭތަންވެސް އައިސްފައިވެއެވެ. އަދި ބައެއް ފަހަރު ކަން ގޯސްވެ މަސްތަށް ދެވިހިފާފައިވާ މީހެއްގެ ޝިކާރައަކަށްވާ މީހާއަށް ކުރެވޭ ކަމެއްގެ ސަބަބުން ޖިނާއީ ކުށެއްގައި ބެދުމާއި ގާތަށް ގޮސްފައިވާ ފަހަަރުތައްވެސް އައިސްފައިވުމުން މިއީ ޔަގީނުންވެސް ހައްލުކުރަންޖެހޭ މައްސަލައެކެވެ.

ހެރޮއިން ނުވަތަ ހަކުރު ބޭނުންކުރާ ކޮންމެ މީހަކީވެސް އިސްވެ ބަޔާންކުރި ހުރިހާ ކެޓަގަރީއަކަށްވެސް ފެތޭނެ އެ ކުށްތަކަށް އަރައިގަނެފައިވާނެ މީހެއްކަަމަށްވުމުން މިއީ އިންތިހާއަށް ވޭންދެނިވި ހިތާމަވެރި މައްސަލައެއްކަން ޔަގީނެވެ. އެހެންކަމުން ތަކުރާރުކޮށް މިފަދަ ކަންކަމުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހާ އަދަބެއް ލިބުމެއް ނެތި އަނބުރާ މުޖުތަމައުގެ ތެރެއަށް ދޫކޮށްލާ ދޫކޮށްލުން ނުވަތަ ކުށް ކުރި ވެއްޓަށް އަނބުރާ ދޫކޮށްލުމުން ކަން ވެގެންދާނެ ގޮތާއިމެދު ކަމާއި ބެހޭ ފަރާތްތަކުން ވިސްނާލުން ވަރަށްވެސް މުހިންމެވެ.

މިއަދު ކަންވެގެންދާގޮތުން އެފަދަ ކޮންމެ މީހަކީވެސް ކުރާނެ ކަމެއް ކުރުމަށްފަހު އަނބުރާ ގެއަށްގޮސް ހަމަނިދި ނިދާލުމަށްފަހު ކުށްކުރުމާއިގެން އުޅޭވޭނެކަމުގެ ޔަގީންކަން ލިބި އެ ހިތްވަރާއިވެސް އެކު އުޅެމުންދާ މީހުންކަމަށް ބުނެވިދާނެއެވެ. އެފަދަ މީހުންގެ ފަރާތުން މަގުތައް މަތިން ފެނިގެންދާ މަންޒަރުތަކަށް މިއަދު ރައްޔިތުން ހޭނިފައިވާކަމަށްވުމުން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ތެރެއިން ކުރެވޭ މަސައްކަތްތައްވެސް އެކަށީގެން ނުވެއެވެ. އެވަރަށް އަހައްމިއްޔަތުކަން ދީފައިވާކަމަށް ފެންނާކަށް ނެތެވެ.

މިހެން ބުނެވެނީ ނެޝަނަލް ޑްރަގް އެޖެންސީ ނުވަތަ އެންޑީއޭގެ ނަމުގައި މުއައްސަސާއެއް އުފައްދައި ރީހެބިލިޓޭޝަންގެ މަސައްކަތްތައް ކުރަމުންދާތާ އެތަކެއް އަހަރުތަކެއް ވެފައިވާއިރު، ފަރުވާއަށްފަހު އާންމު މުޖުތަމައަށް ނުކުމެ އައު ހަޔާތައިގެން ކުރިއަށް ދަނީ މަދު ބައެކެވެ. އަދި ހެރޮއިންގެ މަސްތުގައި ޖެހޭ މީހުން މަދުވުމުގެ ބަދަލުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ވަބާގައި އިތުރަށް ފެތުރި ގަދަކޮށްފައިވާކަަމަށްވުމުން ޖުމުލަ ގޮތެއްގައި ތަންފީޒީ އިދާރާތަކުން ރާއްޖޭގެ މި މައްސަލަ ހައްލުކުރުމަށް ވަނީ ފެއިލްވެއިކަމާއިމެދު މުއައްސަސާތަކަށް ދެކޮޅެއް ނުހެދޭނެއެވެ.

ދިވެހި މުޖުތަމައުތަކުގައި އުޅެމުންދާ މިކަމާއި ގުޅުން ނެތް މީހުން ހެރޮއިން ފަދަ މަސްތުތަކުގެ ވަކިތަކުން މިންޖުކޮށްދިނުމަކީ ބާރުތަކާއި ހަވާލުވެތިއްބެވި ފަރާތްތަކުން އަހައްމިއްޔަތުކަން ދީގެން ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ. މި މަސައްކަތްތައް ކުރެވޭނީ ދުނިޔޭގައި ކުރެވެމުންދާ މަސައްކަތްތައް ދިރާސާކޮށް ރާއްޖެއަށް އެންމެ ފެތޭ އެންމެ ރަނގަޅު އުސޫލުތައް ދެނެގަނެ ހަސްފަތާލުތަކުގައިވެސް ދެވޭ މިންވަރަށް ފަރުވާގެ މަސައްކަތްތައް ބައްޓަންކޮށްގެންކަން ޔަގީންވާއިރު، މިއީ ހައްލެއް އޮތް މައްސަލައެއް ބާއޭވެސް ހިތަށް އަރައެވެ.

އެހެންކަމުން މި މައްސަލަ ހައްލުކުރުމަށްޓަކައި ވަބައިގައި ޖެހިފައިވާ މީހުންނަށް ފަރުވާދީ ޕްލޭނެއްގެ ދަށުން މުޖުތަމައަށް އަނބުރާ ގެންނަންޏާ ގެނައުމުގެ މަސައްކަތްތައް ނުވަތަ މުޖަމައަށް އެ މީހުންގެ ދަތިކަން ނުޖެހޭ ގޮތަކަށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރެވެން ޖެހޭކަމެއްކަމަށްވާއިރު، އިތުރު ޖީލުތަކެއް މިކަމުގެ ތެރެއަށް ގޮސް ހުސްނުވާކަން ކަށަވަރުކުރުމަކީވެސް ޖުމުލަ ހައްލެއްގެ ގެނައުމަށްޓަކައި އިންތިހާ މުހިންމު ކަމެކެވެ. އެކަން ކުރެވޭނީ އަންނަނވި ޒުވާން ޖީލުތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް، އެހެން މަގުތަކެއް ހިޔާރުކުރަން ނުޖެހޭ ފަދަ މާހައުލެއް ގާއިމުކޮށްގެންނާއި އިތުރު ގިނަ މަސައްކަތްތަކެއްވެސް ކޮށްގެންކަމަށްވުމުން ހަގީގަތުގައިވެސް އަވަސްވެގަންނަން ވެއްޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: