ވަޒީރު ބޭފުޅުންނަށް 500 މެމްބަރުންގެ ފޯމު ހަމަކުރުމަށް އަންގާފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސައްހަ ނޫންކަމަށް ޕީއެންސީގެ ޕީޖީ ގުރޫޕު ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވަޒީރުންނަށް 500 މެމްބަރުންގެ ފޯމު ހަމަކުރުމަށް ޕީއެންސީއިން މަޖުބޫރުކުމުންދާކަމަށް ބުނެ ބައެއް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ އަދަދު ހަމަނުވެއްޖެ ހާލަތެއްގައި ވަޒީފާގެ ބިރު އޮތްކަމަށް ބުނެވެސް މައުލޫމާތު ދައުރުކޮށްފައިވެއެވެ.
މި ތުހުމަތުތަކާއި ގުޅިގެން ”ސަންގު“ އިންވަނީ ޕީއެންސީގެ މެމްބަރޝިޕް ޑްރައިވްގައި އިސްކޮށް ހަަރަކާތްތެރިވެވަޑައިގަންނަވާ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުއާއި ސުވާލުކޮށްފައެވެ. މެމްބަރުން ހަމަކުރަން ވަޒީރުންނަށް މަޖުބޫރީ ހާލަތެއް ކުރިމަތިވެފައިވޭތޯ އާއި އަދަދެއް ކަނޑައެޅިފައިވާކަމާއިމެދު ސުވާލުކުރުމުން ފަލާހު ވިދާޅުވީ، އެ ވާހަކަތަކަކީ އެއްވެސް ވަރަކަށް ސައްހަ ވާހަކަތެއް ނޫންކަމަށެވެ.
ފަލާހު ވިދާޅުވީ، މެމްބަރޝިޕް ޑްރައިވްއެއް ކުރިއަށް ގެންދާނަމަވެސް އެއްވެސް ވަރަކަށް ވަކި އަދަދެއް ހަމަ ކުރުމަށް އަންގާފައިނުވާނެކަމަށެވެ. އަދި ކުރެމުންދަނީ ޕާޓީގެ މަސައްކަތްތަކެއް ކަމަށްވުމުން ޕާޓީގެ މެމްބަރުން އެ ކަމުގައި ޝާމިލުވާނެކަމަށް ފާހަގަކުރެއްވިއެވެ.
ޕީއެންސީއިން އެ ޕާޓީގެ މެމްބަރުންގެ އަދަދުތައް ގިނަ ކުރުމުގެ ގޮތުން މަގުމަތީ ހަރަކާތްތައް ކުރިއަށް ގެންދާއިރު، މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ފަލާހުވަނީ އެ ޕާޓީއިން 75000 މެމްބަރުން ހަމަކުރުމުގެ އަމާޒު ހިފާފައިވާކަން ހާމަކުރައްވާފައެވެ.

