ފްލެޓު ލިސްޓު އިވެލުއޭޓް ކުރުމުގެ މަސައްކަތްތަކުގައި މާލެ ސިޓީ ކައުންސިލުގެ ދައުރެއް އޮންނާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލާއިއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، މުޅި ރާއްޖޭގައިވެސް އެންމެ ގިނަ ރައްޔިތުން ކުރިމަތިވެފައިވާ ގެދޮރުގެ ދަތިކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، މާލޭގައި މައްސަލަތައް ބޮޑުވެފައިވަނީ މިތަަނަކީ އެންމެ އާބާދީ ބޮޑު ތޮއްޖެހިފައިވާ ރަށަށްވުމުންނާއި މާލެ އެންމެ ޒަމާންވީ ސިޓީއަށްވުުމުންކަމަށެވެ.
ރައީސް ވިދާޅުވީ، އެކަންކަމާއި ގުޅިގެން ސަރުކާރުގެ އެންމެ މުހިންމު ވައުދެއްގެ ގޮތުގައި ހިމަނައި ސިޔާސަތުތަކެއް ކަނޑައެޅިފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެއްވުމަަށްކަމަށެވެ. އަދި މާލެ ސިޓީގެ މައްސަލަތައް ހައްލުވާނީ މާލޭގެ ރައްޔިތުން ހޮވާފައިވާ ކައުންސިގެ ދައުރު އޮވެގެންކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ އެގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ.
ނިމިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހަވާލުކުރެވިފައިވާ ލިޔެކިއުންތަކުގެ މައްސަލައަށްވެސް ރައީސް އަލިއެޅުއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިއުލާނުކޮށްފައިވާ ހައްގުވެރިންގެ ލިސްޓު އިވެލުއޭޓްކުރުމުގެ މަސައްކަތްތައް އެންމެ ދެފުށް ފެންނަ ގޮތެއްގެ މަތިން ކުރިއަށް ގެންދިއުމުގެ ގޮތުން ކައުންސިލުގެ ދައުރު އޮންނަ ގޮތަށް އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިކަމަށާއި އެކަން ކައުންސިލާއި ހިއްސާކޮށް ކޮމިޓީއެއް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވާނެކަމަށް މައުލޫމާތު ދެއްވިއެވެ.
ރައީސް ވިދާޅުވީ އިވެލުއޭޝަން މަސައްކަތްތައް އަދި ނުނިމޭކަން ހައުސިންގް މިނިސްޓްރީއިން ދާދި ފަހުން ހާމަކޮށްފައިވާކަމަށާއި އެ މަސައްކަތްތައް ނިމިގެންދާނީ ކައުންސިލުގެ ދައުރެއް އޮވެގެންކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

