ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތިތައް ރަނގަޅުކުރަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން އަންގާފައިވާއިރު އެ މަސައްކަތަށް 85 މިލިއަން ރުފިޔާ ޚަރަދު ވާނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާ ކޮށްފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގަ ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މަގު ބައްތިތައް ރަނގަޅުކުރުމަށް ޔޫއާރްއޭއިން އެންގުމާއެކު ފެނަކައިން ރަށު ކައުންސިލްތަކަށް ދީފައިވާ މުހުލަތުގައި މައްސަލަ ހައްލު ކުރެވޭނެ ކަމަށް ނުފެންނާތީ އެ ކޯޕަރޭޝަން އަދި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމަށް 85 މިލިއަން ޚަރަދު ވާނެ ކަމަށް ފެނަކައިން ލަފާ ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އެ ފައިސާ ފިނޭންސް މިނިސްޓްރީން ލިބޭގޮތް ހަމަޖެހުނު ނަމަވެސް އޮތޯރިޓީން ދީފައިވާ މުހުލަތުގައި މަސައްކަތް ނިމޭނެ ކަމަށް ނުފެންނާތީ އިތުރު މަޝްވަރާއަކަށް ދާން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް އެ މައްސަލަ ހައްލު ކުރަންޖެހޭ ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެކަމަށް އިތުރު ވަގުތާ ފައިސާ ބޭނުންވާ ކަމަށެވެ. އަދި އެ މައްސަލަ ހައްލުވަންދެން އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރައްކާތެރި މިންގަނޑުތަކާ ޚިލާފަށް އާތު ލީކޭޖް، ސާކިއުޓް ބްރޭކް، އީ.އެލް.ސީ.ބީ ހަރުނުކުރާ މަގުބައްތިތައް މި މަހަށް ފަހު ކަރަންޓު ދިނުން ހުއްޓާލުމަށް ފެނަކައިން ނިންމާފައިވުމާ ގުޅިގެން އަވަސް ގޮތެއްގައި ރަށްރަށުގެ މަގުބައްތި މިންގަނޑަށް ފައްތާ، ރަށްޔިތުންނަށް މި ކަމުގެ ދަތި އުނދަގޫ ނުވާނެ ގޮތަކަށް މައްސަލަ ޙައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުޢާޒް މުޙައްމަދު ރަޝީދާ އިއްޔެ ބައްދަލު ކުރެއްވިއެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ މި މައްސަލައަށް ދާއިމީ ޙައްލެއް ހޯދައި ރައްޔިތުންނަށް މި ކަމުގެ ތަކުލީފު ނުޖެހި މި މައްސަލަ ޙައްލުކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ކައުންސިލުތަކަށް މި ޒިންމާ މަތިކޮށްގެން ކުރިއަށް ގެންދަން ނިންމައިފި ނަމަ، ކައުންސިލުތަކުގެ ބަޖެޓު ކުރެވިފައި ނެތް ފައިސާއިން ކުއްލިއަކަށް ބޮޑު ޚަރަދެއް ކުރަން ޖެހުމުން ކައުންސިލުތަކަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެ މި މަސައްކަތް ކުރިއަށް ނުގެންދެވިދާނެ ކަމުގެ ބިރު އޮތް ކަން ފާހަގަކުރެއްވި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މިނިސްޓަރު އާދަމް ޝަރީފު ޢުމަރުގެ ވިސްނުންފުޅަކީ ސަރުކާރުގެ ގުޅުން ހުރި އިތުރު ވުޒާރާތަކާއި، މުއައްސަސާތަކާއެކު އިތުރު ބައްދަލުވުންތަކެއް ބާއްވައި މި ކަމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ދިރާސާކޮށް މަގުބައްތިތައް ރައްކާތެރި މިންގަނޑަށް ފެއްތުމުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުން ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޢާޒް ވިދާޅުވީ ރާއްޖޭގެ ހުރިހައި ރަށެއްގައި މި މަސައްކަތްކޮށް ނިންމުމަކީ ވަރަށް ބޮޑު ހޭދައެއް ހިނގާނެ މަސައްކަތެއް ކަމަށް ވާތީ، އެ ކުންފުނީގެ ވިސްނުން ހުރީ މި މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުތަކުން ފޯރުކޮށް ދީފިނަމަ އެ މަސައްކަތް އެ ކުންފުނިން ކޮށްދޭ ގޮތަށް ކަމަށެވެ. އަދި މި ކަމާ ގުޅިގެން މި ހަފުތާގެ ތެރޭގައި މާލީ ވުޒާރާއާއެކު ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް މުޢާޒް ވިދާޅުވިއެވެ.

