ޗައިނާއިން ޓައިވާނުގެ ސަރަހައްދު ވަށައި އަސްކަރީ ކުޅިވަރު ހަރަކާތްތަކެއް ފަށާފައިވާކަމަށާއި އެއީ ބާރުވެރިވެގަތުމުގެ ގާބިލުކަން ހުރި މިންގަނޑު ދެނެގަތުމުގެ ގޮތުން ހިންގާ ހަރަކާތެއްކަމަށް ބުނެފައިވާކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޗައިނާއިން ޓައިވާނުގެ މައްޗަށް ބާރުވެރިވެގަތުމަށް މަސައްކަތްކުރާކަމުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ އެ ގައުމުން ޓައިވާންގެ ސަރަހައްދީ އިން ވަށައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާކަމަށް ރިޕޯޓުކޮށްފައެވެ. އަދި މި ހަަރަކާތްތަކަކީ އެ ސަރަހައްދު ޗައިނާގެ އަސްކަރިއްޔާގެ ބާރުގެ ދަަށަށް ގެނައުމުގެ ގާބިލުކަން އަދި އެފަދަ އެހެނިހެން މައުލޫމާތުތައް ދެނެގަނެ ޓެސްޓުތައް ކުރުމަށް ކުރިއަށް ގެންދާ ހަރަކާތެއްކަމަށް އެ ގައުމުން މައުލޫމާތު ދީފައިވާކަމަށްވެސް ނޫސްތަކުން ފާޙަގަކުރެއެވެ.
ޖޮއިންޓްް ސޯޑް 2024ގެ ގޮތުގައި ނަންދެވިފައިވާ މި ހަރަކާތްތަކަކީ ޓައިވާނަަށް އަދަބެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށްވެސް އެ ގައުމުން ސިފަކުރިކަމަށް ރިޕޯޓުތަކުގައިވެއެވެ. އަދި އެއީ ޓައިވާނުގެ ވެރިކަމަށް އައު ރައީސްއެއް އައްޔަނުކުރެވުމާއިމެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ކުރެވޭ މަސައްކަތަކެއްކަމަށް ބެލެވޭކަމަށާއި ޓައިވާނުގެ އައު ރައީސް ވިލިއަމް ލައި ޗިންގްޓީވަނީ އެ ގައުމަކީ މިނިވަން އަމިއްލަވަންތައް ގައުމެއްކަމަށް ވިދާޅުވެފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ރައީސް ލައިވަނީ ޓައިވާނުން އެ ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އެއްވެސް ދުލެއް ނުދޭނެކަމަށްވެސް ހިއްސާކޮށްފައެވެ. އަދި ޗައިނާއިން ޓައިވާނާއި ދެކޮޅަށް ދައްކަމުންދާ ރުޅިވެރިކަމުގެ އަމަލުތައް ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ. ރިޕޯޓުތަކުގައިވާގޮތުން ޗައިނާއިން ހިންގަން ފަށާފައިވާ ހަރަކާތަކީ ސިޔާސީ އާއި އަސްކަރީ ގޮތުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ބައެކެވެ. އަދި ޓައިވާނަކީ އެ ގައުމުން ބައެއްކަމަށް ޗައިނާއިން ދެކޭކަމަށް ފާހަގަކޮށްފައިވާއިރު ބާރުގެ ބޭނުންކޮށްގެން އެއްކުރުމަށް މަސައްކަތް ނުކުރާނެކަމަށް އެ ގައުމުން ބުނެފައިނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ޓައިވާނާއި ގުޅިގެން މަސައްކަތްކުރާ ގައުމުތަކުންދަނީ ޗައިނާއިން ފަށާފައިވާ ހަރަކާތްތަކުގެ ސަބަބުން އަސްކަރީ ވަސީލަތްތައް އޮޕަރޭޝަނަލް ހާލަތަށް ގެނެސް އެ ގައުމުން ކުރަމުންދާ މަސައްކަތްތައް ގާތުން ބަލަމުންކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

