ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ފިނޭންސް މިނިސްްޓްރީގެ އުސޫލުތަކާއި ހިލާފަށް އެއްވެސް ކަމެއް ހިނގާފައިނުވޭ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކަންކަމަށް ފާރުވެރިވުމުގެ މެންޑޭޓް ހަވާލުކޮށްފައިވާ މުއައްސަސާތަކުން  ވެންޓިލޭޓަރުގެ ޕްރޮކިއުމަންޓް  ހިނގާފައިވާ ގޮތް މިހާތަނަށް ނެރެފައިވާ ރިޕޯޓްތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިނޭންސް އިން އެއްވެސް ކަމެއް ކަނޑައެޅިފައިވާ އުސޫލުތަކާއި ހިލާފަށް ކޮށްފައިވާ ކަމަށް ބަޔާންކޮށްފައި ނުވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެންޓިލޭޓަރުގެ ހިޔާނާތާއި ގުޅޭގޮތުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ފިނޭންސް މިނިސްޓަރު އަމީރާއި ކުރެއްވި ސުވާލުގައިވަނީ ކޮވިޑް19 ގައި ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާރސް އަށް 31 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ މާލިއްޔަތަށް ޒިންމާ ވާންޖެހޭ ގާނޫނާއި އެގާނޫނުގެ ދަށުން ހެދިފައިވާ  މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާއި ހިލާފަށް ދޫކުރެއްވި ސަބަބު އޮޅުން ފިލުމަށް އެދިފައެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާއި ގުޅޭގޮތުން އޮޑިޓް އޮފީހުން 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހު ޝާއިއުކޮށްފައިވާ ކޮވިޑް 19 އާއި ގުޅޭ ހަރަދުތަކުގެ ކޮމްޕްލެއިންސް އޮޑިޓް ރިޕޯޓް، މިނިސްޓްރީ އޮފް ހެލްތްގައި ވެންޓިލޭޓަރުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފިނޭންސް މިނިސްޓްރީން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ކަމަށް ފާހަގަކޮށްފައިނުވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަަލައިގައި އޭސީސީ އިން ފިނޭންސް އަށް އަންގާފައިވާ އެންގުމުގައިވާ ގޮތުން ޕްރޮކިއުމަންޓްގެ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް އަންގާފައިވާ ކަންކަން އިތުރަށް ފުރިހަމަ ކޮށްފައިވާ  ވާނެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހެލްތު މިނިސްޓްރީގެ އޮޑިޓް ރިވިއު ކުރިއިރު ވެންޓިލޭޓަރުގެ މައްސަލައިގައި މައުލޫމާތު ސާފުކުރުމަށް އެދުމުން 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 27 ވަނަ ދުވަހު މަޖިލީހުގައި އޮތް ކޮމީޓީއަށް އަޅުގަނޑު ހާޟިރުވެ އެ މައްސަލައިގައި މިނިސްޓްރީން އަމަލުކުރި ގޮތާއި ކަންހިނގާފައިވާ ގޮތް ތަފްސީލުކޮށް ކިޔައިދީފައިވާނެ.

މީގެ އިތުރުން އަފީފް ވަނީ ވެންޓިލޭޓަރުގެ ހިޔާނާތުގައި ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކު ހިމެނޭ ނަމަ އެ މުވައްޒަފަކަށް ފިޔަވަޅު އަޅާފައިވާނަމަ އެޅި ފިޔަވަޅަކީ ކޮބައިކަން އަންގައިދިނުމަށް އެދިފައެވެ.

ސުވާލުގެ ޖަވާބުގައި ވެންޓިލޭޓަރުގެ ހިޔާނާތާއި ގުޅިގެން ތަހުގީގީ އިދާރާތަކުން ފިނޭންސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް އަންގާފައިނުވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ޕްރޮކިއުމަންޓް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް އިދާރާތަކުން ދީފައިވާ ލަފަޔަށް ބިނާކޮށް ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ފިޔަވަޅުތައް އަޅައިފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމް ހަރުދަނާ ކުރުމާއި، ކޮވިޑް އާއި ގުޅިގެން ހިންގޭ ޕްރޮކިއުމަންޓް ކަންކަމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ސަރކިއުލަރ އެއް ފިނޭންސް މިނިސްޓްރީގެ ފަރާތުން 2020 ވަނަ އަހަރުގެ މެއި މަހުގެ 03 ވަނަ ދުވަހު ނެރެފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް އާއްމުކުރެވުނު ސާރކިއުލާރގައި ކޮވިޑް19 ގެ ހާލަތުގައިވެސް މުދަލެއް ނުވަތަ ހިދުމަތެއް ހޯދުމުގެ ކުރިން ކޮންމެހެން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރުކޮށް ޕްރޮކިއުމަންޓް ހިންގުމަށްފަހު ރިޕޯޓްކޮށް މައުލޫމާތު ހިއްސާ ކުރުމާއި ގުޅޭ ކަންކަން ބަޔާންކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑް 19 ފަދަ ހާލަތްތަކުގައި މިނިސްޓަރަށް ލިބިގެންވާ އިހްތިޔާރުތަކާއި ގާނޫނީ ހައިސިއްޔަތު އިތުރަށް ސާފުކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އިސްލާހުތަކެއް ގެނެވިފައިވާނެ ކަމަށެވެ.

މީގެ އިތުރުން ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައާއި ގުޅިގެން ވެންޓިލޭޓަރުތައް ގަތުމަށްޓަކައި ހެދި އެއްބަސްވުމާއި އެއްގޮތަށް ސަޕްލަޔަރުގެ ފަރާތުން މުދާ ލިބިފައިނުވާތީ އެކަމުގެ ގެއްލުމުގެ ބަދަލު ހޯދުމަށް ސަރުކާރުން މިހާރު ވަނީ އެއްބަސްވުމާއި އެއްގޮތަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅާފައިކަމަށް އަމީރު ވިދާޅުވިއެވެ. އަދި އެކަމުގެ ތަފްސީލްތައް ދެވެން އޮތް މިންވަރަކަށް އެޓާރނީ ޖެނެރަލް ނޫސްބަޔާނެއް މެދުވެރިކޮށް ދީފައިވާ ކަަމަށް އަމީރު ވިދާޅުވިއެވެ.

އަފީފް އިތުރަށް ވިދާޅުވީ ދައުލަތުގެ މާލީ ކަންކަން ބެލުމަކީ އަމީރުގެ ޒިންމާއެއް ކަމަށެވެ. އެގޮތުން އަފީފް ވިދާޅުވީ އޭނާއަށް ހަބަރު ލިބިފައިވާ ގޮތުން އެކަންތައްތައް ކުރި ފިނޭންސްގައި ކުރީގައި އުޅުނު މުވައްޒަފުންގެ ފަރާތުން ހަބަރު ލިބުނު ގޮތުން ވެންޓިލޭޓަރު ގަތުމަށް ދޫކުރަންޖެހޭ ފައިސާ ފުރަތަމަ ދޫކުރުމަށް އަމީރު އެންގެވީ އަމިއްލަ ފަރާތެއްގެ އެކައުންޓަށް ކަމަށެވެ.

ސިސްޓަމުން އޭތި ރިޖެކްޓް ކުރީމަ ދެން މިތަނަށް، (އެގްޒެކިއުޓާސްއަށް) ފައިސާ ދޫކަން އެންގެވީ. އެހެންވީމަ މިއީ މިކަން ހިނގާފައިވާ ގޮތްތޯ؟

އަދި އަފީފް ވިދާޅުވީ އޮޑިޓް ރިޕޯޓްގައި ވެންޓިލޭޓަރުގެ ފައިސާ ދޫކޮށްފައިވަނީ މާލިއްޔަތު ގާނޫނާއި ހިލާފަށް ކަމަށް ވިދާޅުވެފައިވާ ކަަމަށެވެ.

އަމީރު ވަނީ އަފީފްގެ ސުވާލުގައި ފާހަގަ ކުރި ކަންކަމަކީ   އޭނާ އެނގި ނުލައްވާ ކަންކަން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: