ރައްޔިތުންގެ ހާލަތު އެނގިތިބެ ގެދޮރުވެރިކަމުގެ ސިޔާސަތު ލަސްކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާާޅުވެއްޖެއެވެ.
ފުލެޓް ކޮމިޓީއާއި ބައްދަލުކުރުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މޭޔަރ އާޒިމް ވިދާޅުވީ އެބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެމްޑީޕީގެ ގެދޮރުވެރިކަމުގެ ސިޔާސަތު ލަސްވެގެންދިއުން ކަމަށެވެ. އޭގެތެރޭގައި ފުލެޓު މައްސަލަ އާއި ބިމުގެ މައްސަލަ ފަދަ ހުރިހާ މައްސަލައެއް ހިމެނޭ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ މާލޭގެ ދިރިއުޅޭ ރައްޔިތުންނަކީ ވަރަށް ދަތި ހާލަތުގައި އުޅޭ ބައެއް ކަމަށާއި އަދި އެކަމަށް އަވަސް ހައްލެއް ގެނައުމަކީ އެންމެން ވެސް ގަބޫލު ކުރާ ގޮތް ކަމަށެވެ. ރައްޔިތުން އެކި މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރަނީ އެމީހުންނަށް ދިމާވެފައިވާ ދަތިތައްކަށް ހައްލެއް ހޯދައިދެއްވާ އެކަން އަވަސްކޮށްދިނުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
އެއްވެސް ހާލަތެއްގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ނުކުރެވިގެން އުޅެނީ އަނދަވަޅަކަށް ވެއްޓިފައި އޮތުމުން ކަމަށް ބުނެ ދައްކަވާ ވާހަކަތައް އަހަން ބޭނުން ނުވާކަމަށް މޭޔަރ ވިދާޅުވިއެވެ. މޭޔަރ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަމުން ގެންދަވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ އަވަސް ހައްލެއް ހޯދައިދެއްވުމަށް ކަމަށެވެ.
”އަޅުގަނޑު މީގެ ކުރިން ޑޯޓުޑޯ އަށް ދިޔައިން. އަޅުގަނޑަކީ ޑޯޓުޑޯއަށް ދާމީހެއް. އެދުވަހު އަޅުގަނޑު ދެކުނިން ގާތްގަނޑަކަށް 7 ފޫޓު، 7 ފޫޓު ކޮޓަރިއެއްގައި ބަންކު ބެޑު ޖަހާފައި 7 މީހުން އެއް ކޮޓަރިއެއްގައި ދިރިއުނު މަންޒަރު. އެގޮތަށް ގެތައް ބަހާފައި ހުރިއިރު 7 ފޫޓުގެ އެގޮތަށް 8 ގެ ހުރި. އެތާ ކޮންމެ ތަނެއްގައި ގެއެއް. މީ އެންމެ ތަނެއްގެ ވާހަކަ އަޅުގަނޑު މި ބުނަނީ“
ރައްޔިތުން ހާލަތުގައި އުޅޭކަން އެންމެނަށް ވެސް އެނގޭ ކަމަށާއި، އިނގިތިބެ ގެދޮރުވެރިކަމުގެ ސިޔާސަތު ލަސް ކުރުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މޭޔަރ ވިދާޅުވިއެވެ. މާލޭގެ މޭޔަރަކަށް ހޮވުނު އިރުވެސް ރައްޔިތުން އެންމެ ބޮޑަށް އެދުނު ކަމަކީވެސް ގެދޮރުވެރިކަމުގެ ކަންތައްތަކުގައި އަވަސް ހައްލެއް ހޯދުމަށް ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރ ވިދާޅުވީ ކޮންމެ ބައްދަލުވުމެއްގައިވެސް އެކަން އަވަސް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

