ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޖުރައިގެ ހާދިސާއިން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ކަންކަމުގައި الله އަށް ވަކީލުކުރަން ޖެހޭކަން: ޚުތުބާ

ހުކުރު ހުތުބާގެ ތެރެއިން: ފޮޓޯ/ ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޖުރައިގެ މަތިވެރި ޙާދިޘާއިން ލިބޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ކަންކަމުގައި الله އަށް ވަކީލުކުރާން ޖެހޭކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ޚުތުބާގައި ބުނީ الله އަށް ވަކީލުކުރުމަކީ، އެއްވެސް ޙާލެއްގައި، ވަކީލުކޮށްފީމޭ ބުނެ ދެއަތް އުރައިލައިގެން ތިބުން ނޫން ކަމަށެވެ. އަދި ވަކީލުކުރުމަކީ، ކަންކަން ކުރުމަށްޓަކައި ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާ އެކު، الله ގެ ޙަޟުރަތުން ރައްކާތެރިކަން ލިބޭނޭކަމަށް ޔަޤީންކޮށްގެން ތިބުން ކަމަށެވެ.

އަންނަ އާދީއްތަ ދުވަހަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނައިލުމަކީ ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ހިޖުރައިގެ އެންމެ މަތިވެރި މާނައަކީ ނުބައި ކަންތައް ދޫކޮށް ހެޔޮކަމުގެ މަގަށް ރުޖޫޢަވުން ކަމަށް ޚުތުބާގައި ބުންޏެވެ.

ފަހެ ރަސޫލާ  ޙަދީޘް ކުރައްވައިފައި ވެއެވެ. ޢަބްދުالله ބުނު ޢަމްރުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”ކީރިތި ރަސޫލާ ގެ އަރިހުގައި މީހަކު ދެންނެވިއެވެ. الله ގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލާ ޙަދީޘްކުރެއްވިއެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ.“

ޚުތުބާގައި ބުނީ ކީރިތި ރަސޫލާ މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި ތަފާތު އެތައް ޢިބުރަތްތަކަކާއި ދަރުސްތަކެއް ވާކަމަށެވެ. އެގޮތުން ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ ދީނަށް ޓަކައި ޤުރުބާންވުމުގެ މަތިވެރި ފިލާވަޅުކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރަސޫލާ އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަށާއި ގާތްތިމާގެ ބޭފުޅުންނާއި، ޢާއިލާގެ ބޭފުޅުން ދޫކުރައްވައި މައްކާއިން ނުކުމެވަޑައިގެން މަދީނާއަށް ހިޖުރަކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އެހުރިހާ ކަމެއް އިސްލާމް ދީނުގެ ދިފާޢުގައި ޤުރުބާންކުރައްވާފައި ކަމަށެވެ.

އެ ދަތުރުފުޅަށް މައްކާއިން ނުކުމެވަޑައިގަންނަވަމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާންކުރާން ޖެހެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. ”الله ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ الله ގެ ޙަޟްރަތުގައި އެންމެ މާތް ބިމެވެ. އަދި اللهގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިމަންކަލޭގެފާނު ތިޔަ ބިމުން ނެރެ ނުލެވުނު ނަމަ، ތިމަން ކަލޭގެފާނު ތިޔަ ބިމުން ނުކުމެވަޑައެއްނުގެންނެވީމުހެވެ.“

ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބުވުމުގެ އެންމެ މުހިންމު ބަޔަކީ ކަމެއް ފެށުމުގެ ކުރީން އެ ކަމެއް ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި ފުރިހަމައަށް ހަމަޖެއްސުން ކަމަށް ވެސް ހުކުރު ޚުތުބާގައި ބުންޏެވެ. އަދި ހިޖުރައިން ލިބޭ ފިލާވަޅުތަކުގެ ތެރެއިން ދަތި އުނދަގޫ ވަގުތުގައި ވެސް އީމާންކަމުގެ އަހުލުވެރީން ޘާބިތުކަމާ އެކު ތިބޭނެކަމުގެ ފިލާވަޅު ހިމެނޭކަން ފާހަގަކޮށްފައިވެއެވެ.

