ޗައިނާ އާއި ނެދަލެންޑްސްގެ އަސްކަރިއްޔާ ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޗައިނާއިންވަނީ ނެދަލެންޑްސްގެ އަސްކަރިއްޔާ ހަމައެއްގެ ތެރޭގައި ހިފެހެއްޓުމަށް އެ ގައުމަށް އަންގާފައެވެ. އަދި މި އިންޒާރުތަކުގެ ކުރިން ޗައިނާގެ ފައިޓާރ ޖެޓުތަކެއްވަނީ ނެދަލެންޑްސްގެ މަނަވަރަަކަށް ދަތިކުރުމުގެ ގޮތުންވެސް ބައެއް އަމަލުތައް ހިންގާފައިކަމަށް ބުނެފައިވެއެވެ.
ރިޕޯޓުތަކުގައިވާގޮތުން ޗައިނާ އަދި ނެދަލެންޑްސް ދެމެދު މައްސަލަތަކެއް ޖެހުނީ ނޯތް ކޮރެއާ އާއި ދެކޮލަށް އދ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ތަންފީޒުކުރުމަށްޓަކައި އީސްޓް ޗައިނާ ކަނޑުގެ ސަރަަހްދުގައި ޑަޗު ކަނޑު އުޅަނދެއް ހަރަކާތްތެރިވަމުންދަނިކޮށެވެ. އަދި ނެދަލެންޑްސްގެ ޑިފެންސް މިނިސްޓްރީއިންވަނީ މިކަން ކަށަވަރުކޮށްދީ ބަޔާނެއް ނެރިފައިކަމަށްވެސް ބުނެފައިވެއެވެ.
އެގޮތުން ޗައިނާގެ ދެ ޖެޓަކުން ނެދަލެންޑްސްގެ އުޅަނދު ވަށައި ބުރުޖެހިކަމަށާއި ޗައިނާގެ ހެލިކޮޕްޓަރަކުން އެ އުޅަނދަށް ނިސްްބަތްވާ ހެލިކޮޕްޓަރަށް ޖެއްސުންކުރުމަށް ހިންގި އަމަލުތަކުގެ ތެރެއިން ނުރައްކާތެރި ހާލަތެއް އުފެދިގެންދިޔަކަމަށްވެސް ބުނެފައިވެއެވެ.
މިފަދަ އިތުރު މައްސަލައެއް މީގެ ދުވަސްތަކެއް ކުރިންވެސް ފާހަގަވެފައިވެއެވެ. އެގޮތުން ދާދި ފަހުން ޗައިނާއިންވަނީ އދގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދިޔަ އޮސްޓްރޭލިއާގެ އެރޮޕްލޭނަކަށްވެސް މިފަދަގޮތަކަށް ދަތިތައް ކުރިމަތިކޮށްފައިކަމަށްވާއިރު ޗައިނާގެ ބާރުވެރިކަމާއި ގުޅޭގޮތުން އެމެރިކާއިން އެކުލަވާލާ އަހަރީ ރިޕޯޓުގައި އެ ގައުމުންވަނީ ޗައިނާގެ ފަރާތުން 280 ފަހަރެއްގައި މިފަދަ ޖެއްސުންތައް ކުރިމަތިވެފައިވާކަމަށް ބުނެފައިވެއެވެ.

