މަސްވެރިކަމުގެ ސިނާއަތަކީ އޭގެން ހޯދާ ނަފާއިން ރާއްޖެއަށް އެތައް ހެޔޮ ބަދަލެއް ހޯދެން އޮތް ސިނާއަތެކެވެ. އެހެން ނަމަވެސް އެންމެ އެކަށީގެންވާ އަހަމިއްޔަތުކަން ދީފައިނުވުމުގެ ސަބަބުން ސިނާއަތް އޮތީ ވަރަށް ބޮޑަށް، ހީނަރުވެގެން ގޮސްފައެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އައިސް ބޯމަތިވީއިރު، މަސްވެރިންގެ އެތައް އުދާސްތަކެއް ހުއްޓެވެ.
އެހެންވެ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ މަސްވެރިންނަށް މުހިންމު ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި މި ވައުދުތައް ފުއްދަވާ، މަސްވެރިންނަށް ރަން ޒަމާނެއް ގެނެސް ދިނުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ.
ވެރިކަމަށް އަހަރެއް ފުރުން ފާހަކުރަމުންދާއިރު، މި ވައުދުތައް ފުއްދިފައި ހުރީ ކިހާ މިންވަރަކަށްތޯ ބަލާލުން މުހިންމެވެ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި 17،000 އަށްވުރެ ގިނަ ދިވެހި އާއިލާ ޝާމިލުވާއިރު، ސަރުކާރުން ފާހަގަކުރާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވީއިރު އެންމެ އުނދަގޫ ހާލަތުގައި އޮތީ މަސްވެރިކަމުގެ ސިނާއަތެވެ. މި ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، ދަތިތަކަކީ އެއް ސަރުކާރުން، އަނެއް ސަރުކާރުން ވާރުތަވަމުން އައިސްފައިވާ ކަންތައްތަކެއްކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ރައީސް މުއިއްޒު އެމަނިކުފާނުގެ ޒައާމަތާއި ހަވާލުވީއިރު، މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލަތައް އޮތީ ފުނިޖެހިފައިކަމަށް މަސްވެރިކަމާއި، ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މަސްވެރިކަމުގެ ސިނާއަތުގައި އަޅުގަނޑުމެން ގަރުނު ގުނަމުން މިދަނީ، މަސްވެރި ސިނާއަތަށް އަނެއްހެން ދަންނަވާކަމަށްވާނަމަ، ދިވެހިރާއްޖޭގެ މަސްވެރިން ބާނާ މަސް ޕްރޮސެސް ކުރުމަށްޓަކައި އެންމެ ފުރަތަމަ ފެށިގެން މިދިޔައީ ޅ އަތޮޅު ފެލިވަރު، ފެލިވަރަށް ބައި ގަރުނު ވަނީ، 47 އަހަރު ވެއްޖެ، މިފްކޯ އެ ކުންފުންޏެއްގެ މައްޗަށް މަސްވެރިކަމުގެ މުޅި ސިނާއަތު ބިނާވެފައި އޮތް ކުންފުނި، މިފްކޯގެ ނަމުގައި އަނެހެން ދަންނަވާކަމަށްވާނަމަ މަސައްކަތް ފެށި ފަހުންވެސް 22 އަކަށް 23 އަކަށް އަހަރު ވެގެން މިދަނީ.
ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބާނާ މަސް ޕްރޮސެސް ކުރެވޭނެ ފުރިހަމަ އެކަށީގެންވާ ހަރުދަނާ ނިޒާމެއް ގާއިމްކުރެވިފައި ނެތުން ހިމެނެއެވެ. އަދި މަސްވެރިކަމުގެ މުޅި ސިނާއަތް ބިނާވެފައި އޮންނަ މިފްކޯ އޮތް ހާލަތު ފާހަގަކުރެއްވިއެވެ.
މި ތަންތަން އޮޕަރޭޝަނަށް ގެނައި ފަހުން އެތަކެއް އަހަރުތަކެއް ފާއިތުވެފައިވާއިރުވެސް، އަންނަން ޖެހޭ ކުރިއެރުން އައިސްފައިނުވާކަން މިއީ ހަމައެކަނި މި ސަރުކާރުގެ ވަޒީރު ފާހަގަކުރެއްވި ކަންކަމެއް ނޫނެވެ. ކޮންމެ ބޭފުޅަކުވެސް މިކަން ފާހަގަކުރައްވާ، މަސްވެރިކަމުގެ ސިނާއަތަށް އޮތް ގޮންޖެހުންތަކުގެ ވާހަކަ ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރެއެވެ. އެހެން ނަމަވެސް މިއަދާއި ހިސާބަށް އައިރުގައިވެސް، މި ކަންތައްތަކަށް ހައްލު ހޯދައިދިނުމުގައި ވަށާޖެހޭ، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ނަތީޖާއަކީ މިއަދުވެސް ބާނާ މަސް ޕްރޮސެސް ނުކުރެވިގެން އެތައް ގޮން ޖެހުންތަކެއް މަސްވެރިންނަށް ކުރިމަތިވަމުންދާކަމެވެ.
