ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގާ، އެ އުޅަނދުގެ ވެރިފަރާތުގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއީ ސްރީ ލަންކާގެ އުޅަނދެކެވެ. މި އުޅަނދުގެ ނަމަކީ ”ޕުޝްޕާ ކުމަރަ“ އެވެ. ގަވާއިދާއި ހިލާފަށް މި އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކޮށްފައިވާތީ، ޖޫރިމަނާ ކޮށްފައިވަނީ 400،000 ރުފިޔާއިންނެވެ. ޖޫރިމަނާ ކުރީ ބޯޓުގެ ވެރި ފަރާތްތަކަމަށްވާ ތަމަންތާ ރުކުމަލް ޕެރޭރާއެވެ.
ފައިސާ ހޯދުމަށް ފިޝަރީޒް މިނިސްޓްރީއިން ވަނީ މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
މި މައްސަލައިގައި ހުކުމް ކޮށްފައިވަނީ އުޅަނދުގެ ވެރި ފަރާތުގެ ޣައިރު ހާޒިރުގައެވެ. މި ހުކުމުގައި އޭނާގެ މައްޗަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ ޖޫރިމަނާއަކީ ސާބިތު ދަރަންޏެއްކަމަށް ވަނީ ކަނޑައަޅާފައެވެ، ފައިސާ ދެއްކުމަށް ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

