ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭ ހިނގީ ނަފްރަތު އުފައްދާ ބައެއްގެ ސަބަބުން: ޝާހިދު

ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭގައި މައްސަލަތަކެއް އުފެއްދީ ނަފްރަތު އުފެއްދުން ނޫންކަމެއް ކުރެވެން ނެތް މަދު ބަޔަކު ހިންގި އަމަލެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ނިންމައި، ސަރުކާރުން ގަލޮޅު ދަނޑުގައި ހަރަކާތްތަކެއް ކުރިޔަށް ގެންދަނިކޮށް ހަމަނުޖެހުންތަކެއް އުފެދުނީ މިދިޔަ އަހަރުގެ ޖޫން 21 ވަނަ ދުވަހު އެވެ. ދައުލަތުގެ ބައެއް ވަޒީރުންނާއި، ބައެއް އެމްބެސެޑަރުން ބައިވެރިވި އެ ހަރަކާތް ހުއްޓުވުމަށް މަސައްކަތް ކުރި މައްސަލައިގައި ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ހައްޔަރު ކުރި އިރު ބައެއް މީހުންގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ފުލުހުންނާއި އަދި ސަރުކާރުން ތަހުގީގު ކުރަމުން ދާއިރު އެކަން ބައެއް މީހުން ސިފަ ކުރީ ސިޔާސީކަމެއްގެ ގޮތުގަ އެވެ. އަދި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތުން ސަރުކާރުން އިންތިޒާމު ކުރި ޔޯގާ ޑޭ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާތީ ބޮޑެތި ފާޑުކިއުންތައް އަމާޒުވި އެވެ.

ހަމަނުޖެހުންތައް އުފައްދައި، ޓެރަރިޒަމަށް ހިއްވަރު ދިނުމުގެ އަމަލުތައް ހިންގުމަކީ އެއީ މަދު ބަޔަކު ހިންގާ ނޭއްގާނީ އަމަލެއްގެ ގޮތުގައި ސިފަކޮށް ޝާހިދު ވާހަކަ ދައްކަވާފައި ވަނީ އިންޑިއާގެ ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ޔޯގާ ޑޭ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވެފައި ވަނީ، ރާއްޖޭގައި ހިނގާފައިވާ އެ ފަދަ މައްސަލަތަކަކީ، މަދު ބަޔަކު ވެގެން ބަޔަކު ލައްވާ ކުރުވާ ކުށްތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ ގޮތުން ހަރަކާތްތެރި ވާ ޕާޓީތަކުން ނަގަން ޖެހޭ ޒިންމާއަކަށް ވެސް ވެދާނެކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އެއީ އެއްވެސް ސިޔާސަތެއް ނެތް ޕާޓީތައް ކަމަށެވެ. އަދި ރައްޔިތުންނަށް ވިއްކޭނެ އެއްވެސް އެއްޗެއް ނެތްކަމަށާއި އެހެންކަމުން އެފަދަ ފަރާތްތަކުން އަބަދުވެސް ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރާކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ، އެފަދަ ފަރާތްތަކުގެ މަގުސަދަކީ ހިންގާ އަމަލުތައް މެދުވެރިކޮށް ގައުމުގެ އަމަންކަން ނަގާލުންކަމަށެވެ. އަދި އެއީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ކަން ވާ ގޮތްކަމަށާއި ހިތާމަވެރިނަމަވެސް ރާއްޖޭގައިވެސް ސިޔާސީ މީހުންނަށް ވާން ބޭނުންވާ އެހެންނަމަވެސް ރައްޔިތުންނަށް ވިއްކާނެ އެއްވެސް ހަރުނާ ސިޔާސަތެއް ނެތް ބަޔަކު އުޅެމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ސަރުކާރުން ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރު ވެރިކަމަށް ވާސިލުވީ، އެއްބައިވަންތަކަމާއި ތަރައްގީ ގެނެސްދޭނެކަމަށް ވައުދުވެކަމަށެވެ. އަދި މިހާތަނަށް ރައީސް ސާލިހުވަނީ ކޯލިޝަން ސަރުޚާރެއް ދަމަހައްޓާފައިކަމަށާއި، އެއީ ރާއްޖޭގައި ކުރިން ވެފައިނުވާ ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައީސް ސާލިހު އަދި ގުޅިފައިވާ ފަރާތްތަކުގެ މަސައްކަތްތަކުގެ ސަބަބުން ރާއްޖެއަށް ތަރައްގީއާއި ކުރިއެރުންތައް ލިބެމުންދަނީ ހަލުވި ދުވެއްޔެއްގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ވެރިކަމާއި ހަވާލުވި އިރު ފެނާ ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ލިބެނީ ރާއްޖޭގެ 30 އިންސައްތަ ރަށްތަކަށް ކަމަށެވެ.

އެހެންނަމަވެސް މި ދައުރު ނިމިގެންދާއިރު ސާފު ބޯފެން ނުލިބޭ އެއްވެސް ރަށެއް ރާއްޖޭގައި ނުހުންނާނެކަމަށް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު ވިދާލުވީ، ބަނދަރާއި މަގުތައް ބިނާކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށެވެ. އަދި އިންފްރާސްޓްރަކްޗާ މަސައްކަތްތައް ކުރެވެމުންދަނީ ރާއްޖޭގެ ތާރީހުގައިވެސް ކުރެވިފައިވޭ އެންމެ ހަލުވި ދުވެލީގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މަގުސަދަކީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ނަމަވެސް އަސާސީ ހިދުމަތްތައް ލިބިގެންދާނެ ފަދަ ގޮތަކަށް އިންފްރާސްޓްރަކްޗާ ބިނާކުރުންކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ދަނީ ކުދި މަސައްކަތްތަކާއިއެކު ބޮޑެތި މަސައްކަތްތައްވެސް ކުރަމުންކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަގު ފަހިވެގެންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: