ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވާއިރު، އެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ސިޓީއެއްގައި އީވާވަނީ ސުޕްރީމް ކޯޓުގައި ރައީސް ނަޝީދުގެ މައްސަލަ މިވަގުތު ކުރިއަށް ދާކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް އޭނާ އުޒުރުވެރިވެވަޑައިގަންނަވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
އީވާ ވިދާޅުވީ، އެމްޑީޕީއިން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅީ އެ ކޯޓުން މައްސަލައިގައި ގޮތް ނިންމުން މުހިންމު ކަމަށް އެމީހުން ދެކޭތީކަމަށެވެ. ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް ގާނޫނުއަސާސީއާއި ހިލާފުވެފައިވާކަމަށް ބުނެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށްކަމަށެވެ.
އީވާ ވިދާޅުވީ، ކޯޓުގައި މައްސަލައެއް ކުރިއަށް ދާއިރު، އެ މައްސަލައާއިމެދު މަޖިލީހުން ގޮތް ނިންމުމަކީ އެ މުއައްސަސާއިން އަމަލުކުރަމުން އައިސްފައިވާ އުސޫލެއް ނޫނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލަ ކުރިއަށް ގެންދިއުމުން ޝަރީއަތަށް ނުފޫޒު ފޯރާނެކަމަށާއި އޭގެ އިތުރުން މައްސަލައެއް ހުށައަޅާފައިވާއިރު، ހުށައެޅި ފަރާތުން ކޯޓުގެ ނިންމުމަށް ބެލުމެއް ނެތި ވަކި ގޮތަކަށް މަޖިލީހުން ނިންމުމަށް މަސައްކަތްކުރުންވަނީ ކޯޓަށް ގަދަރާއި އިހުތިރާމް ކުޑަކުރުންކަމަށްވެސް ވިދާޅުވިއެވެ.
އީވާ ވިދާޅުވީ، އެހެން ޕާޓީތައްވެސް ދަނީ މި މައްސަލައަށް ތަދައްހުލްވަމުންކަމަށެވެ. ބާރުތައް ވަކިވެފައި އޮންނަ އޮތުމުގެ ތަސައްވުރަށް ހިޔަނި ނޭޅުމުގެ ގޮތުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމަށް ހުށައަޅާފައިވާ ގަރާރުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވަނީ ވިދާޅުވެފައެވެ.

