ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ބަލާ އަބަދުވެސް ރައްޔިތުން އަންނަނީ އެ ވެރިކަމެއްގެ ކުރިއަށް އޮތް ދުވަސްތަކުގައި ދެން ކަންތައް ވާނީ ކިހިނެއްކަން އަދި، ކަންކަން ކުރެވޭނީ ކިހާ މިންވަރަކަށްކަން މިނެ ކިރަމުންނެވެ. އެހެންކަމުން ވެރިކަމުގެ ފުރަތަމަ 100 ދުވަހަކީ ހާއްސަ އިސްކަމެއް ދެއްވައިގެން. ވަކި ވައުދުތަކެއް ފުއްދެވުމަށް ހާއްސަ ކުރާ ދުވަސްތަކެެކެވެ.
އެގޮތުން ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ވެރިކަމަށް އިންތިހާބުވެވަޑައިގެން ޑރ މުހައްމަދު މުއިއްޒު ރޭ ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭން އިފްތިތާހު ކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ވަނީ ހިމަނާފައެވެ.
އޭގެ ތޭރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފުލެޓާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަން ޖެހޭ އަދަދު ކުޑަކޮށްދިނުމާއި، ބޯހިޔާވަހިކަމަށް ޚާއްޞަ ”ގެދޮރުވެރިކަމުގެ ޓްރަސްޓް ފަންޑް“ އެއް ޤާއިމުކުރުމަށް ބޭނުންވާ އޮނިގަނޑެއް އެކުލަވާލުން އަދި ބޯހިޔާވަހަކަން ފޯރުކޮށްދިނުމަށް %5 އިންޓަރެސްޓުގައި ތަޢާރަފުކުރާ ލުއި ލޯނާ ބެހޭ ސިޔާސަތު އެކުލަވާލައި އާންމުކުރުން ހިމެނޭއިރު، މުވައްޒަފުންނަށް ޚާއްޞަ ’ސޯޝަލް ފަތުރުވެރިކަމުގެ ޞިނާޢަތުގައި ވަޒީފާއަދާކުރާ ދިވެހ ހައުސިން ކެޓަގަރީއެއް ކަނޑައެޅުންވެސް ހިމެނެއެވެ.
ބޯހިޔާވަހިކަމަށް އެޕްލިކޭޝަން ހުށަހެޅުމާއެކު، އެޕްލިކޭޝަންގެ ދަރަޖަ ވަގުތުން އެނގޭ ގޮތަށް ފަރުމާކޮށްފައިވާ ’ހައުސިން އެޕްލިކޭޝަން ޕޯޓަލް‘ ޤާއިމުކުރުމާއި، ސިނަމާލެއާއި މާލެހިޔާ ފުލެޓުތަކުގެ ވެރިފަރާތްތައް ކޮންޑޮމިނިއަމް ރަޖިސްޓަރީއެއްގައި ހިމެނުންވެސް ހިމަނާފައިވަނީ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައިއެވެ. ސިނަމާލެއާއި މާލެހިޔާ ފުލެޓުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ޚާއްޞަ ބޯހިޔާވަހިކަމުގެ އައު މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށުން އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ރެގިއުލޭޓް ކުރުމަށް، ގެދޮރުވެރިކަމުގެ މިންގަނޑުތައް އެކުލެވޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީވެސް ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.
(ޤާނޫނު ނަންބަރު 2021/33 )އެއްމެދު ޢިމާރާތުގެ ޤާނޫނުގެ ދަށުން ކަނޑައަޅަންޖެހޭ ގަވާއިދުތައް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި އަދި (ޤާނޫނު ނަންބަރު 2021/33 ) އެއްމެދު ޢިމާރާތުގެ ޤާނޫނު އާއި އެ ޤާނޫނާ ގުޅިގެން އެކުލަވާލާ ގަވާއިދުތައް ފުރިހަމަޔަށް ތަންފީޒު ކުރުމަށް، ރަށު ކައުންސިލުތައް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމުގެ އިތުރުން އެއްމެދު ޢިމާރާތްތަކުގެ ރަޖިސްޓްރޭޝަން މަރުޙަލާ ފުރިހަމަކުރުމަށާއި އެއްމެދު ޢިމާރާތްތައް މެނޭޖުކުރުމަށް ޚާއްޞަ ’ސްޓްރާޓާ ޕޯޓަލް‘ ޤާއިމުކުރުމަށް ނިންމާފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް ’ޕްރޮޕަޓީ މެނޭޖްމަންޓް‘ އަދި ’ސްޓްރާޓާ ކޮމިއުނިޓީ މެނޭޖްމަންޓް’ގެ ދާއިރާތަކުން ސަނަދު ހާސިލުކުރުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް އެކުލަވާލުންވެސް ހިމަނާފައިވެއެވެ.
