ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސް ކުރާނީ އާމްދަނީ އާއި ދަރަނިން: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރަށް ލަފާކުރާ ސަޕްލިމެންޓަރީ ބަޖެޓު ފައިނޭންސް ކުރާނީ ލިބޭ އާމްދަނީ އާއި ދަރަނިންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޮވެމްބަރު 1 ގެ ކުރިން އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅަން ޖެހުނު ނަމަވެސް، މަޖިލީހުގައި ތާށިވެފައި އޮތް ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި އެކު އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުން އެކަމަށް ފުރުސަތު ނުދިނެވެ. މައްސަލަ ގޯސްވެ، އެންމެ ފަހުން އިއްޔެ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމާއި އެކު، ރޭ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އިންތިހާބުކޮށް މިއަދަށް ބަޖެޓު ހުށަހެޅުމަށް ތާވަލު ކުރި އެވެ.

ގާނޫނުތަކާއި އަމީރު ހިލާފުވެވަޑައިގެންނެވިކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްގެ މެމްބަރުން ހުރަސް އެޅުއްވި ނަމަވެސް މިނިސްޓަރު ވަނީ ދެ ބަޖެޓު ވެސް މަޖިލީހަށް ހުށަހަޅައިދެއްވާފަ އެވެ. ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން، އަމީރު ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަން ޖެހުނީ 2023 ވަނަ އަހަރުގެ ހަރަދުތައް ހުރި ގޮތާއި އޮފީސްތަކުން ކޮށްފައިވާ ބަޖެޓަރީ ރިކުއެސްޓުތަކަށް ރިއާޔަތްކޮށް 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށް ވުރެ އިތުރަށް ހަރަދުވާނެކަމަށް ބެލެވޭތީ ކަމަށެވެ.

އަމީރު ވިދާޅުވީ، 2023 ވަނަ އަހަރަކީ ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުން ފަހި އަހަރެއް ނަމަވެސް މާލީ ގޮންޖެހުންތައް ބޮޑުވި ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ވަނީ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވެފައިކަމަށާއި ރާއްޖޭގެ އިގްތިސާދު މި އަހަރު 8.7 އިންސައްތައިން ކުރިއަރާނެކަމަށް ލަފާ ކުރެއްވޭކަމަށެވެ. އެކަަމަކު އެއީ ކުރިން އަންދާޒާ ކުރި އަދަދަށް ވުރެ އިތުރު އަދަދެއްކަން ފާހަގަކުރައްވައި، އަމީރު ވިދާޅުވީ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓު ތަންފީޒުކުރުމުގައި ގޮންޖެހުންތައް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓު ހުށައަޅަނީ މާލީ މަސައްކަތްތައް ހަރުދަނާ ކުރުމަށް ރަނގަޅު ޕްލޭނެއްގެ މަތިންކަމަށެވެ.

އަމީރު ވިދާޅުވީ، އެ ޕްލޭންގެ ދަށުން ބަޖެޓުގެ ޑެފިސިޓު ހަ ބިލިއަން ރުފިޔާއިން ކުޑަކުރުމަށް ރޭވުނުކަމަށާއި އޭގެ ތެރެއިން އެއް ބައި ހާސިލުކުރެވުނުކަމަށެވެ. އިތުރަށް ވިދާޅުވީ، އެއީ އާމްދަނީ އިތުރު ކުރުމުގެ ގޮތުން ޖީއެސްޓީއަށް ގެނެސްފައިވާ ބަދަލުތަކުން ހާސިލުކުރެވުނު ކަމެއްކަމަށާއި ސިޔާސަތުތަކަށް ގެންނަން ބޭނުންވި ބަދަލުތައް ވެސް ފާސްވެފައިވާކަމަށެވެ. އަމީރު ވިދާޅުވީ، 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ޖުމުލަ ބަޖެޓަކީ 42.8 ބިލިއަން ރުފިޔާކަމަށެވެ. އަމީރު ވިދާޅުވީ، އެހެންނަމަވެސް ހިނގާނެކަމަށް ބެލެވޭ ހަރަދަށް ބަލާއިރު، 49.4 ބިލިއަން ލަފާކޮށްފައިވާކަމަށް ފާހަަގަކުރެއްވިއެވެ. އަމީރު ވިދާޅުވީ، ސަޕްލިމެންޓަރީ ބަޖެޓުގެ ގޮތުގައި ހުށައަޅާފައިވަނީ ހަ ބިލިއަން ފަސް ސަތޭކަ ނުވަ މިލިއަން ދުއިސައްތަ ހަތަރުޙާސް ހަތަރު ސަތޭކަ ދެ ރުފިޔާކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، 2023 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރުވެގެންދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އާސަންދަ ސަބްސިޑީ ލޯނު ދޫކުރުން އަދި އެސްއޯއީތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންވެސް ހިމެނޭކަމަށާއި ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމުގެ ސަބަބުންވެސް ހަރަދު އިތުރުވެގޮސްފައިވާކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އާސަންދައިގެ ބަޖެޓު އިތުރުވެފައިވަނީ ކޮވިޑް 19ގެ ސަބަބުން ހިދުމަތްތައް މަޑުޖެހިފައި އޮތުމަށްފަހު، ހިދުމަތްތައް ހޯދަމުންދާ މީހުންގެ އަދަދުތައް އިތުރުވެފައިވުމުގެ ސަބަބުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓިނިވި ގޮތެއްގައި އާސަންދަ ނިޒާމު ހިންގުމަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށާއި އެއީ ބޭސްފަރުވާގެ ހިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ނިޒާމެއްކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ނިޒާމުގެ ތެރޭގައި ހުރި ލީކޭޖުތައް ރަނގަޅުކުރުމަށްޓަކައި ބްލޮކް ޕްރޮކިއަރމެންޓުގެ ދަށުން ބޭސް ހޯދުމުގެ ސިޔާސަތު ރޭވި އޫއެންޑީޕީއާއިއެކު ގަނޑުކޮށް ބޭސްގަތުމުގެ އިންތިޒާމުތައް ހިމެނޭ އެއްބަސްވުމެއް ގާއިމުކޮށްފައިވާކަމަށެވެ. އަމީރު ވިދާޅުވީ، އެ ހިސާބަށް ވާސިލުވުމުގައި ލަސްވުމުންނާއި އާސަންދައިގެ ހަރަދުން ސަލާމަތްކުރެވިގެންދާނެކަމަށް ކުރިން އަންދާޒާކުރި ވަރަށް ސަލާމަތްކުރެވިފައިވެސް ނުވާކަމަށެވެ. އެހެންކަމުން އެ އަދަދުގެ އިތުރަށް މި އަހަރު 1.2 ބިލިއަން ރުފިޔާ އިތުރުކުރުމަށް ސަޕްލިމެންޓަރީ ބަޖެޓުގައި ހިމަނާފައިވާނެކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ސަބްސިޑީއަކީ ރައްޔިތުންނަށް އިޖްތިމާއީ ރައްކައުތެރިކަން ކަށަވަރުކޮށްދީ އަސާސީ ހިދުމަތްތައް ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި އެހީވާކަމެއްކަމަށްވީނަމަވެސް މިހާރު އަމަލުކުރަމުންދަނީ ދެމެހެއްޓިނިވި ގޮތެއްގެ މަތިން ނޫންކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، އެހެންނަމަވެސް މިހާރުވެސް ސަބްސިޑީ ދެމުން އަންނަނީ ކުރިންވެސް ދޭ އުސޫލަށްކަމަށް ވިދާޅުވިއެވެ.

ސަބްސިޑީތަކުގެ ތެރެއިން ފިއުލް އާއި ކަރަންޓުގެ ސަބްސިޑީ މުރާޖާކުރުމަށް 2023 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނަމަވެސް ސިޔާސަތުތައް ތަންފީޒުކުރުން ލަސްވުމުގެ ސަބަބުން ސަބްސިޑީ ހަރަދުތައް ކުޑަކުރެވޭނެކަމަށް ލަފާކުރި އަދަދަށް ކުރެވިފައިނުވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، މި އަހަރުވެސް ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގުތައް ބޮޑުވެފައިވާކަމަށާއި އެހެންކަމުން ތެލާއި ކަރަންޓުގެ ސަބްސިޑީތަކަށް މި އަހަރު ފާސްކޮށްފައިވާ ބަޖެޓަށް 1.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށައަޅާފައިވާނެކަމަށެވެ.

އަމީރު ވިދާޅުވީ، އެސްއޯއީތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ކެޕިޓަލްއަށް އިތުރުކުރުމަށް ހުށައަޅާފައިވަނީ މި އަހަރު ކްރޮސް ސަބްސިޑީ އުސޫލުން ދައުލަތަށް ފައިސާ ލިބިފައިވުމާއި އެކު ކްރޮސް ސަބްސިޑީ އުސޫލުން ހިންގާ މަޝްރޫޢުއަށް ފައިސާ ދޫކުރުމަށްކަމަށެވެ. އަމީރު ވިދާޅުވި ގޮތުގައި މި އަހަރު ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކުރި އާމްދަނީ ވެސް ލިބިފައިނުވެ އެވެ. އަދި ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުމުންނާއި އެޗްޑީސީގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ކެޕިޓަލް ދިނުމުގެ ގޮތުން 711.7 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، ކުންފުނިތަކުގެ ވޯކިންގް ކެޕިޓަލްއަށް ބޭނުންވާ ފައިސާ ދޫކުރުމަށް ބަޖެޓުން ޓްރެޝަރީ ލޯނު ދޫކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ، ފެނަކައާއި އާރްޑީސީގެ ޓްރެޝަރީ ލޯނަށް 291.3 މިލިއަން ރުފިޔާ ލޯނު ދޫކުރުމަށް ކޯޑަށް އިތުރުކުރުމަށްވެސް ބަޖެޓުގައި ހިމަނާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، ސްޓޫޑެންޓް ލޯނު ސްކީމުގެ ދަށުން މި އަހަރުގެ ބަޖެޓު ތައްޔާރުކުރިއިރު އަންދާޒާކުރިވަރަށްވުރެ އިތުރަށް ދަރިވަރުންނަށް ލޯނު ދިނުމަށް ނިންމާފައިވާކަމަށެވެ. އެ ނިންމުމަކީ ދަރިވަރުންގެ މުސްތަގުބަލަށް މުހިންމު ނިންމުމެއްކަމަށްވެސް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކޮވިޑް 19ގެ ސަބަބުން މަޑުޖެހުނު މަޝްރޫއުތައް 2023ގައި ބާރަށް ހިނގަމުންދާކަމަށެވެ. އެހެންކަމުން ޕީއެސްއައިޕީގެ ހަރަދުތައްވެސް އަންދާޒާކުރިވަރަށްވުރެ އިތުރުވެފައިވާކަމަށާއި ބޭރުގެ ލޯނުތަކުން ހިންގާ މަޝްރޫޢުތައްވެސް ހިމެނޭކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތަކުގެ ހަރަދު ބަޖެޓަށް ރިކޯޑުކުރަން ބޭނުންނަމަވެސް އެއީ ލޯނުތައް ދޫކުރުން ކަމަށްވުމުން އިތުރު ކޭޝް ފްލޯ ބޭނުން ނުވާނެކަމަށް ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫޢުތަކަށް 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ އެ އަދަދުން 1.1 ބިލިއަނަކީ ލޯނުން ހިނގާ ހަރަދުތައް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހުށައަޅާ ސަޕްލިމެންޓަރީ ބަޖެޓުގައި އިންތިހާބީ ރައީސްގެ އޮފީހުގެ އެދުމާއި އެއްގޮތަށް އައު ސަރުކާރުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ހަރަކާތްތަކަށް 200 މިލިއަން ހިމަނާފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، ސަޕްލިމެންޓަރީ ބެޖެޓު ފައިނޭންސް ކުރާނީ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާއިންނާއި ދަރަނިންކަމަށެވެ. އެގޮތުން އާމްދަނީގެ ގޮތުގައި ކޮރޮސް ސަބްސިޑީގެ ގޮތުގައި ލިބިފައިވާ 399.1 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ފައިނޭންސިންގްގެ ގޮތުގައި 6.1 ބިލިއަން ރުފިޔާ ހޯދަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ އެ އަދަދުގެ ތެރޭގައި ޕްރޮޖެކްޓު ލޯނުތަކުން ލިބޭ 1.1 ބިލިއަން ރުފިޔާ ހިމެނޭއިރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ހޯދުމަށް ރޭވިފައިވާ 200 މިލިއަން ޑޮލަރުވެސް ހިމެނޭކަމަށެވެ. އޭނާ ވިދާޅުވީ އެތެރޭގެ ފަރާތްތަކުން 1.9 ބިލިއަން ރުފިޔާ ހޯދަންޖެހޭނެކަމަށެވެ. އަދި މި މައުލޫމާތުތައް އިންތިގާލީ މަރުހަލާގެ ތެރެއިން އިންތިހާބީ ރައީސްގެ އޮފީހާއި ހިއްސާކުރެވިފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: