ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމަކީ ހިދުމަތްތެރި، ޒުވާން ތައުލީމީ ދަރިއެއްކަމަށާއި އޭނާ އަަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ ގެއްލުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްުޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ވިޝާމަކީ، ވަރަށް ހިދުމަތްތެރި ޒުވާން ގާބިލު ހުނަރުވެރި ގާނޫނީ ވަކީލެއް ކަމަށެވެ.
މި ހިތާމައިގެ ވަގުތުގައި ވިޝާމްގެ އާއިލާއަށާއި، ބާ ކައުންސިލްހެ ހުރިހާ ވަކީލުންނަށް އިހުލާސްތެރިކަމާއި އެކު ތައުޒިޔާ ދައްނަވާކަމަށް ރައީސް ވިދާޅުވި އެވެ.
ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ޤާނޫނީ ޚިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެދޭނެ އުނިކަމެކެވެ. ޤައުމަށް އެ ގެއްލުނީ ޚިދުމަތްތެރި ޒުވާން ތަޢުލީމީ ދަރިއެކެވެ.
ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އަޅުގަނޑުގެ އިޚްލާޞްތެރި ތަޢުޒިޔާ މަރުޙޫމްގެ…
— Dr Mohamed Muizzu (@MMuizzu) January 31, 2024
އުމުރުން 39 އަހަރުގެ ވިޝާމް ކުއްލި ގޮތަކަށް، ނިޔާވިއިރު އޭގެ ސަބަބެއް ސާފެއް ނޫނެވެ. ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި، އޭނާގެ ހަބަރެއް ނުވެގެން ބެލިއިރު ފެނިފައި ވަނީ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.
އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައިވާ ވިޝާމަކީ، ވަކީލުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ފަރާތެކެވެ. ރާއްޖޭގެ ގާނޫނީ ބޮޑެތި އެކި މައްސަލަތަކުގައި ވިޝާމް ވަކާލާތު ކުރައްވާފައިވާއިރު ޒުވާން އުމުރުގައި އޭނާ ވަނީ ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފަ އެވެ.
ވިޝާމަކީ 2008 ވަނަ އަހަރު މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން މާސްޓަސް ހާސިލު ކުރެއްވުމަށް ފަހު ގާނޫނީ މަސައްކަތް ކުރައްވަމުން އައި ބޭފުޅެކެވެ. އެއާއި އެކު އޭނާއަކީ ޗާޓަޑް އިންސްޓިޓުޓް އޮފް އާބިޓްރޭޓާސް އެސޯސިއޭޓް މެމްބަރެކެވެ.
ވިޝާމް ވަނީ ބިޒްނަސް އާއި، ކޮމާޝަލް ލޯ ފުރިހަމަ ކުރަމުން ގެންދާ ދަރިވަރުންނަށް ޕާޓްޓައިމްކޮށް ލެކްޗަރާއެއްގެ ގޮތުގައި ވަޑައިގެންފަ އެވެ.
މީގެއިތުރުން ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ އޮފީހުގެ ނައިބެއްގެ ގޮތުގައި އާއި، ބާކައުންސިލްގެ ރައީސްގެ ގޮތުގައި ހުންނަވައި ވިޝާމް އިންގިލާބީ ބައްދަލުތަކެއް ގެންނެވި ކަމަށެވެ. އަދި އޭނާގެ ކިބައިން ކޮންމެ މީހަކަށް ވެސް އެންމެ ފާހަގަކުރެވޭ ސިފައަކީ ލީޑާޝިޕްކަމަށާއި، އޭނާއަކީ އަބަދުވެސް އެންމެނާއި ވެސް ގާތްކަން ބޭއްވި ފަރާތެއް ކަމަށެވެ.