މީގެ އިތުރުން ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ބިމުގެ މިލްކުވެރިކަން ނުވަތަ ’ކޮންވޭޔަންސިން’އާބެހޭ ބައިތައް ފުރިހަމަޔަށް ހިމެނޭހެން، (ޤާނޫނު ނަންބަރު 2002/1) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު އިޞްލާޙުކުރުމަށް ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާއި، ލޭންޑް ރީއެޖެސްޓްމަންޓް’އާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން އަދި ’ފްރީހޯލްޑް‘ އަދި ’ލީސްހޯލްޑް‘ އުސޫލުން ބިން ހޯދާ ލިބިގަތުމާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުންވެސް ހިނެނެއެވެ. (ޤާނޫނު ނަންބަރު 2021/21) ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު ތަންފީޒުކުރުމަށް، ރަށު ކައުންސިލުތައް ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ފެށުމާއި އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢު އަވަސްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުންވެސް ހިމެނެއެވެ.
މީގެ އިތުރުން ހިމަނާފައިވާ ކަންކަން:
- ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ހިއްކަން ކަނޑައަޅާފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެށުން
- ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ބޮޑެތި އަރބަން ސެންޓަރުތަކެއް ޤާއިމުކުރުމަށް ބޭނުންވާ ސިޔަސާތުތައް ކަނޑައެޅުން
- މާލޭގައި ހުރި ގުދަންތަކާއި ވޯކްޝޮޕްތައް މާލޭގެ ޞިނާޢީ ސަރަހައްދަށް ބަދަލުކުރުމަށް ޓަކައި ސާވޭއެއްކުރުމާއި، މާލޭގެ ޞިނާޢީ ސަރަހައްދު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެކުލަވާލުން
- ލޭންޑްޔޫސް ޕްލޭންތައް ނުހެދި ހުރި ރަށްރަށަށް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން، އެރަށްރަށުގެ ލޭންޑްޔޫސް ޕްލޭންތައް ފަރުމާކުރުމުގެ މަސައްކަތް ފެށުން
- ލޭންޑްޔޫސް ޕްލޭންތައް ފާސްކުރުމަށް އެޕްލިކޭޝަން ހުށަހަޅާނެ ޕޯޓަލެއް ޤާއިމުކުރުން
- ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ ’މާސްޓަރ ޕްލޭން‘ އެކުލަވާލުމުގެ މަސައްކަތް ފެށުން
- ފެނާއި ނަރުދަމާގެ ޚިދުމަތް ނުލިބި ހުރި ރަށްރަށަށް އެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުން
- ކަނޑައަޅާ ރަށްރަށުގައި އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުން
- ތިލަމާލެ ބުރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ގްރޭޓަރ މާލެ އޭރިޔާ’ގެ ޓްރާންޝިޕްމަންޓް ބަނދަރު ބިނާކުރުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް، މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން
- އައްޑޫ ބުރިޖު މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން
- އަރބަން ޑިވެލޮޕްމަންޓްއާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
- އަރބަން ޕްލޭނިންއާބެހޭ ބިލެއް ޑްރާފްޓްކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން
ބަންކަރިން ޚިދުމަތްދެވޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުމަކީވެސް އެމަނިކުފާނުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދެކެވެ. މީހުން އާބާދުވެފައިވާ ހުރިހާ ރަށްރަށެއްގެ ބޮޑެތި މަގުތައް ހެދުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުމާއި، މާލެ އަދި އެހެން ސިޓީތަކުގެ ހުރިހާ މަގުތައް ހެދުމުގެ މަޝްރޫޢެއްގެ ތާވަލު އެކުލަވާލައި އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުމުގެ އިތުރުން ކުޅުދުއްފުށީ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ފެށުންވެސް ހިމަނާފައިވަނީ ފުރަތަމަ ސަތޭކަ ދުވަހުގެ ޕްލޭންގެ ތެރޭގައެވެ.
ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދުފަހަރު ޕާކުކުރުމުގެ މައްސަލައަށް ޙައްލު ހޯދުމުގެ ގޮތުން ޕްލޭނެއް އެކުލަވާލައި، ހަދަންޖެހޭ ޕާކިން ޢިމާރާތްތަކެއް ބިނާކުރުމުގެ މަޝްރޫޢެއް ފަށާނެއެވެ. މާލޭގެ މަސް މާރުކޭޓު ޒަމާނީ ފެންވަރަށް ބިނާކުރުމަށް ކުރަންޖޭ މަސައްކަތްތައް ފެށުމާއި، ބައު ޖަމާލުއްދީނުގެ ބިމުން ބައެއްގައި ’އަންޑަރގްރައުންޑް ޕާކިން ފެސިލިޓީ‘ އާއެކު، ހިތްފަސޭހަ މައިޒާނެއް ހެދުމުގެ ޕްލޭނެއް އާންމުކުރުން އަދި މާލޭގައި ހިންގަމުން އައި ނީލަން ވިޔަފާރިތައް އަލުން ފެށޭނެ އިންތިޒާމުތަކެއް ހަމަޖެއްސައިދިނުމުގެ ގޮތުން އެކަމަށް ޚާއްޞަ ބިމެއް ކަނޑައެޅުންވެސް ވަނީ އެމަނިކުފާނުގެ ”ހަފްތާ 14“ ގައި ހިމަނާފައިއެވެ.

