ސަސްޕެންޝަންގައި ހުރި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުން ވަނީ ރާއްޖޭގެ މީޑިއާތަކަށް ރަމީޒު މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. ރަމީޒު މަގާމުން ވަކި ކުރިކަމުގެ ރިޕޯޓުތައް ކުރެވުނުއިރު ރައީސް އޮފީހުގެ އިސްވެރިންނާއި ކެބިނެޓްގައި ހިމެނޭ މީހުންގެ މައުލޫމާތުގެ ތެރެއިން އޭނާ އާއި ގުޅުން ހުރި މައުލޫމާތުތައް ނަގާލާފައިވާކަން ފާހަގަކުރެވުނެވެ.
މަގާމުން ވަކިކޮށްފައިވާކަން ކަށަވަރުކޮށްދިނުމުގެ އިތުރުން މައްސަލައިގެ އެހެން ތަފްސީލެއް ރައީސް އޮފީހުން މީޑިއާތަކަށް ދީފައިނުވާއިރު، އޭނާ މީގެ ކުރިން ހުރީ ކަމާއި ބެހޭ ފަރާތްތަކުން ތަހުގީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ސަސްޕެންޑުކޮށްފައެވެ.
އޭނާ ސަސްޕެންޝަންގައި ހުންނެވި ދުވަސްވަރު، ކުރީގެ އަނބިކަނބަލުން ފަންޑިތައާއި ގުޅުންހުރި މައްސަލައެއްގައި ހައްޔަރުކޮށްގެން ގެންދިޔައެވެ. އަދި އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކޮށް އިތުރު ބަަޔަކު މީހުންވެސް އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ނަމަވެސް ދާދި ފަހުން ޕީޖީ އޮފީހުންވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޝަމްނާޒުގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