ރަސޫލާ އާއި އަބޫބަކުރުގެފާނު ޘައުރުފަރުބަދައިގެ ހޮހަޅައިގައި ތިއްބެވި އިރު އަބޫބަކުރުގެފާނު ރަސޫލާ އަށް ދެންނެވިއެވެ. اللهގެ ރަސޫލާއެވެ. މައްކާގެ މުޝްރިކުންގެ މީހަކު އެ މީހެއްގެ ދެ ފައިތިލައަށް ބަލައިލި ނަމަވެސް ތިމަންބޭކަލުން މި ތިއްބެވި ތަން ފެންނާނެއެވެ. ފަހެ އެހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ”އޭ އަބޫބަކުރުގެފާނެވެ. ތިމަންމެން ދެބޭކަލުން އެކަނި ތިއްބެވި ކަމަށް ހީފުޅުނުކުރައްވާށެވެ! ތިންވަނަ ފަރާތެއްގެ ގޮތުގައި الله ތިމަން ބޭކަލުންނާ އެކު ވޮޑިގެންވެއެވެ.“

ޚުތުބާގައި ބުނީ ހިޖުރައިގެ މަތިވެރި ޒިކުރާ، ގުޅިފައި ވަނީ މާތް ނަބިއްޔާ ހިޖުރަ ކުރައްވައި، މައްކާއިން މަދީނާ އަށް ވަޑައިގަތް މަތިވެރި ޙާދިޘާއާ ކަމަށެވެ. މިއީ އިސްލާމީ ދައުލަތެއްގެ ބިންގާ އެޅުނު ދިޔަ ޙާދިޘާ ކަމަށާ ކީރިތި ރަސޫލާ الله ގެ މަގަށް ގޮވައިލައްވާން މައްކާގައި ތޭރަ އަހަރު ދުވަސް ހޭދަކުރެއްވި ނަމަވެސް އެ ރަށުގެ އަހުލުވެރީންގެ ފަރާތުން އެ ކަމަށް އެކަށީގެންވާ އިޖާބައެއް ލިބިވަޑައި ނުގަތުމުގެ އިތުރަށް، އެކަލޭގެފާނު އަވަހާރަކޮށްލަން އެމީހުން ރާވަމުން ދިޔަކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެ ހިނދު الله ގެ އަމުރުފުޅަށް މައްކާ ދޫކުރައްވައި އެކަލޭގެފާނު މަދީނާއަށް ހިޖުރަކުރެއްވީ ކަމަށާ އެ ހިސާބުން ފެށިގެން، ފުރަތަމަ ފަހަރަށް އިސްލާމީ ދައުލަތެއްގެ ބިންގާ މަދީނާގައި އެޅިގެން ދިޔަ ކަމަށް ޚުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ الله އެކަލާނގެ އަޅުތަކުންނަށްޓަކައި ހެޔޮ ޢަމަލުކުރުމުގެ ދުވަސްތައް އަހަރުގެ ތެރޭގައި ލައްވައިފައިވާކަން ހަނދާންކޮށްދީފައެވެ. އެގޮތުން މުޙައްރަމު މަހުގެ ދިހަ ވަނަ ދުވަހަކީ އެފަދަ ދުވަހަކީ އާޝޫރާ ދުވަސްކަން ފާހަގަކޮށް ޚުތުބާގައި ބުނީ މާތް ނަބިއްޔާ މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު ޢާޝޫރާ ދުވަހު ރޯދަ ހިފުމަށް މުސްލިމުންނަށް އަމުރު ކުރެއްވި ކަމަށެވެ. އަދި ޢާޝޫރާ ދުވަހުގެ ރޯދައަކީ، ފާއިތުވެ ދިޔައަހަރު ކުރެވިފައިވާ ކުދި ފާފަތަކުގެ ކައްފާރާއެއްކަމުގައި ލެއްވުމަށް އުއްމީދު ކުރައްވާކަމަށް ރަސޫލާ ހަދީޡް ކުރެއްވި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: