ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި ވާދަކުރައްވާނެ ކެނޑިޑޭޓުންނަކީ ދިވެހިރާއްޖެއަށް ތަރައްގީތައް ގެނައުމަށްޓަކައި ބޭނުންވާ އިންވެސްޓުމެންޓުތައް ހޯދުމުގެ ގާބިލުކަން ހުރި ބައެއް ނޫންކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ މައްޗަށް އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫޢުތަކަށް ހުރަސް އަޅުއްވާކަމަށް ޝަރީފްވަނީ އެކި ފުރުސަތުގައި ތުހުމަތުކުރައްވާފައެވެ. ރައީސް ސާލިހަށް ގިނަ ތައުރީފުތަކެއް ކުރައްވާ ޝަރީފް ވިދާޅުވީ، ރައްޔިތުން އެދެމުންދާ ތިޔާގިކަމާއި ތަނަވަސްކަން ހޯދައިދެވޭނީ އެކަން ކުރުމަށްޓަކައި ބޭނުންވާ އުފެއްދުންތެރި ވަސީލަތްތައް ގާއިމުކޮށް އިގްތިސާދީ ދުވަލި ހަލުވިކޮށްގެންކަމަށެވެ. އޭނާ ވިދާޅުވީ، އެކަން ކުރުމަށްޓަކައި ފަންޑު ހޯދައި އެކި އިންވެސްޓުމެންޓުތައްވެސް ހޯދަންޖެހޭކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރޭގައި މުސާރަ ރަނގަޅު ވަޒީފާތައް އުފެއްދުމުގެ ފުރުސަތު އޮތް ދާއިރާތަކަށް އަހަމިއްޔަތުކަމެއް ދިނުން މުހިންމުކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ، އިގްތިސާދީ ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގެ މަތިން ބިނާ ކުރުމަށްޓަކައި އިންސާނީ ވަސީލަތްތަކަކީ ކޮންމެހެންވެސް ބޭނުން އެއްޗެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހަށް އެކަން އެނގިވަޑައިގަންނަވާކަމަށެވެ. އެގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމް ފައްޓަވައި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރައްވަނީ އެ މަގުސަދު ހާސިލު ކުރެއްވުމަށްކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިގްތިސާދު ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރިއަރައިދިއުމަށްޓަކައި އެ ގައުމެއްގެ ރައްޔިތުންގެ ސިއްހީ ހާލަތު ރަނގަޅަށް ހުރުމަކީވެސް ކޮންމެހެންވެސް މުހިންމު ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ސިއްހީ ދާއިރާގެ ތެރޭގައި މަސައްކަތްތަކެއް ކުރައްވަމުންދަނީ އެކަން އެމަނިކުފާނަށް ފާހަގަކުރެއްވޭތީކަމަށެވެ.
Gaumu bangrootu vejjekan iulaan koffaane bayakah adhi iguthisaadhee dhuveli haluvi kurumah beynunvaa vaseelaithah gaaimu kurumah beynunvaa investment kuraane gothuge plan ehnei bayakah rayyithun vote dheyn jehey sababeh nei. @ibusolih ah othee saraasaru reethi ali mageh. #Ibu2023
— Ibrahim Shareef (@AdduShareef) April 2, 2023
ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ވެގެންދާނީ ރައީސް ސާލިހުގެ ވެރިކަން ދެމެހެއްޓިގެންކަމަށް ޝަރީފް އިޝާރާތްކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓުން ދައްކަވަމުންދަނީ ”ފްރީ ގުޑީސް“ ބައްވާނެ ވާހަކަ ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އެ ފަރާތްތަކުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަވެގެންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަޒީފާގެ ބާޒާރުގައި އިތުރު ޖާގަތައް އުފައްދުމަށްޓަކައިވެސް އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާއިރު، ހައްލެއްގެ ގޮތުގައި ދައްކަވަމުންދާ ހަމައެކަނި ވާހަކައަކީ ދަރަނިތައް ރީސްޓްރަކްޗާ ކުރާ ވާހަކަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ޕީޕީއެމް އަދި ރައީސް ނަޝީދަށް އަމާޒުކުރައްވާ ޝަރީފް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއީ ވެރިކަން ލިބިއްޖެ ހާލަތެއްގައި ރާއްޖެ ބަނގުރޫޓުވެއްޖެކަަމަށް އިއުލާނު ކުރާނެ ބައެއްކަމަށެވެ. އަދި އިގްތިސާދީ ދުވެލި އިތުރަށް ހަލުވި ކުރުމަށް އެއްވެސް ޕްލޭނެއްވެސް އެކުލަވާލާފައިނުވާކަމަށާއި އެހެންކަމުން ރައްޔިތުންގެ ވޯޓު ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

