ޓެކްސް ނަގަނީ އެކިއެކި އާންމު ހިދުމަތްތަކާއި އިންފްރާސްޓްރަކްޗަރއަށް ފައިސާ ހޯދުމަށެވެ. މީގެ ތެރޭގައި ސިއްހީ ޚިދުމަތާއި، ތަޢުލީމާއި، އާންމު ދަތުރުފަތުރާއި، މަގުތައް ބެލެހެއްޓުމާއި، އިޖުތިމާޢީ ޚިދުމަތްތައް ފަދަ ކަންކަން ހިމެނެއެވެ. ޓެކްސް ނެގުމުގެ މައިގަނޑު މަގްސަދަކީ އެ މެދުވެރިކޮށް، ވަސީލަތްތައް ތަރައްގީކޮށް، ސަރުކާރުން މުޅި މުޖުތަމަޢަށް ފައިދާހުރި ޚިދުމަތްތަކާއި ރަނގަޅު ކަންތައްތަކެއް ފޯރުކޮށްދީ، ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމެވެ.
ފިނޭންސް މިނިސްްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓްގައިވާ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 15.1 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު އިތުރުވުމެކެވެ.
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ޓެކްސްއިން ލިބުނު އާމްދަނީ ހިއްސާކުރާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 11.2 ބިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރު އެހާތަނަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.5 އިންސައްތަ އިތުރުވެ، 12.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދެން އޮތް ސުވާލަކީ ޓެކްސްގެ މައިގަނޑު މަގްސަދު ހާސިލްވޭތޯއެވެ. ހަގީގަތަކީ ޓެކްސްގެ ގޮތުގައި ބޮޑެތި އާމަދަނީތަކެއް ސަރުކާރަށް ލިބުނު ނަމަވެސް، މުހިންމު ދާއިރާތަކުން ރަނގަޅު ކުރިއެރުންތަކެއް ނުލިބޭ ކަމެވެ. ޓެކްސް ދެއްކި ނަމަވެސް، ބޭނުންވާ ތަރައްގީއެއްް ބަދަލެއް ނާދެއެވެ. ހާއްސަކޮށް ސިއްހީ ފަރުވާއާއި، އިންފްރާސްޓްރަކްޗަރއާއި، ތައުލީމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ރައްޔިތުން އެދޭފަދަ ނުވަތަ ބޭނުންވާ ހަގީގީ ބަދަލު ނުފެންނަކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ސިއްހީ ދާއިރާއެވެ. މީގެ އެތައް އަހަރެއް ކުރިއާއި، މިހާރު ރާއްޖޭގެ ސިއްހީ ނިޒާމު އޮތް ހާލަތާއި އަޅާ ކީ ނަމަވެސް ތަފާތެއް ނުފެންނަނީ ގެނެވުނު ތަރައްގީއެއް ނެތީމައެވެ. ރައްޔިތުން ދެކޭ ގޮތުގައި ހޮސްޕިޓަލްތަކާއި ކްލިނިކްތަކުގައި ވަސީލަތްތައް މަދުވެ، ރަނގަޅު ސިއްހީ އާލާތްތަކާއި، ބޭހާއި، ހާއްސަ ފަރުވާއެއް ނެތެވެ. ބޮޑު އަދަދުން ޓެކްސް ފައިސާ ދައްކާ ރައްޔިތު މީހާއަށް އެންމެ ފަހުން ޖެހޭ ހާލަކީ، ބޮޑު ހަރަދުކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމެވެ. ޖިއޮގްރަފިކަލީ ގޮންޖެހުންތަކެއް ރާއްޖެއަށް އޮތްއިރު، މިފަދަ ޖަޒީރާ ގައުމެއްގައި ސިއްހީ ދާއިރާއަށް އިންވެސްޓް ނުކުރުމަކީ ހަގީގަތުގައި ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
ރޯޑްވޯތީއާއި އަދި އެހެންވެސް ނަން ނަމުގައި ދައުލަތަށް، މަގުތައް ބެލެހެއްޓުމަށްޓަކައި ރައްޔިތުންގެ އަތުން އެތައް ފައިސާއެއް ނެގި ނަމަވެސް، މަގުތައް ބެލެހެއްޓުމާއި، އެ މަގުތައް ތަރައްޤީ ކުރުމަކީ ކުރިއެރުން ނުލިބޭކަން ފާހަގަކުރެވޭ އަނެއް ދާއިރާއެވެ. ދައުލަތަށް ލިބޭ އާމްދަނީގައި ޓެކްސް ދައްކާ ފަރާތްތަކުގެ ބޮޑު ޙިއްޞާއެއް އޮތް ނަމަވެސް، މުޅި ރާއްޖޭގެ މަގުތަކުގެ ޙާލަތު މިއަދު މިވަނީ އިހުނަށްވުރެ ގޯސްވެފައެވެ. މަގެއް ހެދީއްޔާ ހަދަނީ އަމާ ބުނީ ފަރަށްދާ އުސޫލުންނޭ ބުނުން ގޯހަކަށް ނުވާނެއެވެ.
މިއީ ހަމައެކަނި އުނދަގުލެއްކަމަށް ވިސްނުމަކީ ގޯހެކެވެ. މިއަދު މަގުތަކުގެ ހާލަތު އޮތް ގޮތުން ސަލާމަތާއި ރައްކާތެރިކަންވެސް ކަށަވަރުނުވާކަމުގެ އެތައް ހެއްކެއް ދަނީ ފެންނަމުންނެވެ. އެކްސިޓެންޑްތައް އެހާމެ ގިނައެވެ. މިހެން ހުރި އަސާސީ މައްސަލަތައްކަށް ހައްލު ގެނެސްވިފައި ނެތުމުން، ޓެކްސް ފައިސާއިން ކުރަނީ ކީއްތޯ ސުވާލު އުފަންދަން ޖެހޭ ހާލަތަށް ކަންކަން ވަނީ ގޯސްވެފައެވެ. ފެންނަ މަންޒަރުން ޓެކްސް ފައިސާ ދަނީ ވެރިންގެ ޖީބަށޭ ހިތަށް އަރައެވެ.
ކޮންމެ ޤައުމެއްގައި ނަމަވެސް، ތައުލީމަކީ ތަރައްޤީގެ އެންމެ މުހިންމު އެއް ބިންގާއެވެ. ނަމަވެސް ރާއްޖޭގެ ތަޢުލީމީ ދާއިރާއިންވެސް ފެންނަނީ އިހުމާލެވެ. ގިނަ ސްކޫލްތަކުގައި މުވައްޒަފުން މަދުވެ، ވަސީލަތްތައް މަދުވުމުން ދަރިވަރުންނަށް ތައުލީމީ ގޮތުން ކުރިއަރައި ދިއުމަށް އެކަށީގެންވާ ވަސީލަތްތަކާއި އެހީތެރިކަން ނުލިބެއެވެ. ތަޢުލީމަކީ ޤައުމުގެ މުސްތަޤްބަލަށް މުހިންމުކަމެއް ނަމަވެސް، ޓެކްސްއާއި އެހެނިހެން ގޮތް ގޮތުންވެސް ދައުލަތަށް ލިބޭ އާމްދަނީ އެކަމަށް އިންވެސްޓް ކޮށްފައި ނެތުމުން، އެކި އެކި ސަރުކާރުތަކުގައި ގައުމުގެ މުސްތަގުބަލަށް ދީފައިވާ އިސްކަން ފެނެއެވެ. އިޤްތިޞާދީ ގޮތުން ގައުމުގެ ކުރިމަގު ރަނގަޅުކުރުމަށް އޮތް ހައްލަކީ ތައުލީމީ ގާބިލް ޖީލެއް އުފެއްދުންކަމަށް އެންމެވެސް އެއްބަސްވާއިރު، މިއީވެސް ބޮޑު ކަންބޮޑުވުމެކެވެ.
ދެން އޮތީ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ވާހަކައެވެ. އާންމު ރައްޔިތުންގެ ސިއްހަތުގެ ރައްކާތެރިކަންވެސް ކުޑަމިނުން ކަށަވަރުކޮށް ނުދެވެއެވެ. ރާއްޖެއިން ކާބޯތަކެތީގެ ސަޕްލައިގައި ބަރޯސާވެފައިވަނީ އިމްޕޯޓަށްކަމަށްވާއިރު، އަގު އުފުލި އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް ވަނީ އެތައް ގޮން ޖެހުމަކާއި ކުރިމަތިވެފައެވެ. ދަނޑުވެރިކަމުގެ ތަރައްގީއަށް ނުވަތަ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް، ސަރުކާރުގެ މާބޮޑު ޕްރޮގްރާމްތަކެއް ނެތުމުން ރައްޔިތުން ތިބީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ދަނޑުވެރިކަން، މަސްވެރިކަން، ނުވަތަ ދެމެހެއްޓެނިވި ކާބޯތަކެތީގެ އުސޫލުތައް ކުރިއެރުވުމަށް އިސްނެގުމެއް ނެތުމުން މި މައްސަލަ ދަނީ ދުވަހުން ދުވަހަކަށް ގޯސްވަމުންނެވެ.
