ރާއްޖެއާއި އިންގިރޭސިވިލާތާއި ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކޮށް އިންވެސްޓުމެންޓުތަކަށް މަހުފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ރާއްޖޭގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އެކްސް އެކައުންޓު މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި އޭނާ ވަނީ އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޓްރޭޑް ގްރެގް ހޭންޑްސް އާއި ބައްދަލުކުރެއްވިފައިވާކަން ހާމަކުރައްވާފައެވެ. އަދި އެ ބައްދަލުކުރެއްވުމާއިމެދު އުފާކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ގްރެގް ހޭންޑްސް އާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ރާއްޖޭގެ ދެމެދު ވިޔަފާރި އިތުރަށް ފުޅާކޮށް ވަރުގަދަކުރުމާއި އިންވެސްޓުމެންޓުތަކަށް ފުރުސަތު ފަހިކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރެވިފައިވާކަމަށެވެ. އަދި ރާއްޖެއިން މާލީ މަސައްކަތްތަކުގައި އެ ގައުމުގެ އެހީއަށް ބޭނުންވާކަމަށާއި ފްރީޓްރޭޑްގެ މަގު ފުޅާކުރުމަކީވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.

