އިނގިރޭސިވިލާތުގެ 54 ރައްޔިތަކަށް ރަޝިއާއަށް އެރުން މަނާކޮށްފައިވާކަމަށް އެ ގައުމުން ބުނެފިއެވެ.
މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ގިނަ އަދަދެއްގެ އިނގިރޭސި ރައްޔިތުންނަށް ރަޝިއާއަށް އެރުން މަނާކޮށްފައިވަނީ އެ ގައުމާއި ރައްޔިތުން އަދި ވިޔަފާރިތަކަށް ދަތިކުރުމުގެ ގޮތުން އިނގިރޭސިވިލާތުން އެޅި ފިޔަވަޅުތަކަށް ޖަވާބުދިނުމުގެ ގޮތުންނެވެ. ރަޝިއާއިންވަނީ އެ ގައުމަށް އެރުން މަނާކޮށްފައިވާ މީހުންގެ މައްޗަށް ޔޫކްރެއިންގެ ޕްރޮޕަގެންޑާ ފެތުރުމަށް މަސައްކަތްކުރުމާއި ”ރުސޯފޯބިކް“ ނުވަތަ ރަޝިއާ މީހުންނާއިމެދު ނަފްރަތުކޮށް ބިރުގަންނަ މީހުންގެ ގޮތުގައި ލޭބަލްކޮށްފައެވެ.
ރަޝިއާއިން މިކަން ހާމަކޮށްފައިވަނީ އެ ގައުމުން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އާންމުކުރުމުގެ ތެރެއިންނެވެ. އެގޮތުން އެރުން މަނާކުރެވިފައިވާ މީހުންގެ ތެރޭގައި އިނގިރޭސި ސަރުކާރުގެ މިނިސްޓަރުންނާއި ބައިނައްލަގުވާމީ މީޑިއާ ބީބީސީގެ ނޫސްވެރިންނާއި ގާޑިއަން އަދި ޓެލެގްރާފްގެ ނޫސްވެރިންވެސް ހިމެނެއެވެ. އެ ގައުމުން ބުނެފައިވާގޮތުން، އިނގިރޭސިވިލާތުން ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އެކަށިގެންވާ ކަނޑައެޅިގެންވާ ޖަވާބެއް ލިބިގެންދާނެކަމުގެ ޔަގީންކަންދޭކަމަށެވެ. އަދި ރަޝިއާއަށް ވަނުން މަނާކުރާ ލިސްޓު އިނގިރޭސިވިލާތުގެ ފިޔަވަޅުތަކާއި އެއްގޮތަށް އިތުރުކުރަމުންދާނެކަމަށްވެސް ބުނެފައިވެއެވެ.
މީޑިއާތަކުން ބުނާގޮތުން، ވަނުން މަނާކޮށްފައިވާ މީހުންގެ ތެރޭގައި ރަޝިއާގެ އިސްވެރިޔަކު ހައްޔަރުކުރުމަށް ވޮރެންޓެއް ނެރުމުގައި ޝާމިލުވި ބައިނައްލަގުވާމީ ކްރިމިނަލް ކޯޓުގެ އޮފިޝަލެއްކަމަށްވާ އިނގިރޭސި ޕްރޮސެކިއުޓާރ ކަރީމް ހާން ހިމެނެއެވެ. ހާން އަކީ އެ ކްރިމިނަލް ކޯޓަށް ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕޫޓިން އަދި އެ ގައުމުގެ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތްތަކުގައި އިސްކޮށް ހުންނަ މަރިއާ ލަވަބެލޯވާވެސް ހައްޔަރުކުރުމަށް ވޮރެންޓެއް ނެރިދިނުމަށް އެދި ހުށައެޅި މީހާއެވެ. ރަޝިއާގެ ފޮރިން މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން، ބައިނައްލަގުވާމީ ކުޅިވަރު މައިދާނުގައި އެ ގައުމު އެކަހެރިކުރުމަށް މަސައްކަތްކުރަމުންދާތީ އިނގިރޭސިވިލާތުގެ ކެބިނެޓު މިނިސްޓަރު ލޫސީ ފްރޭޒާރއަށްވެސް ވަނީ ރަޝިއާ އަށް އެރުން މަނާކުރެވިފައެވެ.
ރަޝިއާއިން އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓްރީގެ އިސް ބައެއް އޮފިޝަލުންނަށްވެސް އެ ގައުމަށް އެރުން މަނާކުރެވިފައިވެއެވެ. ސަބަބަކީ ޔޫކްރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުންކަމަށާއި އެގޮތުން ހަލާކުވަމުންދާ ނިއުކްލިއާރ ހަތިޔާރުގެ އާލާތްތައްވެސް ފޯރުވާފައިވުން ހިމެނޭކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީންވަނީ މައުލޫމާތު ދީފައިކަމަށް ރިޕޯޓުތަކުގައިވެއެވެ.

