ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލަ: ގިނަ ސުވާލުތަކަށް އަމީރު ޖަވާބު ނުދިނުމުން މެމްބަރުންގެ ނުރުހުން!

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އާއި ގުޅިގެން ރާއްޖެ ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޑުބާއީގެ އެގްޒެކިއުޓާރސް އަށް ފައިސާ ދޫކުރުމުގައި މާލިއްޔަތު ގާނޫނާއި ހިލާފަށް އަމަލުކޮށްފައިވޭތޯ އާއި މައްސަލަ އާބިޓްރޭޝަންނަށް ކުރިން ނުފޮނުވި ސަބަބު އޮޅުން ފިލުވުމަށް މެމްބަރުން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެކޮޅު ހައްދަވައިފިއެވެ.

ވެންޓިލޭޓަރު ހޯދުމަށް ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ޑުބާއީގެ އެގްޒެކިއުޓާރސް ކުންފުންޏަށް އެޑްވާންސް ފައިސގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކުރިއެވެ.

އެގްޒެކިއުޓާރސް ކުންފުނިން ވެންޓިލޭޓަރުތައް ރާއްޖެއަށް ފޮނުވާފައިނުވާތީ އެފައިސާ އަބުރާ ހޯދުމަށް ހެލްތު މިނިސްޓްރީން އެންގި އެންގުމަށް އިޖާބަ ނުދިނުމުން އެ މައްސަލަ ވަނީ އާބިޓްރޭޝަނަށް ހުށަހަޅާފައެވެ.

ވެންޓިލޭޓަރުގެ މައްސަލައިގައި ސުވާލުކުރުމަށް އަމީރު މަޖިލީހަށް ހާޒިރު ކުރުމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރުވަނީ މާލިއްޔަތު ގާނޫނާއި ހިލާފުވޭތޯ އަމީރު އާ ސުވާލުކުރައްވާފައެވެ.

އަޅުގަނޑުމެންނަށް ލިބޭ އޮޑިޓު ރިޕޯޓްތަކުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވޭތޯ ޖަހާފައިހުރޭ. އެއީ މަޖަލަކަށް ޖަހާފައި ހުންނަ އެއްޗެއްތޯ؟ ކޮބައިތޯ އޭ އެއްވެސް މުއައްސަސާއަކުން މާލިއްޔަތު ގާނޫނާ ހިލާފުވެގެން ފިޔަވަޅު އަޅާފައިވާނެތޯއޭ؟ އާމިރު

އާމިރުގެ ޖަވާބުގައި އަމީރު ވިދާޅުވީ އާބިޓްރޭޝަނަށް މައްސަލަ ވަނީ ހުށަހެޅިފައިކަމަށާއި އެހެންކަމުން އެ މައްސަލައާއި މެދު އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އާމިރު ތަކުރާރުކޮށް 31 މިލިއަން ރުފިޔާގެ ސުވާލު ކުރުމުންވެސް އަމީރު ވަނީ އެ ސުވާލަށް ޖަވާބު ދިނުމަށް ދެކޮޅު ހައްދަވާފައެވެ.

ނިޒާމާއި ގުޅޭ މައްސަލައެއްގެ ގޮތުގައި ފުރުސަތަށް އެދި އާމިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ވަޒީރުންގެ މައްޗަށް ގާނޫނު އަސާސީގެ ވަކި ހަމަތަކުގެ މަތިން ލާޒިމް ކުރާ ކަމަށެވެ.

 އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި މި މައްސަލަ މުޅި މައްސަލަވެސް ބިނާވެގެންވަނީ އާބިޓްރޭޝަންގައި އޮތް މައްސަލައާ. އެހެންވެއްޖެ ކަމަށްވާނަަމަ މިއަދު ވަޑައިގެންވެސް އެއްވެސް ވާހަކަ އެއް ވިދާޅެއް ނުވެވޭނެ އެވިދާޅުވާ ގޮތުން ކަމަށްވެއްޖިއްޔާ. މިއީ ވެންޓިލޭޓަރުގެ މައްސަލައިގައި ވެންޓިލޭޓަރުގެ ފައިސާ ނުލިބޭ މައްސަލަ ވަނީ އާބިޓްރޭޝަނަށް ހުށަހަޅާފައި. އެހެންވީމަ އާބިޓްރޭޝަންގައިވާ މައްސަލައަކަށް އެއްވެސް މިންވަރަކަށް ޖަވާބު ނުލިބޭ. އެހެންވީމަ ވަޑައިގަތުމުގެ ކުރީގައި ބަންޑާރަ ނައިބުގެ ލަފާ ނުހޯއްދެވީ ކީއްވެގެންތޯ ؟  އާމިރު

އާމިރުގެ ސުވާލަށް ފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާބިޓްރޭޝަަނަކީ ކޯޓެއް ކަމަށް ކަނޑަނޭޅޭނެ ކަމަށެވެ.

މިތަނުގައި ޖަވާބު ދިނުމާއި މަޝްވަރާ ކުރުމާއި ސުވާލުކުރުން ހުރަސް އެޅެނީ ޝަރުއީ ކޯޓްތަކުގައި ހިނގަމުންދާ މައްސަލައާ. ދެން މިތަނުގައި ޖަވާބެއް ދިނުމަށް ސާފުކޮށްދެންނެވޭނީ ރިޔާސަތަށް. އިއްޒަތްތެރި ވަޒީރު އެބަ ވިދާޅުވޭ އެމައްސަލަ އޮތީ އާބިޓްރޭޝަން ގައޭ. އިއްޒަތްތެރި މެމްބަރު ތިއައްސަވަނީ އަމިއްލަ އެކައުންޓަކަށް އިއްޒަތްތެރި ވަޒީރު އެފައިސާ ފޮނުއްވެވިންތޯއޭ.؟ ފޮނުއްވެވީ ކީއްވެތޯއޭ ؟ ވަޒީރު އެވިދާޅުވަނީ އާބިޓްރޭޝަން ގައޭ އެއޮތީ. މިތަނުގައި އިއުތިރާފް ބަޔާނެއް ދެއްވާކަށް ގަސްތެއް ނުކުރައްވަމޭ. ދެން އަޅުގަނޑަކަށް އިއުތިރާފް ބަޔާނެއް ހޯދުމަށް އިތުރަށް ވަޒީރަށް ތަކުލީފު ޖެއްސުމަކީ ނުހައްގުން އަނިޔާ ކުރުން ބާވަތުގެ ކަމެއްގެ ގޮތުގައި ފާހަގަ ވެދާނެ.

ސުވާލުކުރުމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައިވަނީ އާބިޓްރޭޝަންގައި މައްސަލައެއް އޮތުމަކީ އުސޫލީ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެދާނެތީ 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރީ ޑުބާއީގެ އެގްޒެކިއުޓަރސް ކުންފުންޏާއެވެ. އެކަމަށް އެދުނު މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން އެކުންފުނިން ރާއްޖެއަށް ފޮނުވީ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދި މިހާތަނަށް ފޮނުވާފައެއް ނުވެއެވެ.

އެގްޒެކިއުޓަރސް އިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް އެއްބަސްވުމުގައި ސޮއިނުކޮށް 30 މިލިއަން ރުފިޔާ ވަނީ އެކުންފުންޏަށް ދޫކޮށްފައެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިޔުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައިނުވާނެ ކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: