ތެލެސީމިއާ އަށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން މިއަހަރު ފެށި ޕްރޮގްރާމްގެ ދަށުން މާލޭ ސަރަހައްދުގެ ގްރޭޑް 10 ކިޔަވާކުދިންނަށް އަމާޒުކޮށް ހިންގި ޕްރޮގްރާމް ނިންމާލައިފިއެވެ.
ރާއްޖޭގައި ތެލަސީމިއާ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށް ހިންގަމުންދާ ޕްރޮގްރާމްތަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމި ގިނަކަންތައްތަކުގެ ތެރޭގައި ހިމެނިފައިވާ ރާއްޖޭގައި ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ގްރޭޑް 10 ނިމުމުގެ ކުރިން ތެލަސީމިއާ ސްކްރީނިންގ ކުރަންޖެހޭނެ ކަމަށް ސަރުކާރުން ނިންމިއެވެ.
އެ ނިންމުމާ ގުޅިގެން ރޭވިފައިވާ ޕްރޮގްރާމްތަކުގެ ދަށުން ފުރަތަމަ މަރުހަލާގެ ތެލަސީމިއާ ސްކްރީންގ ކުރުމާއި، ތެލަސީމިއާއަށް ހޭލުންތެރި ކުރުން ގްރޭޓަރ މާލޭ އޭރިއާގައި ނިންމާލިއިރު 4،000 އަށްވުރެ ގިނަ ދަރިވަރުން ސްކްރީން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެގޮތުން މާލެ ސްކޫލްތަކުގެ ގްރޭޑް 10ގެ 124 ބެލެނިވެރިންނާ 198 ދަރިވަރުންނަށް ތެލަސީމިއާ އަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ވަނީ ދެވިފައިވާ ކަމަށެވެ. އަދި 4004 ދަރިވަރުން ތެލަސީމިއާ އަށް ސްކްރީން ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން އަތޮޅުތެރޭގައި މިހާތަނަށް 76 ކުދިން ތެލަސީމިއާ އަށް ސްކްރީން ކުރެވިފައިވާ ކަން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި މާލެއާއި އަތޮޅުތެރޭގެ ސްކޫލް ތަކުގެ ގްރޭޑް 10 ގެ ހުރިހާ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިންގާފައިވަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް، މިނިސްޓްރީ އޮފް ހެލްތް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއި ގުޅިގެން ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
މި ޕްރޮގްރާމް ރަސްމީ ގޮތުން ފެށިފައިވަނީ 01 ފެބްރުވަރީ 2024 ވަނަދުވަހުއެވެ. ޕްރޮގްރާމް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް ޑރ. އަބުދުﷲ ޚަލީލްއެވެ. ތެލަސީމިއާ ޤާނޫން ލާޒިމް ކަމެއްކަމަށް ކަނޑައަޅާފައި އޮތްކަމެއް ކަމުގައި ވިއަސް މީގެ ކުރިން މި ޕްރޮގްރާމް މިގޮތަށް ޤަޢުމީ ފެންވަރުގައި ހިންގިފައި ނުވި ނަމަވެސް މި ސަރުކާރުން ފުޅާ ދާއިރާއެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

