ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމާއި ދެކޮޅަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެމްބަރުން ތިއްބެވިކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނުރުހުން ފާޅުކުރައްވައިފިއެވެ.
ރާއްޖޭގައި މުދަލާ ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައަޅުއްވާފައިވާ ގަރާރާއިމެދު ވާހަކަދައްކަވަމުން އީވާ ވަނީ ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެމްބަރު އެ ގަރާރާއި ދެކޮޅަށް ވަކާލާތުކުރައްވަމުންދާކަމަށް އިޝާރާތްކުރައްވާފައެވެ. އޭނާ ވިދާޅުވީ، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ހުށައެޅި ގަރާރާއި ދެކޮޅަށް ވަކާލާތުކުރައްވަންވީ ސަބަބެއް އޭނާއަށް އެނގިވަޑައިނުގަންނަވާކަމަށެވެ.
އީވާ ވިދާޅުވީ، ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ބަޔަކު މީހުން މަސައްކަތްތަކެއް ކުރުމުން ސަރުކާރުން އެކަން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ބަޔަކު މަސައްކަތްކުރާ ނަމަ ސަރުކާރުން އެކަންވެސް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާކަމަށެވެ. އީވާ ވިދާޅުވީ، ރާއްޖޭގެ ވިޔަފާރިވެރިން އަމިއްލައަށް ކުރައްވަމުންދާ މަސައްކަތްތަކަށްވެސް ސަރުކާރުގެ ފަރާތުން ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށެވެ. އެހެންކަމުން ތަކެތީގެ އަގު ކޮންޓްރޯލް ނުކުރުމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވަކާލާތުކުރެއްވުމަށް މަޖިލީހުގައި ޖާގައެއް ނެތްކަމަށް އީވާ އިޝާރާތްކުރެއްވިއެވެ.
އަލަށް އުފެއްދުމަށް މަސައްކަތްކުރާ ދަ ޑިމޮކްރެޓްސްގައި ތިއްބަވާ މެމްބަރުންނަށް ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުން ބިރުދައްކަމުންދާކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށައެޅުއްވި މައްސަލަ މަޖިލީހުގެ އަގުލަބިއްޔަތުން ބަލައިނުގަތްކަމަށް އިޝާރާތްކުރައްވާ އީވާ ވަނި ވާހަކަދައްކަވާފައެވެ.
އީވާ ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމަށް މެމްބަރުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުމާއިއެކު، ރައީސް އޮފީހަށް ލިބިގެންދިޔަކަމަށެވެ. އީވާ ވިދާޅުވީ، އެއީ ސަރުކާރުން އިލެކްޝަންސް މެދުވެރިކޮށް ހޯދި ލިސްޓެއް ނޫންކަމަށް ބެލެވެން ނެތްކަމަށެވެ. އީވާ ވިދާޅުވީ، އެ ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކަށް ގުޅާ ސްޓޫޑެންޓު ލޯނު ފަދަ ކަންކަން ހަމަނުޖެހޭނެކަމަށް ބުނެފައިވާކަމަށެވެ. އަދި ވަޒީފާގެ ބިރާއި މާލީ ގެއްލުންތައް ލިބިގެންދިއުމުގެ ބިރުގެ އިތުރުން އާއިލާއަށް ނުތަނަވަސްކަން ލިބިގެންދާ ފަދަ ކަންކަން ދިމާވެދާނެކަމުގެ ބިރުވެސް ދައްކާފައިވާކަމަށެވެ.
އެހެންނަމަވެސް އީވާ ވިދާޅުވީ، ޑިމޮކްރެޓްސްގައި ހިމެނެނީ ވެރިކަމުގައި އޮތް އެމްޑީޕީގެ ތެރޭގައި ހިނގަމުންދާ ނޭދެވޭ ކަންކަން ބަލައިނުގަނެ ނުކުމެވަޑައިގެންނެވި ހިތްވަރުގަދަ ބަތަލުންތަކެއްކަން ފާހަގަކުރައްވަންޖެހޭކަމަށެވެ. އީވާ ވިދާޅުވީ، އެހެންކަމުން އެ ފަރާތްތަކަށް ބިރު ދައްކައިގެން އެ ސޮއިތައް އަނބުރާ ގެންދާނެ ގޮތެއް ވެގެން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ކެރިގެން ތިބެ ފުރާފައިވާ ސައްހަ ފޯމުތަކެއްކަމަށެވެ.
އީވާ ވިދާޅުވީ، އެއީ ދިވެހިރާއްޖެ ހަމަ މަގަށް އެޅުވުމަށްޓަކައި ކެރިވަޑައިގެން ތިއްބަވާ ސޮއިކުރެއްވި ފަރާތްތަކެއްކަމަށެވެ. އޭނާ ވިދާޅުވީ، ޑިމޮކްރެޓްސްގައި ތިއްބެވީ ބިރުދެއްކޭނެ ބައެއް ނޫންކަމަށާއި އެއީ ރާއްޖޭގެ އުންމީދުކަމަށެވެ.

