އާސަންދައިގެ ޚިދުމަތް ރަސްމީކޮށް ރާއްޖޭގައި ތަޢާރަފުކުރެވުނީ 2011 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މި ޚިދުމަތް އުފެދިގެން އައީ އެލައިޑް އިންޝުއަރެންސްގެ ހިއްސާދާރެއްގެ ގޮތުގައެވެ. މި އުސޫލުން ޚިދުމަތް ދެމުން ގެންދިޔައީ 2015 ވަނަ އަހަރު އާސަންދައިގެ ބާކީ ހުރި ހިއްސާތައް ސަރުކާރުން ގަތުމާ ހަމައަށެވެ.
އާސަންދަ އުފެދުމަށްފަހު އެންމެ އަވަސް ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެނީ 2012 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހު، ސަރުކާރުން ”މަދަނަ“ (ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނިކަމެތިންނަށް އަމާޒުކޮށްގެން ހިންގި ޤައުމީ އިންޝުއަރެންސް ސްކީމް) އާސަންދައިގެ ދަށަށް ބަދަލުކޮށް، ހުރިހާ ރައްޔިތުންނަށް ޚިދުމަތްދޭ ސިއްޙީ އިންޝުއަރެންސް ސްކީމެއްގެ ގޮތުގައި ”އާސަންދަ“ ގެ ހިންގުން އިތުރަށް ހަރުދަނާކުރުމެވެ.
މި ބަދަލުގެ މައިގަނޑު މަޤްޞަދަކީ ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު އަތްފޯރާފަށުގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދޯރުކޮށްދިނުމެވެ. ”އާސަންދަ“ އިން ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ހޯދާ މީހުންނާއި ބޭރު ބަލިމީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން ގެންދިޔައެވެ.
މި ސްކީމްގެ ދަށުން ކޮންމެ މީހަކަށް އަހަރަކު ޖުމުލަ 100,000 ރުފިޔާގެ ލިމިޓެއް ކަނޑައެޅިފައިވާއިރު، އޭގެ ތެރެއިން ބޭރު ބަލިމީހުންގެ ޚިދުމަތްތަކަށް މީހަކަށް 10,000 ރުފިޔާގެ ލިމިޓެއް ކަނޑައެޅިފައިވެއެވެ. ޞައްޙަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑެއް އޮތް ކޮންމެ ދިވެހި ރައްޔިތަކަށް، އެއްވެސް ޕްރީމިއަމެއް ދެއްކުމަކާ ނުލައި މި ސްކީމްގެ ދަށުން ސިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤު ލިބިގެންވެއެވެ.
2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި، މި ސްކީމް އިތުރަށް ފުޅާކޮށް ”ހުސްނުވާ އާސަންދަ“ ގެ ނަމުގައި އަލުން ތަޢާރަފުކުރެވުނެވެ. މި އައު ސްކީމްގެ ދަށުން ކުރިން ކަނޑައެޅިފައިވާ 100,000 ރުފިޔާގެ ލިމިޓް އުވާލެވި، ހުރިހާ ރައްޔިތުންނަށް ލިމިޓެއް ނެތި ސިއްޙީ އިންޝުއަރެންސް ފޯރުކޮށްދިނުމަށް މަގުފަހިކުރެވުނެވެ.
މި ބަދަލުތަކާއެކު، އާސަންދައަކީ ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާގައި އިންޤިލާބީ ބަދަލެއް ގެނެސްދިން ޚިދުމަތަކަށް ވެގެން ދިޔައެވެ. މީގެ ސަބަބުން، ކުރިން ބޭސްފަރުވާއަށް ފައިސާ ހޯދުމުގައި ދިމާވަމުން އައި ގިނަގުނަ ދަތިތަކަށް ޙައްލު ލިބި، ގިނަ ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްޙީ ޚިދުމަތް ލިބުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ.
އާސަންދައިގެ ޚިދުމަތް ތަޢާރަފުވުމާއެކު، ދިވެހިރާއްޖޭގެ ސިއްޙީ ދާއިރާއަށް އައި މި ބޮޑު ކުރިއެރުމަކީ، ރައްޔިތުންގެ ދުޅަހެޔޮ ދިރިއުޅުމަށާއި ޤައުމުގެ އިޖްތިމާޢީ ރައްކާތެރިކަމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ. މި ނިޒާމުގެ ސަބަބުން، ގިނަ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ފަރުވާ ލިބުމުގެ ފުރުޞަތު ފަހިވެ، އެތައް ޢާއިލާތަކެއްގެ މާލީ ބުރަ ލުއިވެގެން ދިޔައެވެ.
އާސަންދަ ސްކީމްގެ ދަށުން ހިމެނޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ކުއްލި ޙާލަތްތަކުގައި ދަތުރުފަތުރުގެ އެންމެހައި ޚަރަދުތަކާއި، 30 އަހަރުން މަތީގެ ފަރާތްތަކާއި 18 އަހަރުން ދަށުގެ ކުޑަކުދިންގެ އަހަރީ މެޑިކަލް ޗެކަޕްތަކާއި، މާބަނޑު އަންހެނުންގެ ސިއްޙީ ޚަރަދުތަކާއި، ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދިގު މުއްދަތުގެ ބަލިތަކަށް ޖެހިފައިވާ މީހުންގެ ފަރުވާގެ ޚަރަދުތައް ހިމެނެއެވެ.
މި މަސައްކަތުގައި އާސަންދަ ކުންފުނީގެ އިސްތިރާތީޖީ އަމާޒަކަށްވީ ޤައުމީ އަދި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް އެއްބާރުލުން އިތުރުކުރުމެވެ. ހޮސްޕިޓަލް ހިންގުމުގެ ތަޖުރިބާއާއެކު، އާސަންދަ ކުންފުންޏަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގެ ނަޒަރެއް ލިބި، ހުސްނުވާ އާސަންދަ ސްކީމް ދެމެހެއްޓެނިވި ގޮތެއްގައި ހިންގައި ބެލެހެއްޓުމަށް މަގުފަހިވިއެވެ.
2019 ވަނަ އަހަރުގެ އޭޕްރިލް މަހުގައި، ސްރީލަންކާ، އިންޑިޔާ އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ސިއްޙީ ފަރުވާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ’މެރަނާ‘ ނަމުގައި ސިއްޙީ އިންޝުއަރެންސް ސްކީމެއް ތަޢާރަފްކުރެވުނެވެ. މިއީ ރަސްމީ ނިޒާމެއްގެ ތެރެއިން ދިވެހިންނަށް ރާއްޖެއިން ބޭރުން ހިލޭ ބޭސްފަރުވާ ދިނުމަށް އެޅުނު އެންމެ މުހިންމު ފިޔަވަޅެވެ.
2020 ސެޕްޓެމްބަރ 27 ވަނަ ދުވަހު، އާސަންދަ މޮބައިލް އެޕްލިކޭޝަން ތަޢާރަފްކުރެވުނެވެ. މި އެޕް އެންމެ ފުރަތަމަ ތަޢާރަފްކުރެވުނީ އެންޑްރޮއިޑް ޕްލެޓްފޯމްގައެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ.
2021 ޑިސެމްބަރުގައި، އާސަންދަ ކުންފުނީގެ 10 އަހަރުގެ ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި، އިތުރު 24 ޚިދުމަތެއް ތަޢާރަފްކުރެވުނެވެ. މި ޚިދުމަތްތަކުގެ ތެރެއިން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން އާސަންދަގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ޚިދުމަތެއް ލިބިގަތުމުން، އެކަމުގެ މަޢުލޫމާތު ރަޖިސްޓަރީކޮށްފައިވާ މޯބައިލް ފޯނަށް އެންގޭ ނިޒާމެއް ޤާއިމުކުރެވުނެވެ. މި އެންގުމުގައި ލިބުނު ޚިދުމަތުގެ ތަފްސީލު، ޚިދުމަތް ލިބުނު ތަން އަދި ޚަރަދުގެ ތަފްސީލު ހިމެނެއެވެ.
މި ބަދަލާއެކު، ރައްޔިތުންނަށް އާސަންދަ (އާސަންދަ އަދި މެރާނާ ސްކީމް) އަދި އެންސްޕާގެ ދަށުން ފޯރުކޮށްދެވޭ ބޭސްފަރުވާގެ ވެލްފެއަރ ޚިދުމަތްތައް އެއް ތަނަކުން ލިބިގަތުމުގެ ފުރުޞަތު ތަނަވަސްވިއެވެ. މީގެ ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއަރއަށް ވަކިވަކިން ފޯމު ހުށަހަޅަންޖެހުނު ނަމަވެސް، މިހާރު އެހީ ބޭނުންވާ ފަރާތުން ހުށަހަޅަންޖެހެނީ އެންމެ ފޯމެކެވެ. މި ބަދަލުގެ ސަބަބުން، ކުރިން ދެ އޮފީހަކުން ވަކިވަކިން ދެމުން އައި ޚިދުމަތްތައް މިހާރު ލިބެނީ އެއް ތަނަކުންނެވެ. އަދި ގިނަ ފަހަރު ލިޔެކިޔުން ހުށަހަޅަންޖެހުމުގެ ބަދަލުގައި އެއްފަހަރު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވުމުން، ޚިދުމަތް ހޯދުމުގެ ތަކުލީފު ކުޑަވެ، ޚިދުމަތް ލިބުން އަވަސްވެގެން ދިޔައެވެ.
2023 އޯގަސްޓް 1 ވަނަ ދުވަހު ’މައި އާސަންދަ‘ ޕޯޓަލް ތަޢާރަފްކުރެވުނެވެ. މި ޕޯޓަލްގެ ޒަރީއާއިން، ޞިއްޙީ ފަރުވާއަށް ސަރުކާރުގެ މެދުވެރިކޮށް އޮންލައިންކޮށް އެހީތެރިކަން ހޯދަން ބޭނުންވާ ރައްޔިތުންނަށް ފުރުޞަތު ލިބިގެން ދިޔައެވެ. މީގެ އިތުރުން، ހުށަހަޅާފައިވާ އެޕްލިކޭޝަންގެ ސްޓޭޓަސް ކޮންމެ ވަގުތެއްގައިވެސް ބެލުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔައެވެ.
މި އިސްލާޙުތަކާއެކު، އާސަންދަ ސްކީމްގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޞިއްޙީ ޚިދުމަތްތައް ލިބިގަތުމުގެ މަގު ތަނަވަސްވެގެން ދިޔައެވެ. މި ބަދަލުތަކަކީ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.
އާސަންދަ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމަށް ވަނީ ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައެވެ. މިގޮތުން، އާސަންދަ ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކަށް އަހަރަކު ދެފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ ޚާއްޞަ ސިޔާސަތެއް އެކުލަވާލައި ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވވާލުވެވަޑައިގަތުމާއެކު ވަޢުދުވެވަޑައިގެންނެވިއެވެ. މި ވަޢުދުގެ ދަށުން، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އެންމެހައި ޞިއްޙީ މަރުކަޒުތަކުން މެޑިކަލް ޗެކަޕް ހެދުމުގެ ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދޭން ވަނީ ފަށާފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ނުރައްކާތެރި ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ހޯދުމަށް މަގުފަހިކުރުމާއި، ޞިއްޙަތު ރަނގަޅުކޮށް، ދުޅަހެޔޮކަމާއެކު ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އެކަށީގެންވާ ބަދަލުތައް ގެނެސްގެން ބަލިތަކުން ރައްކާތެރިވުމަށް އަމާޒު ހިފާފައިވާ ޖީލެއް ބިނާކުރުމެވެ.
ދިވެހި ރައްޔިތުންގެ އުންމީދުތަކާު އެއްގޮތަށް މިއަދުގެ ސަރުކާރުން އާސަންދައަށް ގެނެސްދެއްވާފައިވާ މި ބަދަލަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ދިވެހި ރައްޔިތުންގެ އުންމީދުތައް ބިނާވެފައިވަނީ މިއަދުގެ ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް މި ޚިދުމަތަށް ގެނެސްދޭނެ އިތުރު ހެޔޮ ބަދަލުތަކުގެ މައްޗަށެވެ.