ޓެކްސްއާއި އަދި އެހެނިހެން ގޮތް ގޮތުންވެސް ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ކަށަވަރުކޮށްދިނުމަށްޓަކައި ދައުލަތަށް ލިބޭ އާމްދަނީއަށް ސަރުކާރުން އިހުމާލުވުމުގެ އެންމެ ހިތްދަތި އެއް މިސާލަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް މިކަމުގެ އަސަރު ކުރުމެވެ. ނަފްސާނީ އުދަނގޫ ނުވަތަ އެނޫންވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިން ތިބި އާއިލާތަކަށް ގިނަ ފަހަރަށް އެކަށީގެންވާ އެހީތެރިކަމެއް ނުލިބެވެ. އެ ކުދިންނަށް ތައުލީމީ ނުވަތަ ފަރުވާގެ އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރުގެ ޕްރޮގްރާމްތައް ހުރިނަމަވެސް، އެކަށީގެންވާ ގޮތުގައި ހިންގަމުން ނުދާތީ އެކަމުން ނިކުންނަ ހެޔޮ ނަތީޖާއެއް ނެތެވެ. މިހެން ހުރި ކަންކަން ރަނގަޅުވާނެކަމުގެ އުއްމީދުގައި ލިބޭ މަދު އާމްދަނީއިން ޓެކްސް ދެއްކި ނަމަވެސް، ގިނަ ބެލެނިވެރިންނަށް މަޖުބޫރުވެފައިވަނީ އަމިއްލަ ޖީބުން އެތައް ހަރަދުތަކެއް ކޮށްގެން ފަރުވާ ހޯދުމަށެވެ.
މައްސަލައަކަށް ވެގެން މިއުޅެނީ އެއްވެސް ހާލެއްގައި ޓެކްސް ނަގާތީއެއް ނޫނެވެ. ނަމަވެސް އަހަރެއްގެ މައްޗަށް މިލިއަނުން، ބިލިއަނުން ޓެކްސް ލިބެމުންދާއިރު، އޭގެން ނެރެވުނު ނަތީޖާއެއް ފެންނަން ނެތީމައެވެ. ޓެކްސްއޭ ދެންނެވުމުން ރައްޔިތުން ހިތްހަމަ ނުޖެހެނީ މި ސަބަބަށްޓަކައެވެ.
ޓެކްސް ނަގަނީނަމަ، ޓެކްސް ދައްކާ ފަރާތްތަކަށް އޭގެން ފައިދާ ކުރާނެ މަގެއް ތަނަވަސް ކުރެވެން ޖެހެއެވެ. މިއީ މިއަދުގެ އެތައް ކަންބޮޑުވުންތަކަކާއި، މައްސަލަތަކެއްގެ ހައްލެވެ. ގައުމަށް ބޭނުންވި ތަރައްގީ މިއަދާއި ހަމައަށް ކަށަވަރުވެފައި ނެތީ އިހުމާލުތަކުގެ ސަބަބުންނެވެ. މިއީ ވަކި ސަރުކާރަކަށް ނުވަތަ ވަކި ސިޔާސީ ލީޑަރަކަށް އަމާޒުކޮށް އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ ތަހުތާއި ހަވާލުވި ހުރިހާ ވެރިން ޒިންމާ ނަންގަވަން ޖެހޭ މައްސަލައެކެވެ. އަދި މިކަން ހުއްޓުވުމަކަށް ގެނެސް، ރައްޔިތުންނަށް ބަދަލެއް ނުދެއްކިއްޖެނަމަ އަދުގެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުވެސް މި މައްސަލައިގައި ޒިންމާވާން ޖެހޭނެ މައްސަލައެވެ.

