މޯލްޑިވިއަން އިން ރަހާ ރިސޯޓަށް ދަތުރުތައް ކޮށްދިނުމަށް ވެފައިވާ އެއްބަސްވުމާއި ހިލާފުވުމުގެ މައްސަލައެއް މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ކުރިއަށް ގެންގޮސްފިއެވެ.
ފައިސާ ދެއްކުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން މޯލްޑިވިއަން އިން ރަހާ ރިސޯޓަށް ޓިކެޓު ވިއްކުން އެކީ އެކައްޗަކަށް ވިއްކާލި މައްސަލަ އާއިމެދު ވާހަކަދައްކަވަމުން އެސްއޯއީ ކޮމިޓީގެ މުގައްރިރު އަހުމަދު އީސާ ވިދާޅުވީ، ރަހާ ރިސޯޓުގެ މައިގަނޑު ޝަކުވާއަކީ ކްރެޑިޓު އުސޫލާއިއެއްގޮތަށް ފައިސާ ނުދެއްކުމާއި ގުޅިގެން އުފެދިފައިވާ މައްސަލައިގެ ތެރޭގައި އެއްބަސްވުން ބާތިލުކޮށްފައިނުވާއިރު، އެއްބަސްވުމުގައި ކޯޕަރޭޓު ރޭޓެއްވެސް ބަޔާންކޮށްފައިވާކަމަށެވެ.
އެހެންކަމުން އެއްބަސްވުން ދެމި އޮތްހާ ހިނދު ނަގުދު ފައިސާއަށް ނަަމަވެސް ވިއްކަންވާނީ އެ ރޭޓުގައިކަމަަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މޯލްޑިވިއަންގެ މާލީ ހާޅަތު ދަށްކަމުގެ ވާހަކަތައްވެސް ދެކެވެމުންދާއިރު، ކްރެޑިޓަށް ދިނުމުން މައްސަލަ ގޯސްވެގެންދާކަމަށް ފާހަގަކުރެއްވިއެވެ. އީސާ ވިދާޅުވީ، އެހެންކަމުން ކޭޝްކޮށް ޓިކެޓު ވިއްކޭ އުސޫލެއް އޮންނަކަމަށްވާ ނަމަ ކުންފުނީގެ ކޭޝް ފްލޯ ރަނގަޅުވެގެންދާނެކަމަށާއި ވަގުތުން ޕޭމަންޓު ލިބޭކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރަހާ ރިސޯޓުގެ ކަންބޮޑުވުމަކީ އެއްބަސްވުން ދެމި އޮއްވާ ކްރެޑިޓަށް ދޫކުރުން ހުއްޓާލައި ކޯޕަރެޓު ރޭޓަށް ވިއްކުންވެސް ހުއްޓާލާފައިވުންކަމަށް ވިދާޅުވިއެވެ. އަދި އެއީ ކުރެވޭނެ ކަމެއް ނޫންކަމަށް ރިސޯޓުން ދެކޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މައްސަލައާއިމެދު ވަކި ގޮތެއް ނިމިފައިނުވާނަމަވެސް ލ އަތޮޅުގައި އޮތް ދެ ރިސޯޓުން އެއް ރިސޯޓު ބަދަލުކުރަންޖެހޭ ހިސާބަށް ދިއުމުގެ ބަދަލުގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ދެވެން އޮތް އެންމެ ބޮޑު އެއްބާރުލުމެއް ދެއްވުމަށް އީސަ އެދިވަޑައިގަތެވެ

