ޗައިނާ އިން ގެންގުޅޭ ”ވަން ޗައިނާ“ ގެ ސިޔާސަތަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ”2024 އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމެންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑެވެލޮޕިން ކަންޓްރީސް“ ގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖެއާއި ޗައިނާއާއި ދެމެދު 1972 ވަަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރުމަށްފަހު ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް ހަރުދަނާ ގުޅުމެއްކަމަށެވެ. މި ގުޅުން ޒަމާންވީ ގުޅުމެއްގެ ގޮތުގައި ދެމިއޮތީ ޗައިނާ އިން ގެންގުޅޭ ”ވަން ޗައިނާ“ ގެ ސިޔާސަތު ރާއްޖެއިން ފުރިހަމައަށް ގަބޫލުކުރާތީކަމަށް ވިދާޅުވިއެވެ.
މި ގުޅުން އިތުރަށް ބަދަހި ކުރުމަށް ރާއްޖެއިން ބޭނުންވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. މި ގުޅުމުގެ ތެރެއިން ޗައިނާއިން ގެންދަނީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުން ކަމަށް ވިދާޅުވެ އަބްދުލްރަހީމް ފާހަގަކުރެއްވީ، ސިނަމާލެ ބްރިޖާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން ފަދަ ބިޔަ މަޝްރޫއުތަކެވެ.

