ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނުނު ކަންކަމަށް ގޮތް ނުނިންމޭނެ ކަމަށް ބުނެ އަބްދުﷲ ރަޝީދުގެ މަރުގައި އިމްރާން ފުލުހުން ދިފާއުކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މެއަށް ތަދެއް އަރައިގެން ނިޔާވި ގދ ހޯޑެއްދޫ އަބްދުﷲ ރަޝީދުގެ މަރުގައި އާއްމުންނަށް ފެނުނު ކަންތައްތަކަށް ބަލައި ގޮތް ނުނިންމޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުން ކަމަށާއި އެކަން ހިނގައި ދިޔަ ގޮތް އޭނާ ހިމެނޭހެން  ގިނަ ބަޔަކަށް މަންޒަރު ފެނިފައިވާ ކަމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން މިއަދުގެ މަޖލީހުގައި ވިދާޅުވިއެވެ. އަދި އެ މައްސަލައިގައި ޝާމިލްވާ އެއްވެސް ފުލުހަކަށް ފިޔަވަޅު އަޅާފައިވާނެތޯ ފިރުޝާން ވަނީ އިމްރާން އާއި ސުވާލު ކޮށްފައެވެ.

ފިރުޝާންގެ ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ކަން ހިނގައި ދިޔަގޮތް ބަލަންތިބި މީހުންނަށް ފެނުނު ގޮތާއި، އެ މައްސަލަ ތަހުގީގުކޮށް ތަހުގީގީ ނަޒަރަކުން ބެލުމުން ފެންނަ ގޮތް ތަފާތު ވާނެ ކަމަށެވެ.

ހޯޑެއްދޫގައި ކަން ހިނގާ ދިޔަގޮތް މީހުންނަށް ފެނުނު ނަމަވެސް، އޭގެ ކުރިންނާއި ފަހުން ކަންތައް ވީގޮތް ރައްޔިތުންނަށް ނުފެންނާނެ ކަމަށާއި އެހެންކަމުން އެ ވަގުތުކޮޅުުގެ ތެރޭގައި ފެނުނު ކަންތައްތަކަށް ބަލައި އެ މައްސަަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ނިންމުނަކީ ރަނގަޅުކަމެއް ނޫންކަމަށް އިމްރާން ވިދާޅުވިއެވެ.

މެދުތެރެއިން ފެނިފަައި އިން ބައެއްގެ މައްޗަށް ބަލާފަ މައްސަލައިގައި އެވަރުގެ ޖަޖްމެންޓެއް ނެރުން އެއީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ. ތަހުގީގި ނަޒަރަކުން އެ މައްސަލަ ބަލަންޖެހޭނެ ކަމަށް ގަބޫލުކުރަން. ރައްޔިތުންގެ ކުރިމަތިން އޭނަ ގެންދިޔަ އިރު  އެ ފެނިގެންދިޔަ ފަސް މިނެޓްގެ މައްޗަށް ނުވަތަ ދިހަ މިނެޓް ކިޔަމާ ހިނގާ ދިގުކޮށް އެ ވަގުތަށް ބަލާފަ އެކަމުގެ މައްޗަށް ޖަޖްމަންޓެއް ނެރެފިއްޔާ އަޅުގަނޑު ގަބޫލުކުރަނީ އެއީ ނުބައި ޖަޖްމެންޓަކަށް ވާނެކަމަށް. އެއީ އެއަށްވުރެ މާ ބޮޑު މައްސަލައެއް. ފަހަތުގައި މާ ގިނަ ކަންކަން ހުރި މައްސަލައެއް.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ފުލުހުން އަބްދުﷲ ރަޝީދު ހައްޔަރުކޮށްފައިވަނީ ގދ މަޑަވެލިންނެވެ. އޭނާ ހައްޔަރުކޮށްގެން ލޯންޗުގައި ގެންދަން އުޅެނިކޮށް ނޭވާލާން އުނދަގޫވާ ކަމށާއި ސިއްހީ މަރުކަޒަށް ގެންގޮސް ދިނުމަށް އޭނާ އެދުނު ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ރަށުން ބަންދަށް ގެންދަން ބަނދަރު ކައިރި ހުއްޓާވެސް އަބްދުﷲ ރަޝީދުގެ ހާލު ދެރަވެގެން ބިންމަތިގައި އޮތް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އަދި އެ މަންޒަރު މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން އާއި އެކު ވަރަށް ގިނަ ރައްޔިތުންނަށް ފެނިފއިވެއެވެ.

ފިރުޝާން ވަނީ އަބްދުﷲ ރަޝީދު ޑޮކްޓަރަށް ދެއްކުމަށްފަހު ހައްޔަރަށް ގެންދިއުމަށް އެވަގުތު އެދިފައެވެ. ނަމަވެސް ފުލުހުން އެކަމާ ދެކޮޅު ހަދައި ލޯންޗަށް ލައިގެން އަބްދުﷲ ރަޝީދު ގެންދަނިކޮށް އޭނާ ވަނީ ކަނޑުމަތީގައި ނިޔާވެފައެވެ.

އަބްދުﷲ ރަޝީދު ނިޔާވީ މެއަށް ތަދެއް އަރައި ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމަށްފަހުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އޭނާ މަރުވި ގޮތުގެ ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އާއިލާ އާއި ދެކޮޅަށް ޕޯސްޓޠް މޯޓަމް ހަދާފައެވެ. އަދި ޕޯސްޓް މޯޓަމް ރިޕޯޓް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އާއިލާއިން އޮޓޮޕްސީއެއް ނެހެދުމަށް އެދި އާދޭސްކޮށް، އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށް، އޮޓޮޕްސީ ހެދުމަށްފަހު މިހާރު އަބްދުﷲ ރަޝީދުގެ ހަށިގަނޑު ވަނީ ވަޅުލާފައެވެ

އާއިލާގެ ރުހުމަކާއި ނުލައި އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމި ސަބަބެއްކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެފައި ވަނީ މައްސަލައިގެ އިންސާފަށް ވާސިލުވުމަށެވެ. މިއީ ގޮތް ނޭނގޭ މަރެއް ނޫންކަމާއި، ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތުމުގެ އިތުރުން ހެލްތް ސެންޓަރުގެ ރިޕޯޓުގައި އަބްދުﷲ މަރުވީ ސަޑެން ކާޑިކް އެރެސްޓެއްގެ ސަބަބުންކަމަށް ވާތީ އާއިލާއިން އެދެނީ އިތުރު އެއްވެސް ޓެސްޓުތަކެއް ކުރިޔަށް ނުގެންދިއުމަށެވެ. ނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުންނަށް ކުރެވުނު ތުހުމތަކުގެ ސަބަބުން މުވައްސަސާގެ އިތުބާރު ދެމެހެއްޓުމަށް ފުލުހުންވެސް އެދުނީ ޕޯސްޓްމޯޓަމްއެއް ހެދުމަށެވެ.

އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހަދައިގެން، ފުލުހުން އޭނާއާއި މެދު ވީ އިހުމާލުތައް ނުފެންނާނެކަމަށާއި، އެހެން ކަމުން ހަށިގަނޑަށް އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އާއިލާއިން އޭރު ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: