ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުޅާކަމަށް ބުނާ އިގްތިސާދުން ލިބޭނެ މަންފާއާއި އެއް މިންވަރުގެ ހިދުމަތެއް ރައްޔިތުންނަކަށް ނުލިބޭ!

ރައީސް ސާލިހު އަދި ޗެއަރޕާސަން ފައްޔާޒު: ފޮޓޯ/ ރައީސްގެ ކެމްޕެއިން ޓީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ގޮތުން ކޮންމެ ހިޔާލަކާއި ކުރެވެމުންދިޔަނަމަވެސް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އޮތީ ކޮން ފިޔަވަޅުތަކެއްކަން ވަރަށްވެސް ސާފެވެ. ހަރަދުކުޑަކުރަންވީއެވެ.

2023 ވަނަ އަހަރުގެ ހަތަރުބައިކުޅަ އެއް ބައި ވޭތުވެގޮސްފައިވާއިރު، މި އަހަރުވެސް ފެށިގެންދިޔައީ މިދިޔަ އަހަރު ނިމިގެންދިޔަ ފަދަ ގޮތަކަށެވެ. އަދިވެސް ދެކެވެމުންދަނީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ބަނގުރޫޓުވެދާނެކަމާއި ރައްޔިތުން ބަނޑަށް ޖެހިދާނެކަމުގެ ވާހަކަތަކެވެ. ހަމަ އެކަނި ސިޔާސީ ބޭފުޅުންނެއް ނޫނެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވައި ހަރަދުކުޑަކުރުމަށް އަންގައި ސާކިއުލާތައް ނެރުއްވުމަކީ ދިވެހިރާއްޖޭގެ މާލީ ހާލަތާއިމެދު ސަރުކާރުގެ އިސްވެރިންވެސް އިންތިހާއަށް ކަންބޮޑުވާކަމުގެ ހެއްކެކެވެ. އެއީ އިދިކޮޅުން އެ ދައްކަމުންދާ ވާހަކަތަކުގެ ފަހަތުގައި ހަގީގަތްތަކެއްވެސް ވާކަމުގެ ހެއްކެކެވެ.

މި ކަންބޮޑުވުންތަކުގެ ވާހަކަތައް ރައްޔިތުންގެ ތެރޭގައި ދެކެވި، އެ އަޑުތައް ގަދަވާން ފެށުމުން ކޮންމެ ފަހަރަކުވެސް އިވިގެންދަނީ އެއް ލަވައެކެވެ. ހަރަދު ކުޑަ ކުރާނެ ވާހަކަތައް ދައްކާނަމަވެސް، އެކަން ކުރުމަށް އަންގާ ނެރިފައިވާ ސާކިއުލާގެ އިތުރުން އަމަލީ މަސައްކަތްތައްކެއް ފެނިގެން ނުދެއެވެ. ޒަމާނީ ވަސީލަތްތަކާއިއެކު ދުނިޔޭގެ އަނެއް ފަރާތުގައި ހުރި މީހަކާއިވެސް މަޝްވަރާ ކުރުން ފަސޭހަ ކަމެއް ކަމަށް ވެގޮސްފައިވާއިރު، އަދިވެސް ސަރުކާރުގެ އިސްވެރިން ފެނިގެންދަނީ މޯބަައިލް ފޯނެއް ބޭނުންކުރައްވައިގެން ދެކެވެން އޮތް ވާހަކަތަކެއް ދެއްކުމަށްޓަކައި ޖެޓެއްގައި ފުރާވަޑައިގަންނަވާ މަންޒަރެވެ. އެހެންނަމަވެސް ރައްޔިތުންނަށް ހާމަ ނުކުރެވޭ ވަރަށް މުހިންމު ވާހަކަތައް ސިޓީތަކުގައިވެސް ދަންނަވާފައިވެއެވެ. އަދިވެސް ސުވާލުކުރެވެމުންދާ މޮރިޝަސްއަށް ރައީސް ފޮނުއްވި ސިޓީއަކީ ކޮންމެ ދެ ދަޅައަކަށް ފުރާވަޑައިގަތުން މަޖުބޫރު ނޫންކަމުގެ މިސާލެކެވެ.

އެތައް ސަތޭކަ ސިޔާސީ މަގާމެއް ހުރުމުގެ ސަބަބުން ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަތިބަރުވެ ހަރަދުތައް ބޮޑުވަމުންދާކަމަށް ފާހަގަކޮށް ފާޑުކިއުމަށްފަހު ވެރިކަމަށް ވާސިލުވި ބައެއްގެ ވެރިކަމުގައި މިއަދު އެ އަދަދުތައް ހާހުން މައްޗަށް އަރައިގެން ގޮސްފިއެވެ. ލިބެމުންދާ މައުލޫމާތުތައް ރަނގަޅުނަމަ، 2023 ނިމިގެންދާއިރު، މި އަދަދުތައް ހައިރާން ކުރުވާ މިންވަރަކަށް އިތުރުވެގެންދާނެއެވެ. މާލީ ހާލަތު ގޯސްއިރު، ސަރުކާރުންދަނީ ކުންފުނިތަކާއި މުއައްސަސާތަކަށް މުއައްޒަފުން ނަގަމުންނެވެ.

ވިސްނާލައްވާނަމަ، ރާއްޖޭގައި އެކުލަވާލެވިފައިވާ ބައެއް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ފައިދާއަށްވުރެ ބޮޑަށް ވެގެންދަނީ ގެއްލުންކަން ސާފެވެ. މާލޭގެ އަމީނީ މަގު ހެދުމުގެ މަޝްރޫޢު އެކި މުއައްސަސާތަކުގެ ތެރޭގައި އަތް ބަދަލުވަމުންދިއުމަށްފަހުވެސް ނިންމިފައިނުވުމަކީ ފަހުގެ ތާރީހުގެ މިފަދަ ކަމެއްގެ މިސާލެކެވެ. އަދި ބޭރު ގައުމުތަކުގެ އަތުން ބޮޑެތި ލޯނުތައް ނަގައިގެން އެތައް މަޝްރޫޢުއެއް ހިންގަމުންދާއިރު، ބޭރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް އެކަށީގެން ނުވާކަމުގެ އެތައް ޝަކުވާއެއް އިވިގެންދެއެވެ. މަޖިލީހުގެ މެމްބަރުންވެސް އެ ވާހަކަތައް ދައްކަވައެވެ. އެހެންކަމުން މަސައްކަތުގެ ޒިންމާ އަދާކުރުމުގެ ގާބިލުކަން ނެތް ފަރާތްތަކާއި ހަވާލު ކުރެވެމުންދަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ސުވާލު އުފެދެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން މާލީ ތަނަވަސްކަން ނެތް މިންވަރަށް މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރުމަކީ ބުއްދިވެރި ހިޔާލެއް ނޫންކަމަށްވާއިރު، އެ ހާލަތުގައިވެސް މަޝްރޫޢުތައް ކުރިއަށް ގެންދާއިރު އެ މަސައްކަތްތައް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކުރުމަކީ އިންތިހާއަށް ދަރަނީގެ އަދަދުތައް މަތިވެފައިވުމަށް ވުރެވެސް ބޮޑު މައްސަލައެކެވެ. ވަސީލަތްތައް ބިނާ ނުކުރެވި ދިވެހިން ދަރަނިވެރިވާނަމަ އެކަމާއި ހަގީގަތުގައިވެސް ކަންބޮޑުވާންޖެހެއެވެ.

މަޝްރޫޢުތައް ދިގު ލައި ދިއުމުން ކުރަމުންދާ ހަރަދުތައް އިތުރުވެގެންދާއިރު، ފެންވަރު ދަށްކޮށް މަސައްކަތްތައް ކުރުމުގެ ސަބަބުން ގިނަ ދުވަސްތަކެއް ނުވެ، ބިނާ ކުރާ ވަސީލަތްތައް ހަލާކުވެގެންދާންވެސް ދިމާވެއެވެ. އެކަމުގެ ސަބަބުން އަލުން ބަލުން މަޝްރޫޢޫތައް ހިންގަން ޖެހި، ވަގުތާއި އެތައް ފައިސާތަކެއްވެސް ބޭކާރުވެގެންދާނެއެވެ. އާހިރުގައި ނިމިގެންދާއިރު، އަތުގައި އެ ވަސީލަތް ނެތްނަމަ ބާކީ އޮންނާނީ ދަރަންޏެއް އެކަންޏެވެ.

އިގްތިސާދު ފުޅާކުރެވިއްޖެ ވާހަކަތައްވެސް އިވިގެންދަނީ މަދަކުން ނޫނެވެ. އިދިކޮޅު ފަރާތްތަކުން ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކުރާ ކޮންމެ ފަހަރަކުވެސް ސަރުކާރުގެ ޕޯޑިއަމްތަކުން އިވިގެންދަނީ އެ ވާހަކަތަކެވެ. އެހެންނަމަވެސް ދައްކަމުންދަނީ ވަރަށްވެސް ގަބޫލުނުކުރެވޭ ވާހަކަތަކެކެވެ. އިގްތިސާދު ފުޅާ ކުރެވޭނީ ރާއްޖޭގެ އިގްތިސާދީ ސިނާއަތުގެ ދާއިރާތައް ދެނެގަނެވިގެންނެވެ. އެހެންނަމަވެސް އެފަދަ މަސައްކަތްތަކެއް އެކަށީގެންވާ މިންގަނޑަކަށް ކުރެވިފައިވާނަމަ، ދިވެހިރާއްޖޭގެ ސަގާފީ މަސައްކަތްތަކާއި އަތްތެރި މަސައްކަތްތައް ގެއްލި ދިއުމުގެ ކަންބޮޑުވުމެއް ނޯންނާނެއެވެ. ޒަމާނުއްސުރެ ރާއްޖޭގައި ހުރި ދާއިރާތައް މިއަދު ހުންނާނީ ބައިނަލްއަގުވާމީ ފެންވަރަށް ފުޅާ ކުރެވިފައެވެ.

އެހެންނަމަވެސް އިގްތިސާދީ ސިނާއަތު ފުޅާ ކުރެވިފައިނުވާކަން އަދި މި ސަރުކާރުވެސް ހިމެނޭހެން ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގެ އިގްތިސާދީ ސިނާއަތު ފުޅާ ކުރުމުގައި ފެއިލްވެފައިވާކަމުގެ ހެއްކިތައް ފެންނަން އެބަ ހުރިއެވެ. ރާއްޖެއަކީ ޒަމާނުއްސުރެ މަަސްވެރިކަން ކުރަމުން އަންނަ ގައުމެއްގެ ގޮތުގައި މަޝްހޫރު ގައުމެކެވެ. ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ލޮޅުންތަކުގެ ތެރޭގައި ރާއްޖެ ކުދިކުދިވެގެން ނުދިޔައީވެސް މަސްވެރިކަމުގެ ދާއިރާގެ ސަބަބުންނެވެ. އެހެންކަމުން މިއަދު ރާއްޖޭގެ އެންމެ ބޮޑު ދާއިރާ ދެވަނަ އަށް ބަދަލުވެ އިތުރަށް ހީނަރުވެފައިވާކަމަށް މަސައްކަތްތެރިންގެ ވާހަކަތަކުން ދޭހަވުމުން މި މަސައްކަތްތަކުގައި ސަރުކާރުން ގެންގުޅެމުންދަނީ ނުރަނގަޅު ވިސްނުމެއްކަން ކަށަވަރެވެ. ޒަމާނުއްސުރެ އެއް ވާނެއްގައި ކުރަމުން އައި ފުރުސަތު ފަހި ވިޔަފާރިއެއް ދޫކޮށްލައި ދުނިޔޭގެ އެއް ކޮޅުގައި ހުރެ މީހަކު ކެއްސާލުމުގެ ސަބަބުން ފުނޑުފުނޑުވެދާނެ ވިޔަފާރިއެއް ފުޅާކުރުމަށް މަސައްކަތްކުރާނީ ވަރަށްވެސް ތަނަވަސް ހިޔާލުތަކެއް ގެންގުޅުއްވާތީއެވެ.

މަސްވެރިކަމުގެ ދާއިރާއާއިމެދު ދިވެހިން ފަހުރުވެރިވާއިރު، ދުނިގޭ މަސްވެރިކަމަށް އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ގަދަ ތިނެއްގައިވެސް ނުހިމެނެއެވެ. ފުލުން ލައްވާލުމާއި އެއްފަދައެވެ. މިއީ އިގްތިސާދީ ސިނާއަތު ފުޅާ ކުރުމުގައި ސަރުކާރުން ފެއިލްވެފައިވާކަމުގެ ފުރިހަމަ ހެއްކެކެވެ. އިގްތިސާދީ ސިނާއަތު ކޮޅަށް ޖެހިފައިނުވާކަމުގެ އިތުރުކަންކަންވެސް ފެނެއެވެ. އިގްތިސާދީ ސިނާއަތުގެ އެ ވިދާޅުވާ ގޮތަށް އާރާސްތު ކުރެވި ބޮޑެތި މަންފާތައް ލިބެމުންދާއިރު، ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް ބޮޑުކުރަން މަޖުބޫރުވީ ކޮން ސަަބަބަކާއި ގުޅިގެންތޯ ގިނަ އަދަދެއްގެ މީހުން ސުވާލު އުފައްދައެވެ.

އެހެނިހެން ގައުމުތަކުގައި އެ ގައުމެއްގެ އިގްތިސާދާއި އެއް މިންވަރަކަށް އެ ގައުމެއްގެ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައްވެސް ފުޅަލެވެ. އެއް މިންވަރަކަށް އެ ހިދުމަތްތަކުގެ ފެންވަރުވެސް ރަނގަޅެވެ. ރައްޔިތުން ދިރިއުޅެނީ ލިބޭ އާމްދަނީ އިން ފުދިގެންނެވެ. މިއީ މިއަދު ދިވެހި ރައްޔިތުންގެ ހަގީގަތެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ފުޅާވެފައިވާކަމަށް ސިފަކުރަމުންދާއިރު، ރައްޔިތުން މިއަދު އުޅެމުންދަނީ އަނގަޔާ އަތާ ދިމާނުވާ ހާލަތުގައެވެ. ޗާޕުކޮށްގެން މުސާރަ ބޮޑު ކުރިނަމަވެސް މިކަމަށް ހައްލެއް ލިބެން ނެތެވެ. ކާށި ފަދަ ތަކެތި ހެއްދުމުގެ ބަދަލުގައި ދަނީ އިމްޕޯޓުކުރަމުންނެވެ. މިކަމުގެ ސަބަބުން އިމްޕޯޓު ކުރާ މިންގަނޑުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ރައްޖޭގައި ލިބެން ހުރި ތަކެތި މިވަނީ އަތް ފޯރާ ފަށުން ބޭރަށް ދާން ފަށާފައެވެ. މިއީ އިގްތިސާދީ ސިނާއަތު ފުޅާ މިންގަނޑެވެ. ދިވެހި އިގްތިސާދީ ސިނާއަތުގެ ތެރޭގައި ދިވެހި ރައްޔިތުންނަށް ފުއްދާލެވޭ މިންގަނޑަށް ކާބޯތަކެތިވެސް ނުއުފައްދައެވެ.

ވިޔަފާރިއެއް ރަނގަޅަށް ހިނގާނަމަ ފައިދާތައް ވާނެކަން އެންމެނަށްވެސް އެނގޭނެއެވެ. އަދި މުސާރަ ދިނުމަށާއި އިތުރަށް ފުޅާ ކުރުމަށް އޮންނާނެ ހަމައެކަނި މަގަކީ ލޯނު ނެގުން ނޫންކަންވެސް ސާފުވާނެއެވެ. އެހެންކަމުން ދިވެހި އިގްތިސާދު އެ ބުނާ މިންގަނޑަށް ފުޅާ ކުރެވިފައިވާނަމަ، ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދިނުމަށްޓަކައި އަވައްޓެރި ގައުމުތަކުން ލޯނު ނަގަން ނުޖެހި ރާއްޖެއަށް އަމިއްލައަށްވެސް އެ މިންވަރު ކުރެވޭނެއެވެ. މި ދައްކަނީ ރޮކެޓެއް ބިނާކޮށްގެން ހަނދަށް ދާ ވާހަކައެއް ނޫނެވެ. ދެކެވެމުންދަނީ ފެނާއި ކަރަންޓު އަދި ނަރުދަމާ އާއި މަގުތައް ފަދަ އެންމެ އަސާސީ މަސައްކަތްތަކުގެ ވާހަކައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: