ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރު ރިޒާ ވަކިވުމާއެކު ޕީޕީއެމްއަށް ވަރުގަަދަ ގާނޫނީ ވަކީލެއްވެސް ގެއްލިއްޖެ: އަދުރޭ.

ކ ގުރައިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އަލްމަރުހޫމް އިބްރާހީމް ރިޒާގެ ތައުބީންގެ ޖަލްސާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ކ ގުރައިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އަލްމަރުހޫމް އިބްރާހީމް ރިޒާ ވަކިވުމުން ޕީޕީއެމްއަށް ގެއްލުނީ ހަމައެކަނި މަޖިލީހުގެ މެންބަރެއްނޫންކަމަށާއި، ވަރުގަދަ ގާނޫނީ ވަކީލެއްވެސް ގެއްލިގެންދިޔައީކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކ ގުރައިދޫ ދާއިރާގެ މެންބަރަކަށް ހުންނެވި އަލްމަރުހޫމް އިބްރާހީމް ރިޒާގެ ތައުބީންގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ އޭނާއާއި މަރުހޫމް ރިޒާ އެންމެ ފުރަތަމަ ބައްދަލުވީ 2009 ވަނަ އަހަރަށް މަޖިލީސް ހުޅުވާ، ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުންކަމަށެވެ. އަދި އެއަށްފަހު ވަރަށް ގާތް ގުޅުމެއް އޮތްކަމަށް ވިދާޅުވިއެވެ. ރިޒާއާއިއެކު މަޖިލީހުގައި ގިނަ މަސައްކަތްތަކެއްކުރެވުނުކަން ފާހަގަކުރައްވާ އަބްދުލްރަހީމް ވިދާޅުވީ މަޖިލީހުގައި ނޫނަސް ވަރަށް ގާތް ގުޅުމެއް އޮތްކަމަށެވެ.

އޭނާއާއި އެކިއެކި ދަތިތަކާއި ކުރިމަތިވީއިރުވެސް ރިޒާ އަމިއްލަގޮތުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އަބްދުލްރަހީމް ފާހަގަކުރެއްވިއެވެ.

ރިޒާގެ ހަޔާތްޕުޅާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބްދުލްރަހީމް ވިދާޅުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ރިޒާ ގުރައިދު ދާއިރާ ތަމްސީލުކުރައްވަމުން ގެންދެވީ މިނިވަން މެންބަރެއްްގޮތުގައިކަމަށާއި، އެހެން ނަމަވެސް އޭރު އޮތް ޕީއޭގެ ޕާޓީ އޮފީހުން ވަރަށް ގިނައިން ރިޒާއާއި ބައްދަލުވާކަމަށެވެ. ރިޒާއަކީ އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ވަރަށް ހާއްސަގުޅުމެއް އޮތް ބޭފުޅެއްކަމަށާއި، އަދި އޭނާ މަޖިލީހުގައި މަސައްކަތްކުރެއްވީ ރައީސް ޔާމީންގެ ލަފާގެ މަތިންކަމަށް ވިދާޅުވިއެވެ.

ރިޒާގެ ފަރާތުން ފެނުނު އެންމެ ހަރުދަނާ ސިފައަކީ، އެ ފަސް އަހަރު ރިޒާ ނިންމަވާލެއްވީ މިނިވަން މެންބަރެއްގެ ގޮތުގައި ހުންނަވައިގެން. އެހެން ނަމަވެސް ޑީއާރުޕީއާއި ޕީއޭގެ ފިކުރު. ހަމައެއާއިއެކީގައި މަރުހޫމް ރިޒާ އަޅުގަނޑުމެންނާއި ވަކިވެގެން ދިއުމުން އަޅުގަނޑުމެންނަށް ގެއްލުނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން.

2013 ވަނަ އަހަރު ވެރިކަމަށް އައުމަށްޓަކައި ޕީޕީއެމް އިން ކުރި ދަތުރުގައި ދިމާވި އެންމެ މުހިންމު ކަންތައްތަކުގައި ރިޒާ ވަރަށް މުހިންމު ދައުރެއް އަދާކުރިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، އެ މައްސަލަ ހިތްޕަވައިގެން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަޑައިގަތުމުން ޕީޕިއެމްގެ ފަރާތުން އެ މައްސަލައިގައި ހަރަކަތްތެރިވީ ބޭފުޅަކީ ރިޒާކަމަށް ފާހަގަކުރެއްވިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ޕީޕިއެމްއަށް ކާމިޔާބުކުރެވުނީ ފުރަތަމަ ބުރު ބާތިލްކުރީމައިކަމަށާއި، އެ މަސައްކަތުގައިވެސް އެންމެ އިސް ދައުރެއް އަދާކުރެއްވީ ރިޒާކަމަށް ވިދާޅުވިއެވެ.

އަބްދުލްރަހީމް ވިދާޅުވީ 10 އަހަރު މަޖިލީހުގައި ރިޒާއާއިއެކު މަސައްކަތްކުރުމުގެ ފުރުސަތު ލިބުނުކަމަށެވެ. އަދި ފާހަގަކުރެއްވީ ޕީޕިއެމްގެ ވެރިކަމުގައި ރައީސް ޔާމީންއަށް ކުރިމަތިވީ އެންމެ ބޮޑު މައްސަލައަކީ ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަކަމަށެވެ. އަބްދުލްރަހީމް އިޝާރާތްކުރެއްވީ ރައީސް ޔާމީން އާއި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ދެމެދު ޖެހުނު މައްސަލައަށެވެ. ޕާޓީގެ މިލްކްވެރިކަން ހޯދުމަށް ރައީސް މައުމޫނު ކުރި މަސައްކަތުގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނަށް އެންމެ މުހިންމު މަސައްކަތްތަކެއްކޮށްދެއްވީވެސް ރިޒާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ރިޒާގެ މަސައްކަތް ކާމިޔާބުވެ ރައީސް ޔާމީންއަށް ޕާޓީ ލިބިވަޑައިގެން. އަދި އޭގެ ފަހުން ރައީސް ޔާމީންގެ އަމިއްލަފުޅު ބައެއް މަސައްކަތްތަކުގައި އަޅުގަނޑަށް އެނގިފަ އޮތް ގޮތުން ފަހުން ބައްލަވައިގަތް ގޯތި ބައްލަވައިގަތުމުގައި ކުރަންޖެހުނު ގާނޫނީ މަސައްކަތްތައްވެސް ކޮށްދެއްވީ ރިޒާ.

މީގެ އިތުރުން ރައީސް ޔާމީންގެ އަމިއްލަފުޅު މަސައްކަތްތަކުގައިވެސް ރިޒާ ވަނީ ގާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ވިދާޅުވިއެވެ. ރިޒާގެ ހެޔޮ ސިފަތަކުގެ ވާހަކަ އެންމެންވެސް ފާހަގަކުރާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: