ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީ ކުރާ 4000 ހައުސިންގ ޔުނިޓްތަކުގެ ފިނިޝަންގ މަސައްކަތް ނިންމުމަށް އިތުރު ލޯނެއް ނުނަގާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ބައެއް މީޑިއާގައި ރިޕޯޓް ކޮށްފައިވަނީ 4000 ޔުނިޓް ނިންމަން އިތުރު ލޯނެއް އެފްޑީސީ އިން ނަގަން ނިންމާފައިވާ ކަމަށެވެ. އެކަމާއި ބެހޭގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބަޔާނެއް އާއްމުކޮށް ބުނެފައިވަނީ 4000 ފްލެޓްގެ މަސައްކަތް ނިންމަން އިތުރު ލޯނެއް ނަގަން ނުޖެހޭނެ ކަމަށާއި އިތުރަށް ފައިސާ ހޯދަން އިތުރު ބޭންކަކަށް ނުދާނެ ކަމަށެވެ.
ފްލެޓްތައް ހެދުމަށް ލޯނު ނެގީ މިހާރުގެ ސްކޯޕްގެ ތެރެއިން ފްލެޓްތަކުގެ ފިނިޝިންގ ވެސް ހިމެނޭހެން ހުރިހާ މަސައްކަތެއް ނިންމާލެވޭ ގޮތަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފްލެޓްތައް ނިމޭއިރު ދޮރުތަކާއި، ފަންކާތަކާއި، ލައިޓްތައް ހަރުކޮށް ތަށިމުށިޖަހައި ކުލަލައި ފާހާނާ ފިޓިންގ އަޅުވައި ފިނިޝިންގ އާއި ގުޅުންހުރި ހުރިހާ މަސައްކަތެއް ނިމިފައި ހުންނާނެ ކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓް ގެ ފްލެޓްތަކެކެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ 2 މަޝްރޫއެއްގެ ގޮތުގައި ދެކުންފުންޏަކާ ހަވާލްކޮށްގެންނެވެ. އެއީ އިންޑިއާގެ އެންބީސީ އިން 2،000 ފްލެޓް އަދި ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑުން 2،000 ފްލެޓާއި އެކު ޖުމްލަ 4،000 ފްލެޓެވެ.
މިކްސްޑް ރެޝިޑެންޝަލް ޑިވޮލަޕްމަންޓް މޮޑެލްއަށް ތަރައްގީ ކުރުމަށް ރޭވިފައިވާ މި މަޝްރޫއުތަކުގައި ހިމެނެނީ ޖުމްލަ 32 ޓަވަރެވެ. އޭގެ ތެރެއިން މިވަގުތު ކުރިއަށްދަނީ 16 ޓަވަރެއް ނިންމުމުގެ މަސައްކަތެވެ. އޭގެ ތެރޭގައި ހިމެނެނީ ދެކޮޓަރީގެ އެޕާޓްމަންޓަށް ހާއްސަ ކުރެވިފައިވާ ޓަވަރުތަކާއި ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކަށް ހާއްސަކުރެވިފައިވާ ޓްވަރުތަކެެވެ. މިއިން ކޮންމެ މަޝްރޫއެއްގައި 900 އަކަ ފޫޓްގެ ތިން ކޮޓަރީގެ ޔުނިޓާއި 650 އަކަފޫޓްގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެއެވެ.

