މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަނަރު އަލީ ހާޝިމަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭތީ މަގާމުން ވަކި ކުރުމަށް ނިންމާފައިވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރަން ދިން ދެވަނަ ފުރުސަތުގައި ވެސް ވަޑައިނުގަތުމުން ފަހު ފުރުސަތު ދިނުމަށް އެ ކޮމިޓީން ނިންމައިފިއެވެ.
މި މައްސަލައިގައި ކޮމެޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ގަވަރުނަރަށް އެންމެ ފުރަތަމަ ދިނީ އިއްޔެއެވެ. ނަމަވެސް އިއްޔެ އެމްއެމްއޭއިން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ ގަވަނަރު އަލީ ހާޝިމް އާލާސްކަންފުޅާ އުޅުއްވާތީ އޮފީހަށް ވެސް ވަޑައިނުގަންނަވާކަމަށެވެ. އެހެންވެ މަޖިލީހަށް ހާޒިރުވުމަށް އަންގާފައި އޮތް ނަމަވެސް، ހާޒިރުވެވެން ނެތްކަމަށް ވަނީ އަންގަވާފަ ކަމަށެވެ. އިއްޔެގެ ބައްދަލުވުން މަޖިލީހުގައި ތާވަލުކޮށްފައި އޮތީ 11:00 އަށެވެ.
މިއަދުވެސް އެ މައްސަލަ އެޖެންޑާކޮށް، މާލިއްޔަތު ކޮމިޓީން 11:00އަށް ކޮމިޓީ ބައްދަލުވުމެއް ބޭއްވިއެވެ. ނަމަވެސް މިއަދު ވެސް ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ހާޒިރުވެވެން ނެތް ކަމަށް މަޖިލީހަށް އަންގާފައިވެއެވެ. އެ ވާހަކަ ހިއްސާކުރައްވާ އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ ގަވަރުނަރު އާލާސްކަންފުޅާ އުޅުއްވާތީ ދެ ދުވަހެއްގެ ސަލާމެއްގައި ހުންނެވި ކަމަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކޮމެޓީއަށް ހާޒިރުވުމަށް އަދި އެއް ފުރުސަތު ގަވަރުނަަރަށް ދިނުމަށް ގާސިމް ވަނީ ހުށަހަޅާފައެވެ.
އެ ހުށަހެޅުން ކޮމިޓީގައި އެވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށް، މާދަމާ 11:00 ގަވަނަރުނަރު ކޮމެޓީއަށް ހާޒިރުވާން އެންގުމަށް ނިންމާފައިވެއެވެ.
ހާޝިމް މަގާމުން ވަކިކުރުމަށް ހުށަހެޅީ، ރައްޔިތުންގެ މަޖިލީހުން ދިރާސާކުރަމުންދާ ދަރަނި މެނޭޖު ކުރުމާއި ފިކްސަލް ޒިންމާގެ ބިލުގެ ބަހުސްގައި ގަވަނަރު ޒިންމާ އަދާނުކުރާކަން ފާހަގަކޮށް ދެކެވުނު ވާހަކައިގެ ތެރެއިންނެވެ. ހާޝިމް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާތީ، ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އެވެ.
އެ ދުވަހުގެ ޖަލްސާގައި މަނިޓަރީ ޕޮލިސީއަކީ ދިވެހި ދައުލަތުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއް ނަމަވެސް ހާޝިމަށް އެ ޒިންމާ އަދާކުރެވިފައި ނެތް ކަމަށެވެ. އަދި ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގައި ގަވަނަރުގެ އެއްވެސް ލަފައެއް ވެސް ލިބިފައި ނުވާކަން ފާހަގަކުރެއްވިއެވެ.
އެ މައްސަލަ ނަންގަވައި، ހާޝިމް މަގާމުން ވަކި ކުރުމަށް މާލިއްޔަތު ކޮމިޓީއަށް ވެސް ނާޒިމް ހުށަހެޅުއްވި އެވެ. އެ ހުށަހެޅުމަށް މެންބަރުން ތާއީދުކޮށް، އޭނާ މަގާމުން ވަކި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުގައި އެ އޮތޯރޮޓީގެ ގަވަނަރާއި ޑެޕިއުޓީ ގަވަނަރު އައްޔަނުކޮށް ވަކި ކުރާނީ މަޖިލީހުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.

