ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ރައީސް ސާލިހުގެ ސަރުކާރުން ވަޒީފާގެ ބިރެއް ނުދައްކާނެ”

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި ކުރީގެ ރައިސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަޒީފާގެ ބިރެއް ނުދައްކާނެއެވެ. މިއީ ދިވެހި ރައްޔިތުން ތަމްސީލު ކުރެއްވުމަށް މަޖިލީހުގެ މެމްބަރުންގެ މަގާމަށް އިންތިހާބުކުރުމުން ސަރުކާރުގެ މަސްލަހަތަށް މަސައްކަތްކުރައްވަމުންދާ މެމްބަރުންގެ ފަރާތުން ތަކުރާރުކޮށް އިވިފައިވާ ވާހަކަތަކެކެވެ.

އެހެންނަމަވެސް މިއަދު ސިޔާސީ މަސްރަހުގެ ތެރެއިން ފެންނަމުންދާ ކަންކަމުން އެ ވާހަކަތަކުގެ ފަހަތުގައި ހަގީގަތެއް ނުވާކަން ސާފެވެ. ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރޭގައި ދަނީ އެމްޑީޕީގެ ގިނަ ދުވަސްވީ އަދި ގިނަ ހިދުމަތްތައްވެސް ކޮށްދެއްވާފައިވާ މެމްބަރުން ގުރުބާން ކުރައްވަމުންނެވެ. ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާއި ދެމެދު އޮތް ސިޔާސީ ވާދަވެރިކަންވަނީ ޒާތީ ހަސަދަވެރިކަމަށް ބަދަލުވެ ބޮއްސުން ލާފައެވެ. މިއަދު ފެންނަމުންދަނީ ވެރިކަން ނިމުމަކަށް އަންނާނެކަމަށް އެމަނިކުފާނަށްވެސް ގަބޫލު ކުރެއްވޭކަމުގެ އަލާމަތްތަކެއްކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

އެމަނިކުފާނުވަނީ ދައުރު ނިމުމާއި ގާތްވެފައިވާއިރު، އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބަވައިގެން ދާދި ފަހާއި ޖެހެންދެން ސަރުކާރާއި ދިވެހިރާއްޖެއަށް އިހުލާސްތެރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި ބޭފުޅުންތަކެއް ކުއްލި ގޮތަކަށް މަގާމުން ވަކި ކުރައްވާފައެވެ. ގިނަ ބަޔަކު ބުނަމުންދާގޮތުން، އެކަން ކުރެއްވީ ވޯޓު ހޯދުމުގެ މަގުސަދުގައި ވަޒީފާގެ ފުރުސަތުތަކުގެ ފަހިކުރުމަށެވެ. އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންދިޔަ ހުސައިން އަމްރު ރިޔާސީ ޕްރައިމަރީގެ ކުރިން އާންމުނަށް ފެނިގެންދިޔައީ ރައީސް ސާލިހުގެ ސަރުކާރަށް ގިނަ މަންފާތަކެއް ހޯއްދަވައިދެއްވަމުންދިޔަ ބޭފުޅެއްގެ ގޮތުގައެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އިގްތިސާދީ ސިނާއަތުގެ މައި ދޮރާށީގެ އެއް ތަނބުކަމަށްވާއިރު، އެ ކުންފުންޏަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދިޔަކަންވެސް ސަރުކާރުގެ އިސްވެރިންވެސް ވަނީ ރިޔާސީ ޕްރައިމަރީގެ ކުރިން އެކި ހަފްލާތަކުގައި ފާހަގަކުރައްވާ ވާހަކަދައްކަވާފައެވެ. އެހެންކަމުން މިއަދު ކުއްލި ގޮތަކަށް ވަކި ކުރީ ސަރުކާރަށް އޭނާގެ ފަރާތުން އެއްބާރުލުމެއް ނުދެއްވާތީކަމަށް ބުނުމުން ގަބޫލުކުރަން ދައްޗެވެ. ފެނިގެންދަނީ ރައީސް ސާލިހަށް ތާއީދު ނުކުރާ ފަރާތްތައް އެމަނިކުފާނުގެ ދުޝްމިނުންގެ ގޮތުގައި ކަނޑައަޅާ ފަދަ މަންޒަރެކެވެ. ކިލަނބުކޮށް ކުރެހެމުންދިޔަ މި މަންޒަރުގައި މިއަދު ރަނގަޅަށްވެސް ކުލަ ޖެހިއްޖެއެވެ. މިއަދު ސަރުކާރުގެ އަޑި ފެންނަން ފަށައިފިއެވެ.

