ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ކުރާ މަޝްވަރާތަކަށް ފަހު ދެ ގައުމުން އެއްބަސްވާ ގޮތެއްގެ މަތީން އެކަން ކުރިޔަށް ދާނެކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއިން ބުނެފި އެވެ.
އަންނަ މާޗު މަހުގެ 15 ގެ ކުރިން އިންޑިއާގެ މިލިޓަރީ އޮފިސަރުން ރާއްޖެއިން ފޮނުވާލުމަށް އަމާޒު ހިފައި، ދިވެހި ސަރުކާރުން މަސައްކަތް ފެށި ވަގުތު އެ ގައުމާއި އެކު އޮތް ގުޅުން ވެސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ނިމިދިޔަ ހަފްތާގެ ތެރޭގައި ހިނގައިދިޔަ، އެކި ކަންކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް އަމާޒުވެ ޗައިނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ނުސީދާ ގޮތެއްގައި ރައްދުތައް ދެއްވާފަ އެވެ.
ރަސްމީ މަސައްކަތް ފަށައި، ކުރިޔަށް ދިޔަ ބޮޑު ބައްދަލުވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އޮފިސަރުން ފޮނުވާލުމަށް ކުރާ މަސައްކަތް ކާމިޔާބުވާނެކަމަށާއި އެ މަރުހަލާ އަވަސް ކުރުމަށް އެޅެން ހުރި ފިޔަވަޅުތަކަށް މަޝްވަރާ ކުރެވުނު ކަމަށެވެ. ކޮޕް ސަމިޓަށް ވަޑައިގަތުމަށް ފަހު، އެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އެކު މަޝްވަރާ ކުރުމަށް ފަހު ދެ ގައުމުން އެއްބަސްވި ގޮތަށް ހައިލެވެލް ކޮމިޓީއެއް އުފެއްދި އެވެ.
ކޮމިޓީތަކުގެ ބޭފުޅުން ރާއްޖެ ވަޑައިގަތުމާއި އެކު ފޮރިން މިނިސްޓްރީގައި މިދިޔަ އާދީއްތަ ދުވަހު އެމްބެސެޑާރ އެޓް ލާޖް އަލީ ނަސީރު މުހައްމަދާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފްގެ އިތުރުން ސެކްރެޓަރީ ހާލާ ހަމީދާއި އިންޑިއާގައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބު ހިމެނޭހެން ރާއްޖެގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރާއި ޑިޕްލޮމެންޓުންގެ ވަފުދުގެ ބައްދަލުވުމެއް ކުރިޔަށް ދިޔަ އެވެ.
އެއަށް ފަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާގެ އެކސްޓާނަލް އެފެއަރޒް މިނިސްޓަރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލު ކުރައްވާފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ މީޑިއާތަކުން ވަނީ ރާއްޖެއާއި އެ ގައުމުގެ ގުޅުން ގޮސްފައިވާ ހިސާބާއި މިލިޓަރީ އޮފިސަރުން ފޮނުވާލުމުގެ މަޝްވަރާ ކުރިޔަށް ދާގޮތާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން އިންޑިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖެއިސްވާލް ވިދާޅުވީ ދެ ގައުމުގެ މެދުގައި ކޯ ގުރޫޕެއް އުފައްދައި މަޝްވަރާތައް ފެށުނީ އާދީއްތަ ދުވަހު ކަމަށެވެ.
އޭނާ ވަނީ އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރާއި، ޑޯނިއާ މަތިންދާ ބޯޓުގެ އޮޕަރޭޝަންތައް ނުހުއްޓި ކުރިޔަށް ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ހުށަހެޅުނުކަމަށް ވިދާޅުވެފަ އެވެ.

ދެން އިތުރު ބައްދަލުވުމެއް އޮންނާނެ ދުވަހެއް ދިވެހި ސަރުކާރުން ވެސް ހާމަކޮށްފައިނުވާއިރު، އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި އިތުރު މަޝްވަރާތަކެއް އޮންނާނޯ ދެ ގައުމަށް ފަސޭހަ ވަގުތުތަކެއްގައި ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ވެބްސައިޓުން މި ނޫސްވެރިންގެ ބައްދަލުވުމުގެ ޔައުމިއްޔާ އާންމުކޮށްފައިވާއިރު އެގެ ތެރެއިން އެއް ސުވާލަކީ ރާއްޖޭގެ ބަޔާނުގައި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ވާހަކަ އޮތް ނަމަވސް އިންޑިއާގެ ބަޔާނުގައި އެފަދަ ވާހަކައެއް ނެތުމެވެ. އަދި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވުމަށް ފަހު އިންޑިއާއަށް ވަޑައިގަތުމަށް ބޭނުންފުޅުވިކަމަށް ވާހަކަ ދެކެވޭކަމަށާއި އެކަން ސާފުކޮށްދޭން އެނާ އެދުނެވެ.
ޖަވާބުގައި ރަންދީރު ވިދާޅުވީ ދެފަރާތުގެ ބަޔާންތަކުގައި ވެސް ހިމާނަފައި ހުރީ މަޝްވަރާ ކުރެވުނު ވާހަކަތައް ކަމަށެވެ. މިއީ އަދިވެސް ކުރިޔަށް ދާ މަޝްވަރާތަކެއްކަމަށާއި، ހަލެއް ހޯދާނީ އެކުގައި އެއްބަސްވާ ގޮތެއްގެ މަތީންކަމަށް އޭނާ ވިދާޅުވި އެވެ.
މި މަޝްވަރާތަކުން ހާމަކުރެވެން ހުރި މައުލޫމާތުތައް ހިއްސާ ކުރަމުން ގެންދާނެކަމަށާއި، އިންޑިއާގެ ހުށަހެޅުންތަކުގެ ތެރޭގައި މެޑިކަލް އިވެކުއޭޝަންތައް އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އޮޕަރޭޝަންތައް ހިމެނޭކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެ ގައުމުން ވެސް އެކަމަށް މަޝްވަރާ ކުރެވުނުކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.
މި ޕްރެސްގައި އޭނާ ވިދާޅުވީ ގޮތުގައި، ދެން އޮންނަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގަ އެވެ.

