ހޯމްލޭންޑް މިނިސްޓްރީއިން ހިންގަމުންދާ ”އޮޕަރޭޝަން ކުރަަނގި“ މަސައްކަތްތަކުގެ ތެރެއިން އިތުރު 173 މީހެއްގެ މައުލޫމާތު ނަގާފައިވާކަމަށް އެ މިނިސްޓްރީއިން ހާމަކޮށްފިއެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެނެގަތުމުގެ ގޮތުން ހޯމް ލޭންޑް މިނިސްޓްރީން ފަށާފައިވާ ”އޮޕަރޭޝަން ކުރަަނގި“ އާއި ގުޅޭގޮތުން އެކްސްގައި އެ މިނިސްޓްރީއިން ހިއްސާކުރި މައުލޫމާތުގައިވާގޮތުން މިހާތަނަށް މޭ މަހުގެ ދެވަނަ ދުވަހު ފެށި މަސައްކަތްތަކުގެ ތެރެއިން 19 ވަނަ ދުވަހުގެ ނިޔަލަށް މައުލުމާތު ނެގިފައިވަނީ ޖުމުލަ 705 މީހުންގެކަމަށެވެ.
މީގެ ކުރިން މި އޮޕަރޭޝަން ފެށުމުގެ ގޮތުން ކ ހިންމަފުށީގައި ހިންގި ހަރަކާތްތަކަށްފަހު މިނިސްޓްރީއިންވަނީ 532 މީހެއްގެ މައުލޫމާތު ނަގާފައިވާކަން މޭ މަހުގެ 11 ވަނަ ދުވަހު ހިއްސާކޮށްފައެވެ. އެހެންކަމުން 19 ވަނަ ދުވަހާއި ދެމެދު މިނިސްޓްރީއިން ނަގާފައިވަނީ އިތުރު 173 މީހެއްގެ މައުލޫމާތުކަން ފެނިގެންދާއިރު މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް ރެކޯޑުކުރުމުގެ ގޮތުން ފެށިފައިވާ މަސައްކަތްތަކެއްކަމަށް މީގެ ކުރިން މިނިސްޓްރީއިން މީޑިއާތަކާއި ހިއްސާކޮށްފައިވެއެވެ.
އޮޕަރޭޝަން ކުރަނގިއަކީ ހޯމްލޭންޑް މިނިސްޓްރީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކެއްކަމަށްވާއިރު، އާބާދީ ބޮޑު ފަސް ސަރަހައްދެއްގައި މަސައްކަތްތައް ކުރެވިގެންދާނެކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