އެމްޑީޕީގެ ތެރޭގައި މަގްބޫލު އަދި އިސް މެމްބަރެއްކަމަށްވާ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރަން އިންކާރު ކުރެއްވުމުގެ ސަބަބުން ވަޒީފާއިން ވަކި ކުރެވިފައެވެ. އެހެންނަމަވެސް އޭނާ ދާދި ފަހާއިޖެހެންދެން ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރެއްގެ މަގާމުގައިކަމަށްވުމުން ގިނަ ސުވާލުތަކެއް އުފެދެއެވެ. އެނާ އެ މަގާމަށް އައްޔަނު ކުރީ އަދި ދައުރު ނިމުމަށް މަދު ދުވަސްކޮޅަކަށް ވަންދެން ވަޒީފާގައި ބެހެއްޓީ ހަމަ ސަރުކާރަށް އެއްވެސް ފައިދާ ކުރުވަނިވި މަސައްކަތެއް ނުކުރައްވާތީ ތޯއެވެ. އަދި އެހެން ނަމަ އެފަދަ ފަރާތަކަށް އަހަރުތަކެއް ވަންދެން ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު މުސާރައެއް ދެއްވައިގެން މަގާމުގައި ބެހެއްޓެވުން އެއީ ރައީސް އަށް އެނގިވަޑައިގެން ކުރައްވަމުންދިޔަ އިސްރާފެއް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ.

ޔަގީންވަނީ އެންމެ ކަމެކެވެ. އެމަނިކުފާނުވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ޖެހިވަޑައިގެން އަރިސް އަދި އިސް އެމްޑީޕީގެ މެމްބަރުންތަކެއްވެސް އެ ކަން ހާސިލު ކުރެއްވުމަށްޓަކައި ގުރުބާން ކުރައްވާފައެވެ. ރައީސް ސާލިހު ވެރިކަން ދެމެހެއްޓެވުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްތަކުގެ އަސަރުތައް މިއަދު ފެނިގެންދަނީ އެމްޑީޕީގެ ތެރެއިން އެކަނި އެއް ނޫނެވެ. ރައީސް ސާލިހު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްޓަކައި އެންމެ އަޑު ހަރުކޮށް ދެއްކެވީ މިހާރު އޮތް ކޯލިޝަންގެ ކާމިޔާބުކަމުގެ ވާހަކައެވެ. އެމަނިކުފާނަށް ކޯލިޝަން ދެމެހެއްޓެވުނު ވާހަކައެވެ. އެހެންނަމަވެސް ޕްރައިމަރީ ނިމި ގިނަ ދުވަސްތަކެއް ނުވަނީސް މިއަދު އެމަނިކުފާނުގެ އަތުގައި އެ ލަގަބެއް ނެތެވެ. ކޯލިޝަންގެ އިހުލާސްތެރި ޕާޓްނަރުންގެ ގޮތުގައި ރިޔާސީ ޕްރައިމަރީގެ ޕޯޑިއަމްތަކުގައި ފާހަގަކުރެއްވި ޖުމްހޫރީ ޕާޓީވެސް މިއަދު އެމަނިކުފާނުގެ އަދުއްވަކަށް ވެއްޖެއެވެ.

ޖޭޕީއިންވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، އެ ޕާޓީގެ ލީޑަރު ގާސިމްވަނީ އެކަމުގެ ސަބަބުން މިހާރު އޮތް ސަރުކާރަށް ލޮޅުންތަކެއް އަންނަން ޖެހޭ ސަބަބެއް އެނާ އަށް ފެނިވަޑައިނުގަންނަވާކަމަށް ސިފަކުރައްވާފައެވެ. އެގޮތުން ރައީސް ސާލިހަށް ތާއީދުކުރައްވާ ފަރާތްތަކުން ޖޭޕީގެ މެމްބަރުންގެ އިސްތިއުފާއަށް ގޮވާލަމުންދިޔައިރުވެސް ގާސިމްވަނީ އެފަދަ ފިޔަވަޅެއް ނެގުން އެއީ ކުރަންޖެހޭ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް މިއަދު ފެނިގެންދަނީ ވެރިކަމުގެ ދެވަނަ ދައުރަކާއި ގުޅިގެން ހިނގަމުންދާ ދައުރުގައި ވެރިކަން ކުރަމުންދާ ކޯލިޝަން ރޫޅިގެންދާނެ ފަދަ ވާހަަކަތަކާއި އަމަލުތަކެވެ. އެމްޑީޕީގެ މެމްބަރުންތަކެއް ރައީސް ސާލިހަށް ތާއީދު ނުކުރުމުން ވަޒީފާއިން ވަކި ކުރުމަކީ ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ފަރާތްތަކަށް ރައީސް ސާލިހު ދެއްވި ހޫނު އިންޒާރެކެވެ. އަމިއްލަ ޕާޓީގެ މެމްބަރުންނަށް ބެއްލެވުމެއް ނެތް ހާލަތު އެހެން ޕާޓީއެއްގެ ބަޔަކަށްވެސް ނޯންނާނެކަން ކަށަވަރެވެ. ސިޔާސީ މަސްރަހުގެ ހަލަބޮލިކަމުގެ ތެރޭގައި ގާސިމްގެ އަރިސް ބޭފުޅުންގެ ގޮތުގައި ފެނިގެންދިޔަ ބައެއް ފަރާތްތައް ޖޭޕީ ދޫކޮށް ސަރުކާރާއިއެކު މަސައްކަތްކުރުމަށް ނިންމާފައިވާކަން އިއުލާނުކުރުން ވެގެންދިޔައީ ސިހުމަކަށްނަމަވެސް މަސްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުންވަނީ އެ މަންޒަރު އެއީ ފެނިގެންދާނެކަމަސް ލަފާކުރި މަންޒަރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އާންމުގެ ބައެއް ފަރާތްތައްވެސް ގަބޫލުކުރާ ގޮތުން ޖޭޕީއިން ވަކިވެ ސަރުކާރަށް ތާއީދުކުރަން ނިންމާފައިވަނީ ވަޒީފާ ގެއްލުމުގެ ބިރަށެވެ.

އެހެންކަމުން މިއަދު އެވިމުންދާ ވާހަކަތަކާއި ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުން ރައީސް ސާލިހުގެ ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާކަމަށް ބުނާ ވާހަކަތައް ވެގެންދަނީ އަޑު އަހަން ދަތި އަދި ގަބޫލުކުރަން އެހާމެ ދަތި ވާހަކަތަކަކަށެވެ. އަދި މި ތުހުމަތަކީ ކުރީއްސުރެވެސް ސަރުކާރުގެ މައްޗަށް ކުރެވެމުންދިޔަ ތުހުމަތެއްކަމަށްވާއިރު، މިއަދު ހަގީގަތެއް ފަދައިން ފެންނަން އޮތުމާއިއެކު، ސަރުކާރުގެ މައްޗަށް ކުރެވެމުންދާ އެހެނިހެން ތުހުމަތުތަކުގެ ހަގީގަތާއިމެދުވެސް ގިނަ ސުވާލުތައް އުފެދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: