ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ ސަބަބުން އައި ސައިޑް އިފެކްޓްތަކަށް ކަރެކްޓިވް މެޝާރސްތައް ދަނީ ނަގަމުން: އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނި ނެގުމުން ސައިޑް އިފެކްޓްތަކެއް އަންނާނެކަމަށް އަންދާޒާކޮށްފައިވާނެކަމަށާއި، މިހާރު އަންނަނީ ކަރެކްޓިވް މެޝާރސްތަކެއް ނަގަމުންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް އިކޮނޮމިކް ރިވިއު (އެމްއީއާރު) އަދި ސަންގު ޓީވީއިން ގުޅިގެން ގެނެސްދޭ “ޓޯކިން އިކޮނަމީ” ގެ ފުރަތަމަ އެޕިސޯޑު ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ މާލީ ހާލަތާއި ގުޅިގެން ވޯލްޑް ބޭންކުން ނެރެފައިވާ ރިޕޯޓަށެވެ. މިއާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ބަދު ނަސީބެއް ގޮތުގައި ސިފަ ނުކުރި ނަމަވެސް، މި ފަސް އަހަރުގެ ތެރޭގައި ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިވިކަމަށެވެ.

2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން ހުރީ 58 އިންސައްތައިގައިކަމަށާއި، މި ވެރިކަމުގެ ފުރަތަމަ އަހަރު، 2019 ވަނަ އަހަރު ނިމުނުއިރު ދަރަނި ހުރީ 59.8 އިންސައްތައިގައިކަމަށެވެ. 2018 ވަނަ އަހަރު ބޭރުގެ ދަރަނި ހުރީ 24.8 އިންސައްތައިގައިކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ 2019 ވަނަ އަހަރު ނިމުނުއިރުވެސް މި ދަރަނި ހުރީ އެއްވަރެއްގައި ހިފެހެއްޓިފައިކަމަށެވެ. ނަމަވެސް އެތެރޭގެ ދަރަނި 2018 ވަނަ އަހަރު ހުރީ 33.7 އިންސައްތައިގައިކަމަށާއި 2019 ވަނަ އަހަރު ނިމުނުރިއިރު ހުރީ 35 އިންސައްތައަށް އިތުރުވެފައިކަމަށް ވިދާޅުވިއެވެ.

2019 ވަނަ އަހަރާއި ހަމައަށް ހަރަދުތައް ހުރީ ރަނގަޅަށްކަމަށާއި، އަދި ރާއްޖޭގެ ގައުމީ އުފެންދުންތެރިކަންވެސް 7.5 އިންސައްތައަށް އިތުރުވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބަޖެޓެއް ހުށައެޅުމުގެ ފުރުސަތު މި ސަރުކާރަށް ފުރަތަމަ ލިބުނީ 2020 ވަނަ އަހަރުގައިކަމަށާއި، އެހެންކަމުން އެކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވިކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ދެން ދިމާވީ އެއްވެސް މީހަކު ވިސްނާފައިވާ ހާލަތެއް ނޫންކަމަށެވެ. މިނިސްޓަރ ފާހަގަކުރެއްވީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ވާހަކައެވެ.

ދޭންޖެހޭ މެޑިކޭޝަނެއް ދީގެން ކޮންމެ ކަމެއްވެސް ކޮށްގެން ދައުލަތް، ސަރުކާރު ބަނގުރޫޓްވުމުން ސަލާމަތްކުރަން އަޅުގަނޑުމެން، އެހެންވީމަ އޭގެ ތެރޭގައި އަޅުގަނޑުމެން މެޑިކަލް ސެކްޓަރ އިންވެސްޓް ކުރިން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިންވެސްޓް ކުރިން، އަމިއްލަ ފަރުދުންނަށް އިންވެސްޓް ކުރިން.

އަމީރު ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ބަޖެޓު ހުށައެޅިއިރު، ދައުލަތަށް ލިބޭނެ އާމްދަނީގެ ގޮތުގައި 30 ބިލިއަން ރުފިޔާ އަންދާޒާ ކުރި ނަމަވެސް ލިބުނީ 14 ބިލިއަން ރުފިޔާކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ އެހެން ނަމަވެސް 30 ބިލިއަން ރުފިޔާއިން ކުރަން ހުރި ހަރަދު 14 ބިލިއަން ރުފިޔާއަށް ބަދަލު ނުކުރެވޭނެކަމަށެވެ. އޭރު ނެގި ފިޔަވަޅުތައް ނުނެގިނަމަ ރާއްޖޭގެ އިގްތިސާދު މިހާރު މިއޮތް ހިސާބަށް ނާންނާނެކަމަށްވެސް ވިދާޅުވިއެވެ.

އެނގިގެން ނެގި ޑިސިޝަންތަކުގެ ސައިޑް އިފެކްޓް ހުންނާނެކަންވެސް އަޅުގަނޑުމެން އޭރުވެސް އަންދާޒާކުރިން. އެ ސައިޑް އިފެކްޓްތަކަކީ އަޅުގަނޑުމެން ދަރަނި ނަގަންޖެހޭތީ ދަރަނި އިތުރުވެގެން ދިއުން.

އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭރު ނެގި ފިޔަވަޅުތަކުގެ ސަބަބުން ސައިޑް އިފެކްޓްތަކެއް އަންނާނެކަން އަންދާޒާކޮށްފައިވާނެކަމަށާއި، އެއީ ކަންކަން ކުރުމަށްޓަކައި ދަރަނި ނަގަން ޖެހުމުގެ ސަބަބުން ދަރަނި އިތުރުވުންކަމަށް ވިދާޅުވިއެވެ. 2020 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 35 އިންސައްތަ ދަށަށް ދިޔަކަމަށާއި، 2021 ވަނަ އަހަރުވެސް ކަންވީ މިހެންކަމަށް ފާހަގަކުރެއްވިއެވެ. ދައުލަތަށް ލިބޭ އާމްދަނީ ދަށްވެގެން ދިޔަކަމަށާއި، އަދި އިތުރަށް ދަރަނި ނަގަންޖެހުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް މިހާރު ޖީއެސްޓީ ބޮޑުކުރުމުން ލިބޭ އާމްދަނީ މިހާރު އިތުރުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ކަރެކްޓިވް މެޝާރސްތަކެއް ނަގަންޖެހޭނެކަން އޭރުވެސް ގަބޫލުކުރިންކަމަށާއި، މިހާރު އެ މެޝާރސް ނަގަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: