ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްއާއި ފޮރިން މިނިސްޓަރަށް ރާއްޖެ ނޭނގޭކަން ސާފު: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި 250 ރަށެއް އޮތްކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސާލިހު އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވިދާޅުވާކަމަށާއި، އެކަމުން ދޭހަވަނީ އެ ބޭފުޅުންނަށް ދިވެހިރާއްޖެ އެނގިވަޑައިނުގަންނަވާކަންކަމަށް މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން އިބްރާޙިމް ވިދާޅުވީ، ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް އިސްލާހެއް ހުށައަޅާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، އެ އިންތިހާބަކީ އަތޮޅުތަކާއި ރަށްތަކާއިވެސް ގުޅިފައިވާ އިންތިހާބެއްކަމަށެވެ. އަދި ޑިމޮކްރެޓިކް ހަރަކާތްތައް ގިނަ ގިނައިން ހިންގުމަކީ ޑިމޮކްރެސީއަށް ރުޖޫއަވުމަށް ކުރާ ދަތުރުގައި ވަރަށް މުހިންމު ކަމެއްކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

އޭނާ އެދިވަޑައިގަތީ ކޮންމެ ރަށެއްގައިވެސް ދުވާލަކު އިންތިހާބެއް ބޭއްވުމަށެވެ. އެހެންނަމަވެސް ވިސްނަން ޖެހޭ ނުކުތާއެއް އޮތްކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. އިބްރާހިމް ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަމުގައި ހުންނަވާ ބޭފުޅަށާއި ވަޒީރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށްވެސް ރާއްޖެ އެނގެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކާއި ވާހަކަދައްކާއިރު، އެމެރިކާ އޭ ބުނުމުން 100 ސްޓޭޓް އޮންނަކަމާއި ޔޫކޭ އޭ ބުނުމުން 48 ކައުންޓީގެ އިތުރުން އިންޑިއާގައިވެސް ޕަންޗާޔަތުގެ ނަމުގައި އޮންނަ ކައުންސިލުތަކެއް އޮންނަކަން އެނގެން އޮންނަކަމަށެވެ.

އެކަމުން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަދި ވަޒީރުން 250 ރަށެއް އޮންނަކަމަށް ވިދާޅުވުމުން ނުވަތަ 350 ކައުންސިލު އޮތްކަމަށް ވިދާޅުވުމުން އެ ބޭފުޅަކަށް މުޅި ރާއްޖެ އެނގިވަޑައިނުގަންނަވާކަން ސާފުވެގެންދާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަޒީރުން ބޭރުގައުމުތަކުގައި އެހީއަށް އެދިވަޑައިގަންނަވާއިރު “250 އައިލެންޑު” އޮތްކަމަށް ވިދާޅުވާކަމަށެވެ. އަދި 250 ރަށެއްގައި ނަރުދަމާ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ވާހަކަތައް އިވިގެންދާއިރު، 350 ރަށެއް އޮތް ވާހަކަތައް ރައީސް ވިދާޅުވާ އަޑުވެސް އިވިގެންދާކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަޖިލީސް މެމްބަރުންނާއި ރައީސްއަށްވެސް މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ސާފުވެވަޑައިގަންނަވަންޖެހޭކަމަށެވެ. އަދި ބައެއް ފަހަރުތަކުގައި މީހުން ދިރިއުޅެމުންދާ ރަށްތައް ފަޅު ތަންތަނުގެ ގޮތުގައި އިއުލާނުކޮށްފައިވާކަމަށާއި އެކަން ހިނގާފައިވަނީ އޮޅިގެންކަމަށްވެސް ވެދާނެކަމަށް އިބްރާހިމް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށެއްގައިކަމަށެވެ. އަދި އޮންނަނީ 187 ކައުންސިލުކަމަށާއި ބައެއް ދާއިރާތަކުގައި އާބާދީވެސް މަދުކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ވެރިކަމުގެ ނިޒާމު އަންނަނީ އަގުލަބިއްޔަތުގެ ވޯޓުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް އެމެރިކާ ފަދަ ގައުމުތަކުގައި ޕޮޕިއުލަރ ވޯޓު ބަލައިނުގަންނަކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ އެންމެ ގިނަ ވޯޓު ހޯދާ މީހެއް އެމެރިކާގެ ރައީސްއަށް ނުވާކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ފެހި ގާނޫނު އަސާސީގައި ނަމޫނާއެއްގެ ގޮތުން ރާއްޖެއިން ބަލައިގަތް ނިޒާމަކީ އެމެރިކާގެ ރިޔާސީ ނިޒާމުކަމަށެވެ. އެހެންނަމަވެސް އެ ނިޒާމުގައި އެންމެ ގިނަ ވޯޓު ހޯދާ މީހާ ރައީސްއަށް ނުވާކަަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި އެ ގައުމުގައި އިލެކްޓޯރަލް ކޮލެޖެއް އޮންނަކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ލޯކަލް ކައުންސިލު އިންތިހާބަށް އިސްލާހުތައް ގެންނަ އިރު ފުރަތަމަ އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށެވެ. އޭނާ ވިދާޅުވީ، ފުރަތަމަ ރައީސް ސާލިހަށް ސާފުވެވަޑައިގަންނަވަންޖެހޭ ކަންކަން ހުރިކަމަށެވެ. އެގޮތުން ކިތަށް ރަށްކަން އެނގިވަޑައިގެންނަވަން ޖެހޭކަމަށާއި މިނިސްޓަރު ޝާހިދަށްވެސް އެނގިވަޑައިގަންނަވަންޖެހޭކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއަށް އިތުރު ބަދަލުތަކެއް ގެންނަން އެނގިގެންދާނީ އެކަން ފުރިހަަމަ ކުރުމަށް ފަހުކަމަށެވެ. އިބްރާހިމް ވިދާޅުވީ 250 ރަށެއްގައި މަޝްރޫއު ހިންގަމުންދާކަމަށް ބުނުމުން އިސްކޮށް ތިއްބެވި ފަރާތްތަކަށް ރާއްޖޭގެ ރަށްތަކުގެ އަދަދުތައް ސާފުވެވަޑައިނުގަންނަވާކަން ދިވެހި ރައްޔިތުންނަށް އެނގިގެންދާކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ބިލެއް ހުށައެޅިގެންދާއިރު، ދިރާސާއެއް ނުކުރާކަމަށެވެ. އަދި ދިރާސާ ކަރުދާހެއް ލިބިގެންދިޔަނަމަވެސް އެ ވެސް ނުބަލާކަމަށާއި ގާނޫނުތައް ކުލިޔަކަށް ހެދުމަށް ފަހު އަނެއް ދުވަހު ތަސްދީގުވެސް ކުރަނީކަމަށް އޭނާ ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ، މިއީ ދުނިޔޭގެ ކަންކޮޅުތަކުގައި އަމަލުކުރާ އުސޫލު ނޫންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: