ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާ: ހަރުދަނާ ކުރުމަށް ގިނަ ހަރަދުތަކެއް ކުރެވިއްޖެ، މައްސަލަތައް ހައްލެއް ނުވޭ!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ހެލްތް މިނިސްޓަރު ނަސީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ހިދުމަތްތައް ކޮންމެ ރަށަކުންވެސް ލިބިގެންދިއުންވަރަށްވެސް މުހިންމެވެ. އެހެންނަމަވެސް ރާއްޖޭގައި އަދިވެސް އެކަން ހާސިލު ކުރެވިފައިނުވާކަމަކީ ހަގީގަތެވެ. އަދިވެސް ގިނަ އަދަދެއްގެ މީހުން އަމިއްލަ ގެދޮރު ދޫކޮށްލައި މާލެ ސަރަހައްދަށް ބަދަލުވާ މައިގަނޑު އެއް ސަބަބަކީ ސިއްހީ ހިދުމަތްތައް ލިބިގަތުމެވެ.

މި އަހަރުގެ ތެރޭގައިވެސް ސަރުކާރުންވަނީ ސިއްހީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާ އެޅިފައިވާ މިނިސްޓްރީކަމަށްވާ ހެލްތު މިނިސްޓްރީގެ ބޭނުންތަކަށް 2.23 ބިލިއަންގެ ބަޖެޓެއް ދީފައިކަމަށްވާއިރު، 2022 ނިމިގެންދިޔައީވެސް ބިލިއަނުން މަތިން އެ މިނިސްޓްރީގެ އެކި ބޭނުންތަކަށް ހަރަދުކުރުމަށްފަހުއެވެ.

މާލެ ނޫން ސަރަހައްދުތަކުގައިވެސް ސިއްހީ ދާއިރާގެ ތަރައްގީއަށް އަދި ރައްޔިތުންނަށް ހަރުދަނާ ހިދުމަތެއް ދިނުމުގެ މަގުސަދުގައި ސަރުކާރުން ޓާޝަރީ ހޮސްޕިޓަލްތައް އެޅުން ފަދަ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެ ވާހަކަތައް ދެކެވޭ އަޑު އިވިގެންދަނީ މަދަކުން ނޫނެވެ. ކޮންމެ ކެމްޕެއިން ޕޯޑިއަމްއެއްގައިވެސް އެ ވާހަކަތައް އެކި މެމްބަރުންނާއި ސަރުކާރުގެ އިސްވެރިން އަދި ތާއީދުކުރާ ފަރާތްތައް ތަކުރާރު ކުރިއެވެ.

ކޮވިޑް އިން އަރަގަތުމުގައި ދިވެހިރާއްޖެއަށް ލިބިގެންދިޔައީ ބޮޑު ސިއްހީ ކާމިޔާބީއެއްނަމަވެސް، އެ ކާމިޔާބީގެ ފަހަތުގައި އާންމު ރައްޔިތުންގެ ހޭލުންތެރިކަންވެސް އޮވެއެވެ. ސިއްހީ ހިދުމަތްތައް ހަރުދަނާ ކުރެވިގެންދާ ހަމައެކަނި ގޮތަކީ ވަސީލަތްތައް ގިނަ ކުރުމެއް ނޫނެވެ.

ހުރި ވަސީލަތެއްގެ އެންމެ ފުރިހަމަ ބޭނުން ހިފައި އަވަސް ހިދުމަތެއް ފޯރުކޮށްދެވޭ ގޮތަށް ކަންކަން ބައްޓަންކުރުމަކީވެސް ދާއިރާއެއް ހަރުދަނާ ކުރުމަށް ކުރެވިދާނެ މުހިންމެ ކަމެކެވެ. އެހެންނަމަވެސް ކިއުތަކުގައި ޖެހި ހިދުމަތްތައް ލިބުމުގައި ލަސްތަކެއް ވެގެންދާ ވާހަކަތައް އަދި ބައެއް ހާލަތްތަކުގައި އެ ހިސާބަށް ވާސިލު ނުވެވި މަސް ދުވަސް ހޭދަވާ ވާހަތައްވެސް އެކި ފަރާތްތަކުން އިވިގެންދާތީ ދާއިރާގެ ތެރެއިން ދެމުންދާ ހިދުމަތްތައް އެންމެ ފުރިހަމައަށް ކުރަންޖެހޭ ކުދި އެހެންނަމަވެސް އަސާސީ މައްސަލަތައް ހައްލު ކުރެވިފައިވާކަމަށް ބުނެވެން ނެތެވެ.

ބޭސް ނުލިބިގެން އެއް ބޭހެއް ހޯދުމަށް އެއް ފާމަސީ އިން އަނެއް ފާމަސީއަށް ދުވާ މަންޒަރުތައްވެސް ފެނިގެންދާއިރު، ދާއިރާގެ ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ގިނަ ހަރަދުތަކެއް ކުރެވިފައިވާ ގައުމެއްގެ ރައްޔިތުން ސިއްހީ ބޭނުންތަކުގައި އަވައްޓެރި ގައުމުތަކަށް ދާންޖެހޭ ދިއުމަށް ހައްލުތަކެއް އައިސްފައިނުވެއެވެ.

މާލެ ނޫން އެހެން ސަރަހައްދެއްގައި ދިރިއުޅެމުންދާ މީހަކު، އެ ސަރަހައްދުން ހޮސްޕިޓަލަކަށް ދެއްކުމަށްފަހު މާލެއަށް އަންނަންޖެހޭ ޖެހުމަށްވެސް އަދި ނިމުމެއް އައިސްފައިނުވާއިރު، މާލެ އައުމަށް ފަހުވެސް ފަރުވާ ފުރިހަމަ ކުރެވެން ނެތިގެން ނުވަތަ އެޕޮއިންޓުމެންޓު ހޯދުމުގައި ދިމާވާ ދައްޗާއި ހެދި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް މަޖުބޫރުވާނަމަ، ވަރަށްވެސް ހިތާމެވެރިއެވެ.

އިމާރާތެއްގައި ސިއްހީ ދާއިރާގެ މުއައްޒިފުންކޮޅެއް ބަހައްޓައިގެން ހިދުމަތެއް ދެވޭނެ ނަމަ، ވަސީލަތްތަކެއް އީޖާދު ކުރުމުގެ ބޭނުމެއް ނޯންނާނެއެވެ. ހަމަ އެފަދައިން ވަސީލަތްތައް ގާއިމު ކުރިނަމަވެސް އެ ވަސީލަތްތަކުގެ އެންމެ ފުރިހަމަ ބޭނުން ހިފާނެ ބަޔަކު ނެތްނަމަވެސް ނުކުންނާނީ ދާދި އެއް ނަތީޖާއެކެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގައި ގިނަ އަދަދެއްގެ ގާބިލު ފަރާތްތައްވެސް އެބަތިއްބެވެ. ކަންބޮޑުވަނީ ދާއިރާގެ މެނޭޖްމަންޓާއިމެދުއެވެ. ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ އެންމެ ހުތުރު އެއް މައްސަލައިގެ ސަބަބުން ސިއްހަތައް ނުރައްކާތަކެއް ހުރެދާނެކަމަށް ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރިއެވެ.

އެހެންނަމަވެސް އެ މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ ޓެސްޓުތައް ހައްދައި އެ މީހުންގެ ސަބަބުން އެއްވެސް އެހެން އެއްވެސް ފަރާތަކަށް ސިއްހީ ނުރައްކަލެއް ކުރިމަތިނުވާކަން ކަށަވަރުކޮށްދީފައިނުވާކަމަށްވުމުން، ރާއްޖޭގައި އުފެދޭ އެ ދާއިރާ އާއި ގުޅުން ހުރި މައްސަލަތަކުގައި އެދެވިގެންވާ ގޮތަކަށް ހިދުމަތްތައް ފޯރުކޮށްދީފައިވާކަމަށް ބުނެވެން ނެތެވެ.

އެހެންކަމުން ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ އަދަދެއްގެ ހަރަދުތައް ކުރެވިފައިވާއިރު، އެ ހަރަދާއި އެކަށީގެންވާ ކުރިއެރުންތަކެއް ލިބިފައިނުވާތީ، ބަޖެޓު ކުރެވޭ ފައިސާއިން ބޭނުންކުރެވެމުންދަނީ އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކަމާއިމެދު ސުވާލު އުފެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: