ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމިންގެ އިސްތިއުނާފު ތާވަލު ނުކުރާތީ އިދިކޮޅުން އަނެއްކާވެސް ހައިކޯޓަށް

ކުރީގެ ރައީސް ޔާމީން އަދި އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިތާ އެތައް ދުވަހެއް ވީއިރު ވެސް އަޑުއެހުމެއް ތާވަލުކޮށްފައި ނުވާތީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕިން ހައިކޯޓަށް ވަޑައިގެންފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލައިގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ ހުކުމް ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅިތާ ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް އަދިވެސް ތާވަލުކޮށްފައި ނުވާތީ، އިދިކޮޅުން ވަނީ ކަންބޮޑުވުންފާޅުކޮށް އެއީ ގަސްތުގައި ކުރާ ލަސްކުރުމެއްކަމަށް ސިފަކޮށްފަ އެވެ.

ހުކުމް އިސްތިއުނާފު ކުރިތާ މަހަކާއި ގާތްވެފައި ވަނިކޮށް، އެންމެ ފުރަތަމަ އެ ކޯޓުން މައްސަލަ އަނބުރާ ފޮނުވާލީ ފޯމުގައި ބައެއް އިސްލާހުތަކެއް ގެނައުމަށް އެންގުމަށް ފަހު އެވެ. އެހެންވެ ކޯޓުން އިރުޝާދު ދިން ގޮތަށް ފޯމު އިސްލާހުކޮށް، ފެބްރުއަރީ މަހު މައްސަލަ ހުށަހެޅުމުން އަނެއްކާވެސް މައްސަލަ ބަލައިގަތްކަމަށް އެންގީ މަހަކާއި ގާތްވެފައި ވަނިކޮށެވެ.

މިދިޔަ މާޗު މަހުގެ 26 ގަ މައްސަލަ ބަލައިގަތް ފަހުން ގިނަ ދުވަސްވެފައިވާއިރު، އިދިކޮޅުން ދަނީ ތަކުރާރުކޮށް ކަންބޮޑުވުންފާޅުކޮށް ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލަމުންނެވެ.

ޝަރީއަތުގެ އަޑުއެހުންތައް ތާވަލު ނުކުރާ މައްސަލައިގައި ހައިކޯޓަށް ވަޑައިގެން، ކޯޓުގެ ބޭފުޅަކާއި ބައްދަލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ރެޖިސްޓްރާ އެކަމަށް އިންކާރުކޮށް ބައްދަލު ނުކުރިކަމަށް ޕާޓީން މައުލޫމާތު ދިނެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެންމެ ކަންބޮޑުވަނީ ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު ވެސް ރައީސް ޔާމީންގެ އިސްތިއުނާފާއި މެދު ގޮތެއް ނިންމިފައި ނުވާތީ ކަމަށެވެ. އެގޮތުން އިންތިހާބާއި ދެމެދު ބާކީ އޮތީ ޖުމްލަ ހަތަރު މަސްކަމަށާއި، ރައީސް ޔާމީނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބެންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ދެން މިއަދު މައުލޫމާތު ލިބުނު އަދި މިހާތަނަށް ތާވަލު ނުކުރާކަމަށް.. މީގެ ކަންބޮޑުވުން އިންތިހާއަށް އަޅުގަނޑުމެންގެ އެބައޮތް.. ކަންބޮޑުވުން އޮތީ ރިޔާސީ އިންތިހާބަށް އެންމެ ހަތަރު މަސް އޮތުމުން.. ރައީސް ޔާމީނަކީ އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓު.. ދެން އީސީން އެބަ ވިދާޅުވޭ ކުރިމަތިލުމުގަ ހުރަހެއް ނެތްކަމަށް.. އެކަމަކު ކެމްޕެއިން ކުރެވޭނެ ގޮތެއް ނެތް

އަބްދުއްރަހީމް ވިދާޅުވީ ގައުމު އެއްކޮށް ވިއްކައި ހުސްކުރަމުންދާއިރު، ސަލާމަތުގެ އައްސޭރިއަށް ގެންދާނެ ވެރިއަކު މިއަދު ރައްޔިތުން ބޭނުންވާކަމަށެވެ. އަދި އެ ލީޑަރަކީ ރައީސް ޔާމީންކަމަށް އޭނާ ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ކެނޑިޑޭޓަކީ ރައީސް ޔާމީންކަމަށް ތަކުރާރު ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ވޯޓާއި ދެމެދު ބާކީ އޮތީ ފަސް މަސް ދުވަސް ކަމަށެވެ. އެހެންކަމުން އެއްވެސް ގަބޫލު ކުރެވޭ ސަބަބެއް ނެތި، މައްސަލަ ލަސް ކުރުން ބަލައިނުގަނެވޭކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އާއްމު ގޮތެއްގައި ހައިކޯޓުގެ އިސްތިއުނާފު އަޑުއެހުންތައް ހަތަރު އަޑުއެހުމުން ނިންމާލެވޭނެ ކަމަށެވެ. އެހެން ކަމުން ކޯޓުގައި ބެކްލޮގުތައް ހުރުމަކީ އެތައް ރައްޔިތުންނެއްގެ ހައްގު ގެއްލެން ޖެހޭ ސަބަބެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: