ނޭޝަނަލް ސެންޓާރ ފޮ ދި އާޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ބޮޑުއީދުގެ ހަރަކާތްތައް ހަވީރު 16:00 ގައި ފަށާނެކަމަށް މައުލޫމާތުދީފިއެވެ.
އެންސީއޭއިން މައުލޫމާތު ދީފައިވާގޮތުން ބޮޑު އީދުގެ ހަރަކާތްތައް ފެށިގެން އައި ހެނދުނު 7:00 ގައި އީދު ނަމާދުންނެވެ. އަދި އެއަށްފަހު 8:00 ގައި އީދު ސައެއް ބޭއްވިއިރު މިއަދު ހަވީރަށް ގިނަ ހަރަކާތްތަކެއް އިންތިޒާމްކޮށްފައިވާކަމަށް ބުނެފައިވެއެވެ.
އެންސީއޭއިން ބުނެފައިވާގޮތުން މިއަދު ހަވީރު 16:00 ގައި ހަރަކާތްތަށް ފަށާނީ ރަސްފަންނު ވެލިގަނޑު ސަރަހައްދުންނެވެ. އަދި އެންމެ ފުރަތަމަ ދެލިމާލި ނެރުން ހަރަކާތް ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ދީފައިވާއިރު މިއީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ރާވާފައިވާ އައިޓެމްއެއްކަމަށް ބުނެފައިވެއެވެ. އެއަށްފަހު ކޯޑިކެނޑުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ހިއްސާކޮށްފައިވާއިރު މިނިސްޓްރީ އޮޕް ޓުއަރިޒަމް އިން ހިންގާ ދަފިނެގުން ހަރަކާތް ކުރިއަށް ގެންދާނީ ސޯސަން މަގާ މަޖީދީ މަގާއި ގުޅޭ ހިސާޞުގައިކަމަށްވެސް ބުނެފައިވެއެވެ.
ލަނގިރިޖެހުމާއި ބޮޑުބެރު އަދި ބޮޑުމަސްނެރުން ފަދަ ހަރަކާތްތައްވެސް ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ދީފައިވާއިރު، މިއަދުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި އޮތީ ފަންނާނުންގެ މިއުޒިކު ޝޯއެއްކަމަށް މައުލޫމާތު ދީފައިވެއެވެ. މި ޝޯ ކުރިއަށް ގެންދާނީ 21:00 ގައިކަމަށް ބުނެފައިވާއިރު ޝޯ ބާއްވާނީ ސޯޝަލް ސެންޓަރުގައިކަމަށްވެސް ބުނެފައިވެއެވެ.

