ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ރަޝީދު ނިޔާވީ ފުލުހުންގެ އިހުމާލުންކަމަށް ނިންމައި، ދައުވާ ކުރަން ފޮނުވަނީ!

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި، ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ނިންމައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފޮނުވައިފި އެވެ.

އަބްދުﷲ ރަޝީދު ނިޔާވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވި ވަގުތު މެޔަށް ތަދުވާތީ ވާތީ އެހީއަށް އެދުމުން ވެސް ސިއްހީ ހާލަތު ގޯސްވާކަމަށް ނުބެލެވޭކަމަށާއި އެއީ އެކްޓުކަމަށް ބުނެ އެކަމަށް ދެކޮޅު ހަދާފައިވަނިކޮށެވެ. ލޯންޗުގައި އެވަގުތު ތިބި ބައެއް އާއްމުންނާއި، ބަނދަރު މަތީ ތިބި ރަށުގެ ރައްޔިތުންނާއި ހަވާލާ ދީ އާއިލާއިން މީޑީއާތަކަށް ބުނެފައި ވަނީ އަބްދުﷲ އޭނާ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އެދި އާދޭސް ކުރި ކަމަށެވެ.

އެ މައްސަލައިގައި އާއިލާއިން ވަނީ ނޫސްވެރިންނާއި ވެސް ބައްދަލުކޮށް، އަބްދުﷲ ނިޔާވުމުގައި ފުލުހުންގެ އިހުމާލު ބޮޑުކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް އެދި ތަކުރާރުކޮށް ހުށަހެޅުމުން ވެސް އަބްދުﷲ ގެ މޫނު ދައްކާފައި ނުވެ އެވެ. ދެ ދުވަސް ވަންދެން، އާއިލާގެ މެމްބަރުން ގަލޮޅު މޯޗަރީ ކައިރީގައި ހަށިގަނޑު ހަވާލު ކުރުމަށް އެދި އާދޭސް ކުރަން ފެށުމުން ފުލުހުން ބުނީ އެ މުއައްސަސާގެ މައްޗަށް ކުރެވޭ ބޮޑު ތުހުމަތުގެ ހަގީގަތް އެނގެން ޖެހޭކަމަށާއި އެހެންކަމުން ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމުގެ ގޮތުން ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމަށް ދެކޮޅު ހަދައި އާއިލައިން ވަނީ އަބްދުﷲ ގެ ޕޯސްޓްމޯޓަމް ހެދުމަށް ބޭނުން ނުވާކަމަށާއި އެެފަދަ ރިޕޯޓަކުން ފުލުހުންގެ އިހުމާލެއް އޮތްކަން ނޭނގޭނެކަމަށް ބުނެފަ އެވެ. އާއިލާއިން ބުނެފައި ވަނީ އެއީ ގޮތް ނޭނގޭ މަރެއް ނޫންކަމާއި، ހަށިގަނޑުގެ ބޭރުފުށުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނެތް އިރު ހެލްތް ސެންޓަރުގެ ރިޕޯޓުގައި އަބްދުﷲ މަރުވީ ސަޑެން ކާޑިކް އެރެސްޓެއްގެ ސަބަބުންކަމަށް ވާތީ އިތުރު އެއްވެސް ޓެސްޓުތަކެއް ގެންދަން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ހަށިގަނޑަށް އިތުރު އެއްވެސް ގެއްލުމެއް ދޭން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އާއިލާއިން ވަނީ ބުނެފައެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، މައްސަލަ ނިމުނީ އާއިލާއާއި ދެކޮޅަށެވެ.

މި މައްސލަައިގައި އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުﷲ ވިދާޅުވީ މިކަމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލައި އެކަމުގައި ފުލުހެއްގެ އިހުމާލެއް ވާނަމަ ފުވަޅު އަޅާނެ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވެސް ވިދާޅުވީ މައްސަލަ ގާތުން ބައްލަވަމުންދާނެ ކަމަށެވެ. އެކަމަކު އަހަރެއް ވެ، ދައުރު ނިމިގެން ދިޔައިރު ވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުލިބެ އެވެ.

ދާދިފަހުން ވެސް މި މައްސަލައިގައި އާއިލާއިން ކަންބޮޑުވުންފާޅު ކުރި އެވެ. އަދި މީޑިއާތަކުން ވެސް އެކަން ފާހަގަކޮށްފައި ވަނިކޮށް، ތަހުގީގުތައް ކުރިޔަށް ދާތާ އަހަރެއް ފަހުން މި މައްސަލައިގައި މިހާރު މިވަނީ ދައުވާ ކުރުމަށް ފޮނުވާފަ އެވެ.

ދައުވާ ކުރުމަށް ފޮނުވި ސީދާ ތާރީހަކާއި ދައުވާ އުފުލަން އެދިފައި ވަނީ ކޮން އޮފިސަރުންތަކެއްގެ މައްޗަށްކަން ސާފެއް ނޫނެވެ. އެކަމަކު އެނގިގައިވާ ގޮތުގައި އެންއައިސީން އެ މައްސަލަ ޕީޖީއަށް ފޮނުވިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ. އޭގެ ކުރިން ގިނަ އަދަދެއްގެ ފުލުހުންގެ ބަޔާންތައް ނަގައި، ހާދިސާ ހިނގި ދުވަހު އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކާއި ވެސް ސުވާލުކޮށް ބަޔާން ނެގި އެވެ.

އާންމުކޮށް މިފަދަ މައްސަލަތަކުގައި ކުރާނީ ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވުމުގެ ތުހުމަތެވެ.

މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކުރިޔަށް ގެންދިޔައީ ޖިނާއީ ތަހުގީގެކެވެ. އަބްދުﷲ ގެ މަރުގެ މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުންނާއި، އަދި ޕޯސްޓުމޯޓަމްގެ ނަތީޖާއާއި ގުޅޭ ތަފްސީލު ދޭން އެދި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާ ކުރާނީ އެންއައިސީން ކަމަށެވެ. އަދި ފުލުހުންނަށް އެކަމުގައި ދެވޭނެ މައުލޫމާތެއް ނެތްކަމަށް ވިދާޅުވި އެވެ.

އެހެންވެ، އެންއައިސީއަށް ގުޅުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: