އެއް ގައުމަކުޖން ބިދޭސީން އެންމެ ގިނައިން ގެނެވޭ އަދަދު ކަނޑައަޅާނީ، އެސެސްމެންޓް ރިޕޯޓެއް އެކުލަވާލައި ކެބިނެޓުގެ މަޝްވަރާގެ މަތީންކަމަށް ބުނެ ހުށަހެޅި ވަޒީފާގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ބަލައިގަނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަށް ކަނޑައަޅާނީ ވަޒީފާއާއި ބެހޭ ގާނޫނުގެ ދަށުން ހަދާ ގަވައިދުގައިކަމަށެވެ. އެސެސްމެންޓެއް ހަދަން ޖެހެނީ، އެ އަދަދުތައް ކަނޑައެޅުމަށްޓަކައި ހަދާ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތައް ދެނެގަތުމުގެ ރިޕޯޓުގައެވެ.
މި ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 79 މެމްބަރުންގެ އިއްތިފާގުންނެވެ.
ބިލުގައިވާ ގޮތުން ބިދޭސީންނަށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރެވޭނީ، އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައިވާގޮތުގެ މަތީން ދިވެހިރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދައިގެންނެވެ. ގާނޫނުގެ 65 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއްގެ ތެރޭގައި ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް އަދި އެއްގައުމަކުން އެންމެ ގިނައިން ބިދޭސިން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅިދާނެކަމަށެވެ. އެގޮތަށް ކަނޑައެޅުމުގައި މަސައްކަތުގެ ބާވަތްތައް ގިންތިތަކަށް ބަހާލުމުގެ ފުރުސަތު ގާނޫނުގެ ދަށުން ލިބިގެންދާނެ އެވެ.
އަދަދުތައް ކަނޑައެޅުމުގެ ކުރިޔަށް ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމެންޓެއް ހަދަން ޖެހޭއިރު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން ގޮތެއް ނިންމާނީ އެ ކަރުދާހަށް ކުރާ މަޝްވަރާއަށް ފަހުއެވެ.
ގޮތް ނިންމުމުގައި ރިއާޔަތް ކުރަން ޖެހޭ ކަންތަކުގެ ތެރޭގައި އެ ދާއިރާއަކުން ފަންނީ، އިލްމީ މީހުން ލިބެން ނެތުމާއި ބިދޭސީން އެ ދާއިރާއަކުން ވަޒީފާއަށް ނެގުމުގެ ސަބަބުން ކުރިއެރުން ލިބޭނެ މިންވަރެވެ.
މީގެއިތުރުން ކޯޓާ ކަނޑައަޅާއިރު ވަކި އަދަދަކަށް ވުރެ ގިނައިން އެ ގައުމަކުން ނުވަތަ ދާއިރާއަކުން ބިދޭސީން މަސައްކަތް ކުރަމުންދާ ނަމަ އެ އަދަދުގައި ހިފަހައްޓައި ކަމާއި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރަންވާނެކަމަށް ބިލުގައިވެއެވެ. މުއްދަތުތައް ކަނޑައެޅުމުގައި މުއްދަތެއް ދިނުމަށް ލާޒިމް ކުރިނަމަވެސް، އެއީ 36 މަހަށް ވުރެ ދިގު މުއްދަތަކަށް ވެގެން ނުވާނެއެވެ.
ވަޒީފާއާއި ބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭ އަދަދަކީ އެއްލަކައެވެ. އަދި އެއް ގައުމަކުން ތިބި މީހުންގެ އަދަދު އެއަށް ވުރެ ގިނަވާނަމަށް ބިދޭސީން މަދު ކުރުމަށް ފިޔަވަޅު އެޅުމަށް ގާނޫނުން ލާޒިމްކުރެއެވެ.
މި ބިލުގައިވާ އިތުރު އިސްލާހުތަކުގެ ތެރޭގައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ވާރކްސައިޓުތައް ކަމަށް ބެލެވޭ ތަންތަން ދުރާލާ އެންގުމަށްފަހު ނުވަތަ ދުރާލާ ނޯޓިސް ދިނުމަކާ ނުކައި އެ ސައިޓުތަކަށް ވަދެ، ބަލައި ފާސްކުރުމުގެ ބާރު އިންސްޕެކްޓަރުންނަށް ލިބޭ ގޮތަށް އިސްލާހެއް ހުށަހަޅާފައިވެއެވެ.
އިސްލާހުގައި ބުނީ ރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރަނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ ތަންތަނުގައި ތޯ ނުވަތަ އެފަދަ ބިދޭސީން ވަޒީފާ އަދާކުރަނީ ހުއްދަ ކޮށްފައިވާ ވަޒީފާގައިތޯ ބަލައި ފިޔަވަޅު އެޅުމަށްޓަކައި ގާނޫނާ ޚިލާފަށް މަސައްކަތް ކުރާ ކަމަށް ބެލެވޭ ސައިޓުތައް ފާސްކުރެވިދާނެ ކަމަށެވެ.
ރާއްޖޭގައި ތިބި ޖުމްލަ ބިދޭސީންގެ އަދަދު މިހާތަނަށް ދެނެގެނަވިފައި ނުވާއިރު، މާލޭގެ ސަރަހައްދުގައި އެކަނި ވެސް ލައްކައަކަށް ވުރެ ގިނަ ބިދޭސީން އުޅޭކަމަށް ލަފާކުރެވެ އެވެ. އަދި ބަންގްލަދޭޝް މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރަ އެވެ.
ގިނަ ބިދޭސީން ރާއްޖޭގައި އުޅެމުން އަންނަނީ، ގަވައިދާއި ހިލާފަށްކަމަށް ވެފައި އެ މީހުންގެ އަތުގައި ކާކުކަން އަންގައިދޭ އެއްވެސް ލިޔެކިއުމެއް ނެތެވެ. ކުރީ ސަރުކާރުން ވެސް ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށާފައިވަނިކޮށް އެއަށް މަޑުޖެހުމެއް އައީ ކޮވިޑު-19 ގެ ސަބަބުންނެވެ. އޭގެ ފަހުން މި ސަރުކާރުން ވަނީ އޮޕަރޭޝަން ކުރަނގީގެ ނަމުގައި ޕްރޮގްރާމެއް މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ.

