ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ލޮޅުންތަކުގެ ސަބަބުން ސްރީލަންކާގެ ފަތުރުވެރިކަމަށް ކުރިއެރުންތަކެއް އައިސްފައިވާކަމަށް އެ ގައުމުގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ލަންކާގެ ޓުއަރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯވަނީ ރާއްޖެ ބޮއިކޮޓްކުރުމަށް ގޮވާލާ އިންޑިއާއިން ސޯޝަލްމީޑިއާގައި ހިންގަމުންދާ ކެމްޕެއިންގެ ސަބަބުން އެ ގައުމަށް ފައިދާތަކެއް ކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ނުސީދާކޮށް ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމުގެ ސަބަބުން އެ ގައުމަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިއެރުންތަކެއް ލިބިފައިވާކަން ހިއްސާކުރެއްވިއެވެ.
ބައިނަލްއަގުވާމީ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ރާއްޖެއަށް ކުރިމަތިވެފައިވާ ގެއްލުންތަކުން އެ ގައުމަށް ފައިދާވަމުންދާކަމަށް ހަރިން ވިދާޅުވެފައިވާއިރު، މީގެ ކުރިންވެސް އެ ގައުމުގެ ޓުއަރިޒަމް މިނިސްޓްރީއިން ސަރަހައްދީ ދަތުރުފަތުރަށް ބޮޑެތި ބަދަލުތައް އައިސްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓުކަމަށްވާ އިންޑިއާ މިހާރު އޮތީ 6 ވަނައިގައިކަމަށާއި އެކަމުން ބަދަލުތަކެއް އައިސްފައިވާކަން ހެކިދޭކަމަށް ބުނެފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ސްރީލަންކާ އާއި އިންޑިއާގެ ދެމެދުގެ ގާތް ގުޅުންތަކެއް އޮންނަކަމަށް އިޝާރާތްކުރައްވާ ހަރިންވަނީ އެ ގުޅުމުގެ ތެރެއިން ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތުތަކުގައިވެސް މަސައްކަތްތައް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އަދި ލަންކާއިން އިންޑިއާގެ ފަތުރުވެރިންނަށް ގިނަ ކަންކަން ހާސިލުކުރެވެން އޮތްކަމަށް ފާހަގަކުރެއްވިއިރު އެކަންކަމުގެ ތެރޭގައި ބީޗާއި ކަސީނޯ އަދި ޝޮޕިންގްގެ ފުރުސަތުތަކުގެ އިތުރުން މީހުން މަދު، ރީތި ސަރަހައްދުތަކުގައި އެކަހެރިވެ އުޅުމުގެ ފުރުސަތުތައްވެސް އޮތްކަމަށް ވިދާޅުވެފައިވެއެވެ.
އިންޑިއާއިން ލަންކާގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުހިންމު ދައުރެއް އަދާކުރަމުންދާކަމަށް ހަރިން އެއްބަސްވެވަޑައިގެންނެވިއެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާ ފަތުރުވެރިންނަކީ ދުނިޔޭގެ 4 ވަނަ އަށް އެންމެ ގިނައިން ހޭދަކުރާ ފަތުރުވެރިންނަށް ވެގެންދިއުންވެސް އަންދާޒާކޮށްފައިވާކަމަށްވުމުން މިއީ އެ ގައުމުގެ ސިނާއަތަށް ލިބިފައިވާ ބޮޑު ކުރިއެރުމެއްކަމަށް ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ސްރީލަންކާގެ ޖުމުލަ އިގްތިސާދަށްވެސް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށެވެ.
މީގެ އިތުރުން އޭނާވަނީ ރާއްޖޭގައި ގާއިމުކޮށްފައިވާ ފަދަ ވޯޓަރ ބަންގަލޯތައް އެ ގައުމުގައިވެސް ބިނާކުރުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކުރައްވާފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި އެކަން ހާސިލުކުރުމުގެ ގޮތުން އިންވެސްޓަރުން ހޯދަން ބޭނުންވާކަމަށް ވިދާޅުވިއިރު ޒުވާން ފަތުރުވެރިން އެ ގައުމަށް ގެނައުމުގެ މަގުސަދުގައި އައު ކަންކަން ތައާރަފްކުރުމަށްވެސް ވިސްނަމުންދާކަމަށާއި އެކަމުގެ ތެރޭގައި ބައިނަލްއަގުވާމީ މިއުޒިކް ޝޯތައް ހޯސްޓުކުރުން ހިމެނޭކަމަށްވެސް ހިއްސާކުރެއްވިއެވެ.

