ޑިމޮކްރަސީގެ ރޫހު ނެގެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމިއްޔާތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު އެހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ”ސިވިލް ސޮސައިޓީ އެވޯޑްސް“ގެ ނަމުގައި ތަޢާރަފްކުރި އެވޯޑްދިނުމަށް ރޭ ސޯސަލް ސެންޓަރ އިންޑޯ ހޯލްގައި ބޭއްވި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވަނީ ދިވެހި މުޖުތަމަޢުގައި ހުރި އިޖުތިމާޢީ މައްސަލަތަކަށް ޙައްލު ހޯދުމަކީ މިވަގުތު އަމާޒު ހިފަންޖެހޭ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. ސަރުކާރުން އެކި ދާއިރާތަކަށް ގެންނަ ކުރިއެރުންތަކުގެ، ޙަޤީޤީ އުފާވެރިކަން ލިބޭނީ މުޖުތަމަޢުގައި ހުރި އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
ކޮންމެ މުޖުތަމައުއެއްގައިވެސް މަދަނީ ޖަމިއްޔާތަކަކީ، އެ މުޖުތަމައުއެއް ހަރަކާތްތެރިކުރުވާ މައި އިންޖީނު، އެ އިންޖީނު ހިނގާ ވަރަކަށް އެ މުޖުތަމައުގެ ހަކަތަ އިތުރުވެ، ބުންވަރު އިތުރުވޭ. ޑިމޮކްރަސީގެ ރޫހު ހިފަހައްޓާ ނެގެހެއްޓުމުގައިވެސް އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ މަދަނީ ޖަމިއްޔާތަކަށް.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރީ އެކި މިންވަރަށް އަދި އެކިބާވަތުގެ އިޖުތިމާޢީ މައްސަލަތައްކަން ފާހަގަކުރައްވައި ކޮންމެ ރަށެއްގެ ޙާލަތަށް ރިޢާޔަތްކޮށް، މި މައްސަލަތައް ޙައްލުކުރުމުގައި ލާމަރުކަޒީ އުސޫލުން އެމަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހަމަ އެއާއެކު މި މައްސަލަތައް ޙައްލުކުރުމަށް ކުރެވޭ މަސައްކަތުގައި ޖަމްޢިއްޔާތަކުގެ އިސްނެގުމާ އެއްބާރުލުން ކޮންމެހެން ބޭނުންވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ކޮންމެ ރަށެއްގައި ވެސް ހުރި އިޖްތިމާޢީ މައްސަލަތަކާ ދެކޮޅަށް، އެ ރަށެއްގެ ޖަމްޢިއްޔާތައް ތެދުވުމަކީ މިހާރުން މިހާރަށް ވެސް ވަރަށް ބޭނުންތެރިކަމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
އިޖުތިމާޢީ މައްސަލަތަކުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރުމަކީވެސް އެހާމެ އިސްކަންދޭން ޖެހޭ ކަމެއްކަމުގައި ރައީސް ސާލިހު ވިދާޅުވިއެވެ.
އިޖުތިމާޢީ މައްސަލަތަކާއި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރުމަކީ ޚާއްޞަގޮތެއްގައި ޖަމުޢިއްޔާތަކުގެ އިސްނެގުމާއި ބައިވެރިވުން ބޭނުންވާ ދެ ދާއިރާކަން ފާހަގަކުރައްވައި މިއީ މަދަނީ ޖަމްޢިއްޔާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންތައްތަކެއްކަމުގައި ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި، އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމަށް ވެސް ހުރިހާ ފަރާތްތަކެއްގެ ބައިވެރިވެރިވުމާއެކު ޚާއްޞަ މަސައްކަތްތަކެއް ފަށަން ޖެހިފައިވާކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.
މިރޭ ބޭއްވި ޙަފުލާގައި ސިވިލް ސޮސައިޓީ އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް ސާލިހުއެވެ. މި ޙަފުލާގައި ”މީސް ޕޯޓަލް“ އިފުތިތާޙްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. އަދި އެން.ޖީ.އޯ ގްރާންޓް ލިބުނު ފަރާތްތަކަށް ގްރާޓް ހަވާލުކޮށްދެއްވީ ރައީސް ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ.
ރާއްޖޭގައި އަލަށް ތަޢާރަފުކުރި ސިވިލް ސޮސައިޓީ އެވޯޑުގެ މަޤްޞަދުތަކުގެ ތެރޭގައި، އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުން ހިމެނެއެވެ.