މި ސިނާއަތަށް މިހާތަނަށް އައިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީރު ވިދާޅުވި ގޮތުންނަމަ ކެޕޭސިޓީ ނެތުމުގެ މައްސަލައެވެ. ސްޓޯރޭޖް ކެޕޭސިޓީކަމަށްވީ ނަމަވެސް، ޕްރޮސެސިން ކެޕޭސިޓީކަމަށްވީ ނަމަވެސް، އައިސް ކެޕޭސިޓީކަމަށްވީ ނަމަވެސް، އެ މައްސަލަ އެބަ އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.
ސްޓޯރޭޖް ކެޕޭސިޓީގެ މައްސަލައިގެ ސަބަބުން ރާއްޖެއިން ބޭނުންވާ އަގުގައި މަސް ބޭރުކުރެވޭކަން ނޯވެއެވެ. ރާއްޖެއަށް ބާނާ މަހުގެ ބޮޑު ބައެއް ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާއިރު، މަސް ބޭރު ކުރަން ޖެހިފައި އޮންނަނީ ގަންނަ ފަރާތުން ބޭނުންވާ އަގެއްގައިކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ މަސް ރައްކާކުރާނެ ސްޓޯރޭޖް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެއްކަންކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވީއިރު، ރާއްޖޭގައި މަސް ފިނިކޮށް ރާއްކާ ކުރެވޭ ސްޓޯރޭޖް ހުރީ ތިން ފެސިލިޓީއެއްގައިކަމަށާއި އެއީ ބޯޓުތައްވެސް ހިމެނޭހެންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރުގެ ފެކްޓަރީތަކުގެ ޖުމްލަ ކެޕޭސިޓީއަކީ 4،250 ޓަނެވެ.
ސްޓޯރޭޖްގެ މައްސަލައަށް ހައްލު ގެނައުމަށް މި ސަރުކާރުގެ މަސައްކަތް:
ވަޒީރު ވިދާޅުވީ މި ސަރުކާރުން ސްޓޯރޭޖް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ރޭވުންތެރިކަމާއިއެކު، ރާއްޖޭގެ ހުރިހާ ރަށަކަށް ހާއްސަކޮށްގެންކަމަށެވެ. އެގޮތުން:
ގދ. ތިނަދޫއަށް 1،000 ޓަނު، ގދ ފިޔޯރީއަށް 3،000 ޓަނު، ގއ. ކޫއްޑޫއަށް 4،000 ޓަނު އަދި ސ. ހުޅުމީދޫއަށް 500 ޓަނު އިތުރުކުރުން ހިމެނެއެވެ.
މެދު ރާއްޖެތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ، ސްޓޯރޭޖް އިތުރުކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ފ. ނިލަންދޫގައި 1،500 ޓަނާއި، މ. މުލަކުގައި 500 ޓަނު އިތުުރުކުރުން ހިމެނެއެވެ.
އުތުރުގައި ހއ. އިހަވަންދޫގައި 1،000 ޓަނާއި، ޅ. ފެލިވަރުގައި 4،000 ޓަނު އިތުރުކުމަށް ވަނީ ރާވާފައެވެ.
މި މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި، ބައެއް މަސައްކަތްތައް އަންނަ އަހަރަށް ނިމެނޭކަމަށް ޝިޔާމް ވިދާޅުވިއެވެ. ސްޓޯރޭޖް ހުރި ސަރަަހައްދަކަށް ދަތުރުކުރުމަށްޓަކައި މަސްވެރިން ތެލަށް ކުރަން ޖެހޭ ބޮޑު ހޭދަޔަށްވެސް މިއާއިއެކު ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
ފެލިވަރަށް ބައިގަރުނު ވެގެންދާއިރު، ސްޓޯރޭޖް ކެޕޭސިޓީ ހުރީ 800 ޓަނުގައިކަމަށާއި، ފެލިވަރުގައި ސްޓޯރޭޖް އިތުރުކުރުމުގެ މަސައްކަތްތައްވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ. އެގޮތުން 4،000 ޓަނު އިތުރު ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން މިހާރު ރާއްޖޭގެ ކޯލްޑް ސްޓޯރޭޖުގައި ހުރި 8،000 ޓަނު 25،000 ޓަނަށް ބަދަލުވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

