ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއްގެ ހަމަލާ؛ އައްބާސް ވިދާޅުވީ ސިޔާސީ ބައެއް ފަންޑު ކުރިކަން އެނގެން ނެތްކަމަށް

ރައީސް ސޯލިހު އައްބާސް ފާއިޒް އާއި އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމްގެ ހަމަލާގައި ސިޔާސީ އެއްވެސް ބައެއްގެ ބައިވެރިވުން އޮތްކަން ނުވަތަ ފަންޑު ކުރިކަން އެނގެން ނެތްކަމަށް އެ މައްސަލައިގެ ތަހުގީގަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޔަނު ކުރެއްވި ބޭރުގެ މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ދެ އަހަރާއި ފަސް މަސްވި އިރު ވެސް މިހާތަނަށް މައްސަލަ ކުރިޔަށް ދާނެކަމަށް ބެލެވުނު ސްޕީޑުގައި ކުރިޔަށް ނުދެ އެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ. މައްސަލައިގައި 09 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ފުލުހުން ބުނީ މީގެ ތެރެއިން 04 މީހުންނަކީ ބޮން ތައްޔާރުކޮށް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުން ކަމަށެވެ.

މައްސަލައިގެ ހޯދުންތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްބާސް ވިދާޅުވީ ސިޔާސީ ވާދަވެރިންގެ ފަރާތުން މިފަދަ ހަމަލައެއް އަތުވެދާނެކަމަށް ތުހުމަތު ކުރެވުމަކީ އާކަމެއް ނޫން ކަމަށެވެ. އެކަމަކު ސަރުކާރުގެ ތެރެއިންނާއި، ބޭރުން އަދި ވާދަވެރި އިދިކޮޅު މެމްބަރެއްގެ ފަރާތުން ވެސް އެފަދަ ހަމަލާއެއް ރާވަފާނެކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ދުވަހަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމު ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދިޔަ ދުވަހެއްކަމާއި އެކަމުގެ ބައިވެރިންގެ ނަންތައް ހާމަކުރަން ޖެހޭކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރީ އެމަނިކުފާނަށް ވީތީ ބައެއް ތުހުމަތު ކުރެވުނެވެ. އެކަން ފާހަގަކޮށް އައްބާސް ވިދާޅުވީ ލިސްޓުގެ ވާހަކަ ދެކެވުމުގެ ކުރިޔަށް ވެސް ހަމަލާ ދޭން އެ މީހުން އައީ ރާވަމުންކަމަށާއި، އެހެންކަމުން ލިސްޓުގެ ވާހަކަތަކާއި އެކަމާ ގުޅުވެން ނެތް ކަމަށެވެ.

އައްބާސް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާ ދިން މީހުންނަކީ ހަރުކަށި ފިކުރުގެ ވިސްނުން ހުރި އެމަނިކުފާނަށް އިންތިހާ ނަފްރަތު ކުރި ބައެއް ކަމަށެވެ. އަދި ހަމަލާ ދިން މީހުންނާއި ބޭރުގެ އިތުރު ހަރުކަށި ޖަމާއަކަތާއި ގުޅުމެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ ވަކި ބަޔަކު ފަންޑު ކުރިކަން ނުވަތަ ނޫންތޯ ދެކެވޭ ވާހަކަ ބެލުން މުހިންމު ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް ހޯދުނު ހޯދުންތަކުގައި އެ މީހުންގެ އެކައުންޓުތަކަށް ފައިސާ ވަނުންފަދަ ކަމެއް ފާހަގަވެފައި ނެތްކަމަށާއި، ހަރަދު ކުރީ ހަމަލާ ދިން މީހުންގެ އަމިއްލަ ފައިސާކަމަށް އައްބާސް ވިދާޅުވި އެވެ.

ތަހުގީގު ނުހުއްޓި ކުރިޔަށް ދިއުމުގެ މުހިންމުކަން ފާހަގަކުރައްވައި އައްބާސް ވިދާޅުވީ މައްސަލައިގެ ތެރެއިން އިތުރު ހޯދުންތަކެއްގެ ފުރުސަތު ބޮޑުކަމަށާއި ފަންޑު ކުރި މީހުންގެ ތަފްސީލުތައް ވެސް އޭގެ ތެރެއިން ހޯދިދާނެކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ދެމުން ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލަ ދޭން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އެމަނިކުފާނު ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތުތަކުގައި މޭރީ ބްރައުން ކައިރީ އެއްޗެސް ގޮއްވާލަން ރޭވުމާއި، އެމަނިކުފަނުގެ އަނބިކަބަލުން ލައިލާ އަލީގެ ގެކޮޅު މ. ޔާގޫތުގޭގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: