އެކަށީގެންވާ ގޮތަކަށް ފަރުވާދެވެން ނެތުމުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހި، ސަލާމަތް ނުވެވިފައި އެތައް ބަޔަކު ތިބިކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި، ރިހެބިލިޓޭޝަން އާއިމެދު ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، އެ މައްސަލައިގައި އޭނާ ގަރާރެއް ހުށައެޅުއްވީ ތިން ބޭނުމެއް ހާސިލުކުރެއްވުމަށްކަމަށެވެ. އަދި ގަރާރުގެ އެއް ބޭނުމަކީ ސަރުކާރުގެ ސިޔާސަތު ހިންގާ ހިންގުމުގެ ނިޒާމު ބަދަލުކުރުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް ގިނަ އަދަދެއްގެ މެމްބަރުންދަނީ ބަދަލުކުރުމާއިމެދު ސުވާލު އުފައްދައި ސަރުކާރުގެ މަސްލަހަތު ހިމާޔަތްކުރައްވަމުންކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، އެމްޑީޕީއިން ވައުދުތަކެއް ވެފައިވަނީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން އެތައް ދިރާސާތަކެއް ކުރެއްވުމަަށްފަހުކަމަށެވެ. އަދި ހުށައެޅުއްވި ގަރާރަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ކޮށްދެއްވުމަށް އެދި ގޮވާލާ ގަރާރެއްކަމަށް އިޝާރާތްކުރެއްވިއެވެ.
ހަސަން ވިދާޅުވީ، ގަރާރެއް ހުށައެޅުމުގެ ބޭނުމާއިމެދު ބައެއް މެމްބަރުން ސުވާލު އުފައްދަވާކަމަށެވެ. އަދި ސަރުކާރުން މަސައްކަތްތައް ކުރަމުންދާ ވާހަކަދައްކަވާކަމަށާއި މަޖިލީހުގެ ކޮމިޓީތަކުގައިވެސް ކުރެވެމުންދާ މަސައްކަތްތަކުގެ ވާހަކަތައް ދައްކަވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ބޭފުޅުން ދައްކަވަމުންދަނީ ރަނގަޅު ވާހަކަތަކެއްކަމަށެވެ. އަދި ސަރުކާރެއް ނަމަ ކޮންމެސް މަސައްކަތްތަކެއް ކުރާނެކަމަށް ހަސަން އެއްބަސްވެވަޑައިގަތެވެ.
އެހެންނަމަވެސް ވަކި ގޮތަކަށް ކަންތައްތަކެއް ކޮށްދިނުމަށް ވައުދުވެ، ވެރިކަމަށް އައުމަށްފަހު ވައުދުވި ގޮތުގެ މަތިން އަމަލުތައް ނުކުރާ ކަމަށްވާނަމަ، އެ ސަރުކާރެއް ޖަވާބުދާރީ ކުރުވުމަށް ފަރުމާކުރެވިފައިވާ އެކި ވަސީލަތްތައް މަޖިލީހުގައި ހުރިކަމަށް ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ އެއް ”މެކޭނިޒަމް“ އަކީ ގަރާރެއް މެދުވެރިކޮށް ސަރުކާރުން މަސައްކަތްތައް ކުރުމަށް ގޮވާލުންކަމަށާއި އޭނާ ގަރާރެއް ހުށައެޅުއްވީ އެ ބޭނުން ހާސިލުކުރެއްވުމަށްކަމަށެވެ. އަދި ގަރާރު ހުށައެޅީ އެއް ސަބަބަކީ ރާއްޖޭގައި ރިހެބިލިޓޭޝަން ދޭނެ ރަނގަޅު މަރުކަޒުތަކެއް ބޭރުގެ ފަރާތްތަކެއްގެ ބެލުމުގެ ދަށުން ހިންގާ ގޮތަށް ގާއިމު ކުރުމަށް ގޮވާލުމަށްކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި އެކަން ފުރިހަމައަށް ނުކުރެވޭކަން މަސައްކަތްތައް ކުރައްވަމުންދާ ފަރާތްތަކާއި ހެލްތު މިނިސްޓަރުވެސް ވިދާޅުވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގައި ރަނގަޅު ރީހެބެއް ހިންގުމުގެ ގާބިލުކަން ނެތްކަމަށް ވިދާޅުވީ، މަޖިލީހަށް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވި ފުރުސަތެއްގައިކަމަށެވެ. އޭނާ ވިދާޅުވީ، މިހާރު ކުރަމުންދަނީ ކޮންސަލްޓަންޓެއް ގެނެސް ކޮންސަލްޓަންސީ ހޯދައިގެންކަމަށެވެ. އެހެންނަމަވެސް އެ ކޮންސަލްޓަންސީ އާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާނެ މުއައްޒަފުން ތިބިކަމާއިމެދު ސުވާލު އުފެއްދެވިއެވެ.
ހަސަން ވިދާޅުވީ، ރާއްޖޭގައި އެފަދަ ބަޔަކު ނެތްކަމަށެވެ. އެހެންކަމުން ރިހެބިލިޓޭޝަން ސެންޓަރު ހިންގުމުގެ މަސައްކަތްތައް ބޭރުގެ ފަރާތަކާއި ހަވާލު ކުރުމަށް ހުށައަޅުއްވާކަމަށް އެނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، ސެންޓަރު ހިންގާނެ އުސޫލުތައް ސަރުކާރުން އެކުލަވާލާ ކަނޑައަޅަންޖެހޭކަމަށެވެ. އަދި އެހެނިހެން މަސައްކަތްތައްވެސް ކުރަންޖެހޭކަމަށާއި އެހެންކަމުން އެކަން ކުރަން އުޅުމުން ނުވެ ދާކަމަށް އޭނާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައިޖެހި ސަލާމަތް ނުވެވިފައި ތިބި އެތައް ޒުވާނުންނެއް އެ މައްސަލައިގައި ޝަކުވާ ކުރާކަމަށެވެ.
އޭނާ ވިދާޅުވީ، އާންމުންގެ މަސްލަހަތު ހިމެނޭ ގަރާރެއް ހުށައެޅުމުންވެސް ސަރުކާރުގެ ފެކްޝަން މެމްބަރުން ކުރައްވާ މަސައްކަތަކީ ރައީސް ސާލިހަށް ތައުރީފު ކުރެއްވުންކަމަށެވެ. އޭނާ ވިދާޅުވީ ކުރައްވަމުންދާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާ ގޮތަށް އަމަލު ކުރެއްވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، މިއަދު ރާއްޖޭގައި މަސްތުވާތަތީގެ ވަބާގައިޖެހި ފަރުވާއަށް ބޭނުންވެ ނުލިބި އެތައް ބަޔަކު ތިބިކަމަށެވެ. ހަސަން ވިދާޅުވީ، އެއީ ފަރުވާދިނުމުގެ ނިޒާމުގެ ދޯދިޔާކަމުގެ ނަތީޖާކަމަށެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ، ފަރުވާ ހޯދަމުންދާ ދުވަސްވަރު ކެއުމަށް ބޭނުންކުރާ ބޭސްވެސް ހޯދުމުގައި ދަތިތައް ކުރިމަތިވާކަމަށެވެ. އަދި އެފަދަ ހިދުމަތްތައް ރާއްޖޭގެ އެންމެހާ ކަންކޮޅުތަކުންވެސް ލިބޭނެ ގޮތަކަށް ނިޒާމު ފަރުމާކުރުން މުހިންމުކަމަށް އޭނާ ސިފަކުރެއްވިއެވެ.

