ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑު ދިރުމެއް ލިބޭނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް އިފުތިތާހުކޮށްދެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ އިޤްތިޞާދީ ޙަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިސަރުކާރުން ގދ. ފަރެސްމާތޮޑާގައި ތަރައްޤީކުރި އެއާޕޯޓް ހުޅުވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، މިސަރުކާރުގެ ވައިގެ ދަތުރު ފަތުރުގެ ސިޔާސަތުގައި ކަނޑައަޅާފައިވާ މިންގަނޑާއެއް ގޮތަށް، ހުވަދު އަތޮޅުގެ އެންމެ ރަށެއްފިޔަވައި ހުރިހާ ރަށަކުންވެސް އެންމެ ގިނަވެގެން 20 މިނެޓާއި 30 މިނެޓާއި ދެމެދުގެ ރާސްތާއެއްގައި ދަތުރުކުރެވޭ އެއާޕޯޓެއް މިހާރު އޮންނާނެ ކަމަށެވެ. އަދި އެހެން އަތޮޅުތައްވެސް ސަރުކާރުގެ އެމިންގަނޑަށް ފައްތަވާނެކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

މިގޮތުން މިސަރުކާރުން މިހާރު ކުރިޔަށް ގެންދާ އެއާޕޯޓުތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި އެ ވައިގެ ބަނދަރުތައް ޤާއިމުކޮށް ނިމޭއިރު، އެތެރޭގެ އުދުހުންތަކުގެ ވިއުގަ ވަރަށް ބޮޑަށް ގެތި ލާމެހިގެންދާނެ ކަމަށާ، ވަޒީފާގެ ފުރުޞަތުތައް އިތުރުވެ އިޤްތިޞާދީ ޙަރަކާތްތަކަށް ވަރަށް ބޮޑު ދިރުމެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. ރައީސް ސާލިހު ވިދާޅުވީ މ. މުލި، ފ. މަގޫދޫ އަދި ރ. އަލިފުށީގައި ގާއިމުކުރާ ވައިގެ ބަނދަރުގެ މަސައްކަތް މިއަހަރު ތެރޭގައި ނިމި ޚިދުމަތް ދޭންފެށޭނެކަމަށެވެ

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތުގައި ފަރެސްމާތޮޑާގެ ރައްޔިތުންގެ ބައިވެރިވުން ފާހަގަކުރައްވައި، އެއާޕޯޓާއިއެކު މިހާރުވެސް އެރަށަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގައި ކުރިއަށް ގެންދިއުމުގައި، އެމްޓީސީސީގެ ލީޑާޝިޕާއި ޓީމް، އެމްޓީސީސީ އިން ކުރަމުން އެ ގެންދަނީ އިތުބާރުހުރި ފުރިހަމަ ރައްޔިތުން ބަލައިގަންނަ މަސައްކަތެއް.

މިގޮތުން އެއާޕޯޓް ސަރަހައްދުގައި މަރުކަޒީ އިންޖީނުގެއެއް ޤާއިމްކުރެވި، ކަރަންޓުގެ ވިއުގައިގެ ފެންވަރު ރަނގަޅު ކުރެވިފައިވާ ކަމަށާއި، ލަހެއް ނުވެ ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ނިމިގެންދާނެ ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެއާޕޯޓާއި ފަރެސް މާތޮޑާ ގުޅުވައިދޭ ދާއިމީ ކޯޒްވޭގެ މަސައްކަތް ނިމުމާއިއެކު، ފަރެސްމާތޮޑާ ބަނދަރުން އެއާޕޯޓަށް ދަތުރު ކުރާ މަގުގައި ތާރު އެޅުމުގެ މަސައްކަތްވެސް ފެށިގެން ދާނެ ކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.

ގެސްޓް ހައުސް ވިޔަފާރިއަށް ވަނުމުގެ އުއްމީދުގައި ތިބި މި ސަރަހައްދުގެ ރަށްތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ދަންނަވާނީ މިހާރު މިއޮތީ ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައޭ. ލަސްނުކުރައްވާ އަވަހަށް ފައްޓަވާށޭ.

މީގެ އިތުރުން އެއާޕޯޓާއިއެކު ވަޒީފާގެ ފުރުޞަތާއި އިޤުތިޞާދީ އެތައް ފުރުޞަތެއް ފަރެސްމާތޮޑާ އާއި ކައިރިރަށްތަކުގެ ރައްޔިތުންނަށް ހުޅުވިގެންދާކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، ކުރިޔަށް އޮތީ އަދި މާފަހި ދުވަސްތަކެއް ކަމަށެވެ.

ރޭ ހުޅުވުނު ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ. އަދި މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.

މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: